ކުފޫ ހަމަނުވާ މީހުން އެޑްވައިޒަރުންނަށް ނުގެންގުޅުމަށް ޝައިޚް އަލީ ޒައިދު ރައީސަށް އިލްތިމާސްކޮށްފިއެވެ.
މިސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި ފާޅުގައި ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް ފާޑުކިޔާ ޝައިޚް އަލީ ޒައިދު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ، ލާރި އޮތް ކޮންމެ މީހަކީ އަދި މަގާމުތަކަށް ކުފޫ ހަމަވާނޭ މީހެއް ނޫންކަމަށާއި، ގާބިލް އެކަށޭނަ ބަސްމަގު ރަނގަޅު ރީތި ހުތުރު ދަންނަ މީހުން އެއީ އަސްލު މީހުންކަމަށެވެ.
ޝައިޚް އަލީ ޒައިދު ކުރެއްވި މިޓްވީޓަކީ ސަރުކާރުގެ ސްޕެސަލް އެންވޯއީގެ މަގާމުގައި ހުންނެވި އަބުދުﷲ ޖާބިރު ކުރެއްވި ޓްވީޓަކަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޖާބިރުވަނީ އެބޭފުޅާގެ މަންމައަށް އައުގުރާނަ ގޮވިކަމަށްބުނެ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސަށް އަމުރުކޮށް ޓްވީޓެއް ކުރައްވާފައެވެ. އަދި މިސަރުކާރަކީ ޖާބިރު ހަރަދުކޮށްގެން ގެނައި ސަރުކާރެއްކަމަށާއި ވަގުތުން ވަގުތަށް ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.