މިރޭ ކުލާސް ކެންސަލްވީ ހިސާބު ޓީޗަރ ބަލިވެގެންނެވެ. ކަމެއްނެތި ގޭތެރޭގައި ފޫހިވެގެން ހިނގާލަ ހިނގާލަ ހުއްޓާ ބައްޕަ އައިސް ގެއަށް ވަނީ އިޝާ ނަމާދު ކޮށްލައިގެނެވެ. ކާމޭޒު ދޮށުގައި ބައްޕަ އިށީނުމުން މަންމަ ފަރިތަކަމާއެކު ސުފުރާމަތި ތައްޔާރު ކުރަންފަށައިފިއެވެ. ދާނެ އިތުރު ތަނެއް ނެތުމުން އަހަރެންވެސް ކާން އިށީނދެ ތަށި ގާތްކޮށްލައިފީމެވެ. " މަންމަ ބައްޕައަށް ވުރެ ކިތައް އަހަރު ހަގުވާނެތަ؟" އަހަރެންމީ ސުވާލު ގިނަ ކުއްޖެއްކަން ބައްޕަމެންނަށްވެސް އެގެއެވެ. "17 އަހަރު" ބަތް ސުވަލެއް އަނގައަށް ލަމުން ބައްޕަ ޖަވާބުދިނެވެ." ބަލާލާފަވެސް ހީވެ ބައްޕަ މާބޮޑަށް މުސްކުޅިވެއްޖެހެން" އަހަރެން ބުނެލީ ހިނިގަނޑެއް ޖަހާލާފައެވެ. " ދަރިފުޅުގެ މާމަ، ގަދަކަމުން މަންމަ ދެވީ ދަރިފުޅުގެ ބައްޕައާ. އޭރު ކިރިޔާވެސް އެއްޗެއް ލިބޭމީހަކާ އަންހެންދަރި ހަވާލު ކޮށްލީމަ އެއޮތީވެފަ. " ގެނައި ކުޅިމަސް ކޮޅު މެޒުމަތީ ބަހައްޓާފައި ދަމުން މަންމަވެސް އެއްޗެއް ބުނެލިއެވެ. " އެއީ ތެދެއް. އޭރު ބައްޕަ ދަނީ މަހަށް. ކަރިީމް އާއި ބައްޕައަށް އެލިބޭ އެތިކޮޅަކީ ވަރަށް ބޮޑު އެއްޗެއް އޭރު. މިގޮތަށް ކާން ލިބޭ އިރެއްނޫން އެއީ" ބައްޕަވެސް އެކަމަށް އެއްބަސްވެލިއެވެ. ގަދަކަމުން ކައިވެނި ކުރިޔަސް އުމުރު ބޮޑު ތަފާތު ކަމެއް ދެއްކިޔަސް މަންމަ އާއި ބައްޕަ މިހާރު ހަމަގައިމުވެސް އެކުގަ އެއުޅެނީ ލޯބިންނެވެ. " ކަރީމް އެއީ ކާކު؟" ބައްޕަ އެބުނި ކަރީމަކީ އަހަރެން ހަމަގައިމުވެސް ދެކުނު މީހެއް ނޫނެވެ. " މިރޭ ހާދަ ސުވާލެއް ދަރިފުޅު ތިކުރަނީ" ބައްޕަ އަހަރެންގެ ސުވާލަށް ޖަވާބެއް ނުދިނެވެ. " ކަރީމް އެއީ ބައްޕަގެ އެއްބަނޑު އެއްބަފާ ހަމައެކަނި ހުރި ކޮއްކޮ. މައިންބަފައިން ދުނިޔޭގަ ނެތި ދެބެއިން އެކު އެކީގަ އުޅެ ބޮޑުވީ. ކަރީމް މަރުވި އިރު އޭނަ އަދި މީހަކާވެސް ނީންދެ. 16 ވަރަކަށް އަހަރު އޭރު ކަރީމްއަށް ވާނީ" މަންމަ އައިސް ކާން އިށީންނީ އަހަރެންގެ ސުވާލަށް ޖަވަބު ދެމުންނެވެ. ބައްޕަ ފަރާތު ތިމާގެ އެކަކުވެސް ނުހުންނަނީ ކީއްވެ ބާއޭ ކުރިންވެސް ހިތަށް އަރައެވެ. "އެ ކީއްވެ އެހާ ޒުވާން އިރު މަރުވީ. ބައްޔެއް ޖެހުނީތަ." އަހަރެން އެވާހަކައަށް ޝައުގުވެރި ވެއްޖެއެވެ. މަންމަ ބަލައިލީ ބައްޕަގެ މޫނަށެވެ." މީހަކު ހެދި މަރުގެ އެތިފަހަރެއްގަ ޖެހުނީ." ބައްޕަ ޖަވާބު ދިނެވެ. އެހާވަރުން އަހަރެންނަކަށް ނުވިސްނުނެވެ. އިތުރަށް ސުވާލު ކުރުމުން ބައްޕަ އެހާދިސަ އަހަރެންނަށް ކިޔައިދެން ފެށިއެވެ.
" މިހާރު އެއަހަރު ސީދާ ނޭގެ ބުނާކަށް. ހީވަނީ 1972 ހެން އެއީ. ބައްޕައަށް އޭރު 30 އަހަރު. ކާބޯތަކެއްޗަށް އިންތިހާއަށް ދަތިއިރެއް އެއީ. އެކަމަކު މީހެއްގެ ރުކެއްގެ ދޮށަށް ވެއްޓިފައޮތް ކާއްޓެއްގަވެސް އަތްލުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއް. އަދަބު ނުދެވުނު މީހަކަށް ދައްކާލަނީ ފަންޑިތައިގެ ބާރު. ފަންޑިތަ ހައްދުފަހަނަ އާޅާފަ އޮތް އިރެއް އެއީ. ހަދާ އެތިފަހަރު ހަދާލަނީ ސީދާ މަރަން. ކަރީމް އައީ ގަދަ ހުމެއް. އޭރު ދެވެން އޮތްހާ ފަރުވާއެއް ކަރީމް އަށް ދެވޭތޯ ބައްޕަ ބެލިން. އެކަމަކު މަރު އައިސް ގޮވައިލުމުން ހިފަހައްޓަން ބައްޕަ މީ ކަކު" ބައްޕަ ކިޔައިދެމުން ދިޔައީ އެދުވަސްތައް ހަދާން އާ ކުރަމުންމެވެ. ކަރީމް މަތިން ހަދާންވެ ދެރަވެއްޖެ ކަމުގެ ކުލަވަރު ދެލޮލުން ފެންނަން ހުއްޓެވެ. އަހަރެންނަށް އިތުރަށް ސުވާލު ކުރާކަށް ނުކެެރުނެވެ. ދެން ވާހަކަ ދައްކަންފެށީ މަންމައެވެ. " އޭރު ފާހަނަ ކުރަން ދާނީވެސް އަތިރިއަށް. މިހާރު ހުންނަ ފާހަނަތަކެއް ނުހުރޭ އޭރަކު. ކަރީމް ހުންއައިސްފަ ހުންނަނީ ހިރިލަންދޫއިން އައި ފަހުންވެސް. އެއްރޭ އަތިރިއަކަށް އެރިލާފަ ގެއަށް އައީ މަގުމަތީ ހުންގަދަވެ އަނބުރައި ގަނެގެން ކަރީމް ވެއްޓުނީ ޖެހިގެން މިހިރަ ދިލްބަހާރުގެ ކައިރިޔަށް. އޭރު ބޮޑު ނިކަ ގަހެއް އެތަނުގައި ހުންނާނެ. މަންމަ ބަލަން ހުއްޓާ ކަރީމް ވެއްޓުނީ. އޭގެ ފަހުން އެހެން އޮވެ ނިމިގެން ދިޔައީ. ކަރީމް އެއީ ނުބައި މީހެއްނޫން. އެކަމަކު ކަރީމުއަށްވެސް ގޯހެއް ހެދުނީ . އޭނަ ރައްޓެހި ދީދީ އާއި ދެމީހުން ވަޑާމަށް ހިރިލަންދޫއަށް ފުރީ ބޮޑުގެ މުހައްމަދުގެ ރުކަކުން ވަގަށް ކުރުނބާ އިހަލެއް ހިފައިގެން. ބަދަލަކަށް ލިބުނީ މަރު" މަންމަގެ ވާހަކައިން އަހަރެންނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެވަރު ކަމަކާ އެހާބޮޑު އަދަބެއް ދީފަނެ ހެއްޔެވެ." މަންމަމެނަށް ކިހިނެއް އެނގުނީ ފަންޑިތަ ކަމެއް ޖެހިގެން ކަމެއް ކަރީމްބެ މަރުވީ. ވެދާނެނު ކަރީމްބެގެ އަޖަލު ޖެހުނީމަ ދިޔައީ ކަމަށްވެސް. އަހަރެން ގަބޫލްކުރާ އެއްޗެއްނޫން ތިބުނާ ފަންޑިތަ އަކީ. މަންމަމެންވެސް މާބޮޑަށް އޭރުގެ ބޯދާ ކަންތައްތައް ގަބޫލް ކޮށްފަ ތިއޮތީ." އަހަރެން ވާހަކަ ދެއްކީ އަހަރެންގެ ހިޔާލުހުރި ގޮތަށެވެ. މަންމަ ބަލަލީ ބައްޕަގެ މޫނަށެވެ. ފުންނޭވައެއް ދޫކޮއްލަމުން ބައްޕަ ވަހަކަ ދައްކަން ފެށިއެވެ." ކަރީމްއާއި އެކު ދީދީވެސް ވަރަށް ބޮޑަށް ބަލިވި. ކަރީމް މަރުވިތާ ދުވަސްކޮޅެއް ފަހުން ދީދީ އެކަމުން ސަލާމަތްވީ. އެދެމީހުނަށް ފަންޑިތަ ހެދީ މުހައްމަދުކަން ބައްޕައަށް އެނގުނީ މުހައްމަދު އައިސް ބައްޕަ ކައިރީ މާއަފަށް އެދުމުން. އެކަމަކު ބައްޕަ ކީއްކުރަން އޭނައަށް މާފްކުރަންވީ. ބައްޕަގެ ހުރި ހަމައެކަނި މީހަކީ ކަރީމް. ބައްޕަ ފަހަތުން ނުނެއްޓި އުޅެ ބޮޑުވި ކުއްޖެއް އެއީ. " ބައްޕައާ ދެކޮޅަށް އިތުރަށް އަހަރެންނަށް އެއްޗެއް ނުބުނެވުނެވެ. ތަނަށް ދެން ވެެރިވެގެން ދިޔައީ ހިމޭން ކަމެކެވެ. " ދެން މިހާރު ކޮބާ ތިބުނާ މުހައްމަދު." އަހަރެން ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި ސުވާލު ކޮށްލީމެވެ. " މުސްކުޅި މަރުބަލީގަ 10 ވަރަކަށް އަހަރު ކުރިން މަރުވެއްޖެ. މަރު ނުގަންނަވާފަ ކިތަންމެ ދުވަހަކު އޭނަ އޮތް. އެންމެ ފަހުން އެކަން އެނގޭ އޭނަ ތިމާގެ މީހަކު އައިސް އާދެސްކޮށް ވިސްނައިދިނީ މާފު ދޭށޭ ކިޔާފަ. ދެން  ބައްޕަ މުހައްމަދައް މާފު ކުރީ. މާފު ކުރިތާ ހަ ގަޑިއިރު ނުވޭ މުހައްމަދު މަރުވެގެން ދިޔައިރު." މަންމަގެ ވާހަކައިން އަހަރެންނަށް ލޯ ބޮޑުކޮށްލާފައި ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. ފުންނޭވައެއް ބޭރުކޮއްލަމުން ބައްޕަ ބޯޖަހައިލީ މަންމަގެ ވާހަކައަށް އެއްބަސް ވަމުންނެވެ. އިތުރަށް ކުރާނެ ސުވާލެއް އަދި ބުނާނެ އެއްޗެއްވެސް އަހަރެންނަކަށް ނޭންގުނެވެ. ކައި ނިމިފައި އިނުމުން ބައްޕަ ތެދުވެގެން ހިނގައްޖެއެވެ. މަންމަވެސް ނިމިފައި އިނުމުން މަންމަ ކެއި ތަށީތެރެއަށް ބައްޕަ ކެއި ތަށިލައިގެން ބަދިގެއަށް ވަދެ ގެއްލިއްޖެއެވެ. ތެދުވަންވެސް ނޭންގިފައި ޖެހި ބުދެއްހެން އިނދެވުނީ އަހަރެންނަށެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *