ދަރިންނަކީ އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. ކުޑަ ދަރިފުޅު ދުނިޔެއަށް އުފަންވާނީ އެއްވެސް ކުށެއް، ފާފައެއްނެތް ޙާލުގައެވެ. އެއްވެސް ކަމެއް ކުރަން ނޭނގޭ ޙާލުގައިވެސް މެއެވެ. ދުވަހެއް ދުވަހަކަށް ދަސްކުރާ ކަންތައްތައްވެސް އިތުރުވެއެވެ. ދަރިފުޅު ބޮޑުވަމުން އަންނަ މާޙައުލުގެ ކަންތައްތައް ވަރަށް އަވަހަށް ނަގައިގަނެ ދަސްކުރެއެވެ. ރަނގަޅު ކަންތަކާއި ރަނގަޅުނޫން ކަންތަކެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ތެރެއިންނެވެ.

އަހަރެމެން ތައްޔާރުވަމުން މި އަންނަނީ ބަރަކާތްތެރި ރަމަޟާން މަހަށެވެ. ބެލެނިވެރިކަމުގެ ރޯލު މިމަހުގައި ޚާއްޞަވާން އެބަ ޖެހެއެވެ. މި މަތިވެރި މައްސަރަކީ ކޮބައިކަން އެ ކުދިންނަށް އަންގައިދޭން ޖެހެއެވެ. އަދި ރޯދަ މަހަށް އެކުދިން ލޯބި ޖެއްސުމާއި، މި މަހުގެ މަތިވެރި ކަމާއި، ރޯދަ ވެރިޔާ ރޯދައަށް ހުންނައިރު ﷲ ގެ ހަޟްރަތުގައި އޭނާގެ މާތްކަން ބުނެދީ ހެދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކުޑައިރުގައި މިފަދަ ކަންތައް ދަސްވެއްޖެނަމަ ބޮޑުވެގެން އެ ކުއްޖެއްވާނީ ތަޤުވާވެރި ކިޔަމަންތެރި ދަރިޔަކަށެވެ.

އެގޮތުން ދަރިފުޅު މި މާތް މަހަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރާށެވެ. އަދި ރޯދަވެރިޔާއަށް ސުވަރުގޭގައި ލިބެންހުރި ޘަވާބާއި ދަރުމަ ބުނެދިނުމާއި އެކު، ރޯދަ އަކީ ހަމައެކަނި ﷲއަށް ކުރާ އަޅުކަމެއް ކަން ނުހަނު ލޯތްބާއި، އޯގާތެރިކަމާއި އެކު ބުނެދޭށެވެ. އަދި އެ ވަގުތު ދަރިފުޅު ކުރާ ސުވާލުތަކަށް ވިސްނުންތެރި ކަމާއިއެކު ޖަވާބުދޭށެވެ. ކިތަންމެ ވަރަކަށް ދަރިފުޅު ސުވާލުކުރިއަސް ރުޅި ނާންނާށެވެ. ދަރިފުޅުގެ ވިސްނުމާއި އެއްވަރަށް ކަންކަން އޮޅުން ފިލުވައިދީ، ކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ.

ފާހަގަ ކޮށްލެވޭ ވަރުގެ ޢާއިލީ އެއްވުމަކާއި އެކު، ދަރިފުޅު މި މާތް މައްސަރާއި މަރުޙަބާ ކިއުއްވާށެވެ. އަދި މި މަހުގައި ކުރާނެ ކަންކަން އެ ޢާއިލީ އެއްވުމުގައި ހާމަ ކުރާށެވެ. ރޯދައަށް ހުންނަ ވަގުތު ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުން އަދި އެކަކު އަނެކަކަށް އެހީތެރި ވުމަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކާށެވެ. އަދި އެކަންތައްތައް ކުރުމުގެ ހިތްވަރު ދަރިފުޅަށް ލިބޭގޮތަކަށް ޢާއިލީ ބައްދަލުވުން ކުރިއަށް ގެންދާށެވެ. މިކަމުގައި ޢާއިލާގެ އެހެން މެންބަރުންގެ ދަރިން ޝާމިލްކުރާށެވެ. ޢާއިލީ ބައްދަލުވުމުގައި ރޯދަމަސް ނިމެންދެން އެންމެ ރަނގަޅަށް އާދަތައް ބެހެއްޓި ކުއްޖަކަށް އިނާމެއް ހުށައަޅާށެވެ. ސަބަބަކީ އެއީ ކުޑަ ކުދިންނަށްވުމެވެ. އެކުދިންނަށް ވިސްނުވައިދީ ހެޔޮ ގޮތްތައް ބުނެދޭންވާޏީ އެކުދިންގެ ލެވެލްއިންނެެވެ.

ރޯދަމަހުގެ އެންމެ ފަހު ދުވަހު ޢާއިލީ އެއްވުމެއް ބާއްވާށެވެ. އެ އެއްވުމުގައި އެންމެ ބޮޑަށް ހިތްވަރު ކުރި ކުދިންނަށް ހައްޤުވާ އިނާމު ދޭށެވެ. އަދި ރޯދަމަހުގައި އެ ކުދިން ކުރި ހިތްވަރަށް އައްސަރިބަހުން ސާބަސް ކިޔާށެވެ. އެއަށްފަހު ރޯދަމަހުން ލިބުނު ތަރުބިއްޔަތާއި ހިއްވަރުގައި އަހަރުގެ ހުރިހާ މަހެއްގައި ވެސް ﷲ އަށް ތަޤުވާވެރިވެ، އަޅުކަން ކުރުން މަތީ ދެމިހުރުމަށް ނަޞޭތަތްތެރި ވާށެވެ. 

މި ގޮތަށް ކަންތައް ކުރެވިއްޖެނަމަ އެ ކުދިން ތިބޭނީ ދެން އަންނަ ރަމަަޟާން މަހެއް އަންނަންދެން ކެތް މަދުވެފައެވެ. ތީން ކޮންމެ މީހެއްގެ ދަރިޔަކީ ސާލީހު ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތު ކުތެވޭތޯ މަސައްކަތް ކުރާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *