ދިވެހި ކާބަފައިންގެ ދިރިއުޅުމަކީ މައިގަނޑުގޮތެއްގައި މަސްވެރިކަމުގެ މައްޗަށް ބިންގާ އެޅިދިޔަ ދިރިއުޅުމެއްކަން ދިވެހިތާރީހުން ފެންނަން އޮތުމަކީ ކޮންމެ ދިވެއްސަކުވެސް އެކަމަށްޓަކައި ފަހުރުވެރިވާނޭ ކަމެކެވެ. ގަދަވަޔާ، ބޯކެރިއާ އަދި ދިން އަތްވަކަށް ނުބަލާ ކުރިމިންނަތް މަސައްކަތް މިޖީލާއި ހަމައަށް ވާސިލްކޮށްދީފައިވުމީ އެކަމަށްޓަކައި ޝުކުރުވެރިވުން ހައްގުވާނެކަމެކެވެ.

ގިނަ އާއިލާތައް މަސްވެރިކަމުން ލިބޭ މަންފާގެ މައްޗަށް ބަރޯސާވެ ދިރިއުޅުން ކުރިއަށް ގެންދިޔައީ ފިސާރި ޖޯރުގައިކަން މިއީ ހަގީގަތެވެ. އަތު މުލައްދަނޑީގެ ބާރުން ފަލިޖަހާ އައިން ކުރިޔަށްއަރާ މަސްއައިން ކިޔަމަން ކުރުމަކީ މިހާރުގެ މަސްވެރިކަމުގެ ޖީލަށް ކުޅަދާނަ ކަމެއްކަމުގައި ނުވެދާނެއެވެ. ރިޔަލާއި ފަލިން ދެއްކި ހިތްވަރަކީ މިރީތި މަސައްކަތް މިއަދާއި ހަމައަށް ފޯރުމުގެ އަސްލެވެ. މެންދަމާއި ތެދުވެ އެންދަމަންގޮސް ބޮޑުފަތިހާ މަސްއައިން އަތްދަށުލުމަކީ މަސްވެރިންގެ ކޮންމެދުވަހެއްގެ މަގްސަދެވެ. ހައްސަބޭވުނަސް އެއިރަށް ބަލާނަމައެއީ ލައްކަ ބޮޑުވަރެކެވެ. އާއިލާތަށް ތިބޭނީ ފުދިގެންނެވެ.

ދިވެހިންނަކީ ފުދުންތެރި ބައެކެވެ. ޒަމާން ތަހުޒީބުވެދާ އަވަސް ދުވެލީގައި އިންޖީނުތަކާއި އެކު އޮޑިފަހަރުގެ ދުވެލި ހަރުވެޖެއެވެ. މަސްވެރިކަމުގެ އުކުޅުތަކާއި ބޭނުންކުރާ ވަސީލަތްތަކަށް ހެޔޮބަދަލުތަކެއް އަތުވެއްޖެއެވެ. އެހެންނަމަވެސް ހަގީގަތަކީ މަސްވެރިކަމަކީ ފިސާރިކެރޭ ފަރުދުންނަށް ނޫނީ ނުކުރެވޭނެ މަސައްކަތަކަށްވުމެވެ. ޒަމާން މިދެކޭ މަސްވެރިކަމަކީ ހަމައެކަނި އަނގައަށް މީރު ކަޅުބިލަމަހުގެ މަސްވެރިކަމެއްވެސްނޫނެވެ. މަސްވެރިކަންމިވަނީ ފުޅާދާއިރާއެއްގެ މަސައްކަތަކަށްވެފައެވެ. އިހުގެ މަސްވެރިން ބާނާމަސް ގޭގައި ކައްކަން މަޖުބޫރުވުމަކީ އޭރުގެ ހާލަތު ނިޔާކުރިގޮތެވެ.

އޮޑި ދޯނިފަހަރަށްއައި ކުރިއެރުމާއި ލާބަހުރި ބަދަލާއި އެކުވެސް މަސްވެރިކަމަކީ ލުއިމަސައްކަތެކޭ ބުނެވޭނެ ޖާގައެއްނެތެވެ. ކޮންމެ މަސްވެރިކަމަކީވެސް އެހާމެރީތި މަސައްކަތެކެވެ. މިއަދަކީ ހަގީގީ ފަހުލަވާނުންގެ ދުވަހެކެވެ. މަސްވެރިންކުރާ ބުރަމަސައްކަތުގެ އަގުވަޒަަން ކުރުމުގެގޮތުން މިފަދަ ދުވަހެއް ފާހަގަ ކުރާކަމީ ނުހަނު އުފާހުރި ކަމެކެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނަށާއި އަދި މަސްވެރި އާއިލާތަކަށް ޖަޒީރާ ނޫހުގެ ފަރާތުން އަރިސްކުރަން. ދުއާއަކީ ދިވެހި ކަނޑުތަކުގައި ރޯދި ބަރަކާތް އިތުރުކޮށްދެއްވާ މަސްވެރިންކުރާ ބުރަ މަސައްކަތުގައި ﷲ ސުބްހާނަހޫ ވަތައާލާ ރަހްމަތްލެއްވުން.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.