އިންޑިއާގެ "ނެޝަނަލް އެސޯސިއޭޝަން ފޯރ ދަ ބްލައިނޑް" ގައި ލޯފަން ކުދިންނަށް ފޮޓޯ ނަގަން އުނގަންނައި ދޭން ފަށައިފިއެވެ. އެސޯސިއޭޝަންގެ ސީއީއޯ ބުނާ ގޮތުގައި، މި އެސޯސިއޭޝަންގެ މައިގަނޑު މަގްސަދަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައި ތިބި ކުދިން ކަމުގައި ވިޔަސް އަންމުންނެކޭ އެއްފަދައިން މުޖުތަމައަށް ނުކުމެވޭނޭ ވަރުގެ ހުނަރުވެރި، ގާބިލް ބައެއްގެ ގޮތުގައި ހެދުމެވެ.
ގުރޭޑް 12 ގައި އުޅޭ 17 އަހަރުގެ ރާހުލް އަކީ ލޮލަށް ނުފެނި ފޮޓޯނަގައި އެފޮޓޯތައް ސޯޝަލް މީޑިއާ އަށް އަޕްލޯޑު ކުރުމުގެ އިތުރުން އޭނާގެ އަމިއްލަ ޔޫޓިއުބު ޗެނަލެއް ހިންގައި، އިންޑިއާގެ އެތައް ބައެއްގެ ސަމާލުކަން ހޯދަމުން ގެންދާ ލާމަސީލު ނަމޫނާއެކެވެ. އޭނާގެ ޔޫޓިއުބު ޕޭޖަށް އިތުރު ތަރުހީބެއް ލިބިގެން ދިޔައީ އޭނާގެ އަމިއްލަ ލަވަޔާއި އަމިއްލަ ރެޕް ތަކެއް އަޕްލޯޑު ކުރަން ފެށި ފަހުންނެވެ. ލޮލުގެ ފެނުމުން މަހުރޫމު ވެފައި ވީ ނަމަވެސް ރާހުލް މި ހުރިހާ ކަމެއް ކުރަމުންދަނީ އެކަނިމައި އެކަންޏެވެ. އެއްވެސް މީހެއްގެ އެހީއަކާ ނުލައެެވެ.
ރާހުލް އެކޭ އެއްފަދައިން ލޮލަށް ނުފެނި ފޮޓޯނެގުމަށް ޝައުގެވެރިކަން ހުންނަ ކުދިން ބައިވަރެވެ. މި ކުދިންނަށް ފޮޓޯ ނަގަން ދަސްކޮށްދެމުން ދަނީ އިންޑިއާގައި ފެޝަން ފޮޓޯގްރަފީއިން އެތައް ބައިވަރު ވަނަ ވަނައެއް ނަގައިފައިވާ ނަން މަޝްހޫރު ރިޗާ މަހޭޝްވަރެވެ. ލޯފަން ކުދިންނެއް ކަމަކު މުޖުތަމައަށް އެހީ ވެދީ އެކުދިންގެ އަަމިއްލަ ފައިމައްޗަށް ތެދުވުމަކީ ރިޗާގެ ވަރަށް ބޮޑު އުއްމީދެއްކަމުގައި ރިޗާ ބުންޏެވެ. އަދި މިކަން ހާސިލް ކުރުމަށްޓަކައި އޭނާ އަށް ކޮށްދެވެން އޮތް އެންމެ ބޮޑު ކަމަކީ އޭނާއަށް ފޮޓޯގްރަފީ އިން ލިބިފައިވާ އިލްމު އެކުދިންނަށް އުނގަންނައި ދިނުން ކަމަށްވެސް އޭނާ ބުންޏެވެ.
ފޮޓޯ ނެގުމަކީ އޭގެ ޒާތުގައި ލޮލުގެ ފެނުމަށް ބަރޯސާވެގެންވާ ކަމަކަށް ވާއިރު މިއީ ގަބޫލު ކުރަންވެސް ދަތި ވާހަކައެވެ. ހަމައެއާއެކު، އެކުދިން އެކަން ކުރަނީ ކިހިނެއްކަން ކިޔައިދޭންވެސް އުނދަގޫ ކަމެކެވެ. ހަމަ ލޮލަށް ނުފެންނަހާ ހިނދަކު ގަބޫލު ނުކުރެވޭ ކަހަލަ ވާހަކައެކެވެ.
"މި ކުދިން ބޭނުން ކުރަމުންދާ ހުރިހާ ކެމެރާ ތަކަކީވެސް އަމާޒުކޮށްލުމަށްފަހު، އެއްފަހަރު ކެޕްޗާރ ބަޓަން އަށް ފިތާލުމުން ފޮޓޯ ނެގޭ ކަހަލަ ކެމެރާ ތަކެކެވެ. އެހެންކަމުން އެކުދިން އަމިއްލައަށް ކެމެރާގެ ސެޓިންްގްސް ހަދާކަށް ނުޖެހޭނެެއެވެ. މިކަމަށް ހުރި ޝައުގުވެރިކަމުގެ ސަބަބުން އެކުދިންނަށް މި ހުނަރު ނަގައިގަތުން ވީ އާދަޔާހިލާފު ފަސޭހަ ކަމަކަށެވެ. ކޮންމެ ކުއްޖެއްގެ ބޮލަށް ވަކި ވަކިން ފްރޭމިންގް އަޅައި ދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކުދިންނަށް ފޮޓޯގްރަފީގައި ހިމެނޭ މައިގަނޑު ފިލާވަޅުތައް ނަގައި ދިނީ އަޅުގަނޑެވެ." ރިޗާ މަހޭޝްވަރް ބުންޏެވެ.