ގިނަބައެއްގެ ތަރުހީބު ލިބެމުންދާ ހެންރީ ވޫ އަކީ ލަންޑަނަށް އުފަން ހުނަރުވެރި ކީބޯޑިސްޓެކެވެ. ހަމަ އެހާމެ ކުޅަދާނަ މިއުޒިކް އުފެއްދުންތެރި އެކެވެ. ހެންރީގެ މަންމަ އަކީ ޗައިނާ މީހެކެވެ. އަދި ހެންރީގެ ބައްޕަ އަކީ އިނގިރޭސި ވިލާތުގެ މީހެކެވެ. ތަފާތު މިއުޒިކު ސްޓައިލްތަކުގެ އިލްމުވެރިއެއް ކަމުގައިވާ ހެންރީ ވޫ އުފައްދާ މިއުޒިކުތަކުގައި، ހަތް ދިހައިގެ އަހަރު ތަކުގެ ޖޭޒް މިއުޒިކާއި "ފަންކު" މިއުޒިކާއި، "ކޮންޓެމްޕޮރަރީ ހިޕް ހޮޕް" އަދި އިލެކްޓްރޯނިކް ޑާންސް ވެސް ހިމެނެއެވެ. ނަމަވެސް، ހެންރީ މަޝްހޫރު ވެފައި ވަނީ އޭނާގެ އަމިއްލަ އުފެއްދުމެއް ކަމަށް ވާ "ވޫ ފަންކް" ގެ ނަމުން ފާހަަގަވެގެން ދިޔަ މިއުޒިކަކުންނެވެ. މިއީ ހެނދުނު ހޭލައި ސައިތައްޓެއް ބޯލަމުން، އަޑު އަހާލަން ވަރަށް ތަފާތު އަދި ވަރަށްވެސް ހިތް ގައިމު މިއުޒިކުގެ ވައްތަރެކެވެ.

ސުކޫލު ދައުރުގައި ބެރު ޖަހަން އުޅުނު ހެންރީ، ކޮލެޖުގައި ވެގެން ދިޔައީ ކީބޯޑު މާހިރަކަށެވެ. ކިޔެވުމުގެ މަރުހަލާ ނިމިގެން ދިޔައިރު އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑުތަކުން ބޭނުން ޖެހިފައިވާ ފެންވަރުގެ ކީބޯޑިސްޓަކަށް އޭނާ ވެގެން ދިޔައެވެ. އޭނާގެ ޒުވާން އުމުރު ހޭދަ ވެގެން ދިޔައީ ކޭޓީ ބީ ފަދަ އިނގިރޭސި ވިލާތުގައި ނަން ވިދަމުން އައި ތަރިންނާއި އެކީ އިލެކްޓްރޯނިކް މިއުޒިކު ކުޅުމުގައެވެ. 2011 ވަނަ އަހަރުގައި ހެންރީ އިސްލާމް ދީން ގަބޫލު ކުރުމާއި ވިދިގެން އޭނާ މިއުޒިކު ނެރެން ފެށީ އަމިއްލަ މަސައްކަތުންނެވެ.

ހެންރީގެ މި ތަފާތު މިއުޒިކަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައީ 2016 ވަނަ އަހަރު އޭނާ އުފެއްދި ޖޭޒް ބޭންޑް، "ބުލެކް ފޯކަސް" އާއި އެކުގައެވެ. މި ބޭންޑުގައި އުޅުނީ ހެންރީއާއި، ޔޫސުފް ކަމާލް އަދި ޑްރަމަރ ޔޫސުފް ޑޭސެވެ. ބުލެކް ފޯކަސް އިން ނެރުނު އަލްބަމް ވެގެން ދިޔައީ މުޅި ދުނިޔޭގެ ތާއިދު ލިބިގެން ދިޔަ ތަފާތު އަލްބަމަކަށެވެ.

ނަމަވެސް ބުލެކް ފޯކަސް އަށް ފަހު ޔޫސުފް ކަމާލް ބޭންޑް ދޫކޮށްލިއެވެ. ޔޫސުފްގެ މި ފިޔަވަޅު ވެގެން ދިޔައީ އެ 29 އަހަރުގެ ހުނަރުވެރި ފަންނާނުގެ އާ ފެށުމަށެވެ. އައު ޖޯޝަކާއި އައު ރޫހަކާއިއެކު ފެށިގެން ދިޔައީ އިތުރު އަލްބަމެއް ހެދުމުގެ މަސައްކަތެވެ. އޭނާ މުޅި އަލްބަމް ރިކޯޑު ކުރީ ޑްރަމަރު ޖޯޝް "މިކްނާސްޓީ" މެކެންޒީ އާއި ބޭސިސްޓް ޕީޓް މާރޓިން އާއި އެކު އޭނާ މަންމަގެ ގޭ ފެންޑާ ތެރޭގައެވެ. ހެންރީ ވޫގެ ވަރުގަދަ އެނބުރި އައުމަކާއެކު އޭނާގެ ލަވަތައް ވަނީ 2018ގެ ގަދަ ދިހައެއްގެ ތެރޭގައެވެ.

"އަހަރެން އަތުގަ އެއްވެސް ލާރިއެއް ނެތް، ސްޓޫޑިއޯ އެއްވެސް ނެތް، އަހަރެން އަތުގައި އޮތީ ހަމަ އެކަނި މައިކެއް، އަހަރެން މި އަލްބަމް އުފެއްދީ ހަމަ އެކަނި މިއުޒިކަށް ކުރާ ލޯބީގެ ބޮޑުކަމުން" ކަމާލް ވިލިއަމްސް ބުންޏެވެ.

ހެންރީ ވޫ އަށް ކިޔާ އަނެއް ނަމަކީ "ކަމާލް ވިލިއަމްސް" އެވެ. އެއީ ކީއްވެގެން ކިޔާ ދެ ނަމެއް ތޯ އޭނާ ގާތުގައި ވަރަށް ގިނަމީހުން ސުވާލު ކުރެއެވެ. އަދި މީހުން ސުވާލު ކުރުމުން ހެންރީ އެމީހުންނަށް ދޭ ޖަވާބު ނުހަނު ފުރިހަމައެވެ. އެއީ "އެއް ޑައިރެކްޓަރުން ތަކެއް ހެދި ދެ ފިލުމެއްކަމަށެވެ." އޭނާ ބުނާ ގޮތުގައި "ކަމާލް ވިލިއަމްސް" އަކީ މުޅި ބޭންޑެވެ. އަދި ހެންރީ ވޫ އަކީ އުފެއްދުންތެރި ޑީޖޭ "މާސްޓަރމައިންޑް" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.