ކަނދޮޅުދޫއޭ ބުނުމުން ސިފަވަނީ މީހުން ނުބައި ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ގޮތުގައެވެ. ވާނީވެސް އެހެންތާއެވެ. މީހުން ބުނާތީ ކުޑަދުވަހުންސުރެން އެއްވާނަކަށް އިވުނު އެއްއަޑަކީ މިއީއެވެ. 2004 ވަނަ އަހަރު ދުނިޔެދުއް ސުނާމީގެ ގެއްލުމުގައި ކަނދޮޅުދޫ ރައްޔިތުންގެ ލޯތަކުން ކަރުނަ ހިލުނު ހިލުން އަދިވެސް ފިލައި ނުދެއެވެ.
ރ.ކަނދޮޅުދޫގެ ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ރ.ދުވާފަރުގައެވެ. 2017 ވަނަ އަހަރު ނިމުމަކާއި ގާތްވެފައި ވަނިކޮށް 10 ދުވަހަށް އެރަށްށަށް އަރާލުމުގެ ފުރުސަތު ސަރުކާރު ދަތުރެއްގައި ލިބުނެވެ. ހަގީގަތުގައިވެސް ދުވާފަރު މީހުންނަކީ އެހާ ނުބައި ބައެއްބާއޭ ހިތާހިތުން ސުވާލުކުރާހާލު ދުވާފަރަށް އަރައިފީމެވެ. ދޮގެއް ނެތި ބުނާނަމަ ޖެހިލުންވާ ހާލުގައެވެ.
ނަސީބު ކަންދިމާކުރި ގޮތުން އެތަށް ދުވަހެއްގެ ކުރިން މާލެއިން ދިމާވި ރައްޓެއްސެއް އެރަށު އުޅޭކަން މީހެއްގެ ގާތުގައި އަހާލުމުން އެނގުނެވެ. އަވަސް އަވަހަށް ފޯނުން ރަހްމަތްތެރިޔާގެ ނަންބަރ ހޯދާ އޭނާއަށް ގުޅާލީމެވެ. ލަހެއްނުވެ ރަހުމަތްތެރިޔާ ފޯނަށް ޖަވާބުދާރީވީ އުފަލުންކަން އެނގުނެވެ.
އިރު އޮއްސުމުގެކުރިން 2 ދުވަހަކު މާލެއިން ދިމާވި ރަހްމަތްތެރިޔާއާއި ބައްދަލު ކޮށްފީމުއެވެ. އޭނާގެ ހިއްސާ އޮންނަ ގަލިއާނޯ ކެފޭއިން ބައްދަލުވެ ވަރަށްގިނަ ވާހަކަ ކަނދޮޅުދުއާއި ބެހޭގޮތުން އޮޅުންފިލުވީމެވެ. ކަނދޮޅުދޫ މީހުންނާއިމެދު އިވޭ ބަސް ޔަގީންކޮށްލަން ރަނގަޅު ފުރުސަތެއް ކަމަށްބަލާފައެވެ.
އާބާދީގައި 4500 މީހުން ދިރިއުޅޭ މިރަށުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތު ނަސީބެއްކަމުގައި ބަލާ މަސައްކަތް ފެއްޓީ، ފެށުން ރަނގަޅުކަމަށް ބަލާފައެވެ. ތަރައްގީގެ ގޮތުން ކުރިއަރަމުން އަންނަ މިރަށަކީ މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ދަތުރުގެ މަގްސަދު ހާސިލް ކުރުމަށް ނިކުމެއްޖެއީމެވެ.
ހިނިތުންވުމާއި އެކު ގޮވާލާ ހާލު އަހާނުލާ މީހަކު ކުރިމަތިން ހުރަސް ނުކުރެއެވެ. ޅައުމުރު ފުރައިން ފެށިގެން ދުވަސްވީ މީހުންނާއި ހަމައަށެވެ.
ކުރަންޖެހުނު މަސައްކަތުގެ ގޮތުން ގޭގެއަށްވަދެ ފަރުދުންނާއި ބައްދަލު ކުރަން ޖެހުނެވެ. އުފާވާކަމަކީ ބީރައްޓެއްސެއް ކަމުގައި އަޅުގަނޑު ވީއިރު މަޔަކު ދަރިޔަކުގާތު ކައިފިންތޯ އަހާ އުސޫލުން އަޅުގަނޑާއި ސުވާލުކޮށްލައެވެ. މަދު ގެއަކުންނޫނެވެ، ބައެއްފަހަރު ކަނދޮޅުދޫ ރައްޔިތުންގެ ހިތްހެޔޮ ކަމުން ލަދުވެސް ގަނެއެވެ. ގިނަ ރަށްރަށުން މިހާރު ނުފެންނަ މަންޒަރަކަށްވީތީ މިކަމާއި ހައިރާންވިއެވެ. ހިނިތުންވެލާފަ އަނގައިން ބުނުމަށްވުރެ މާތް ހަދިޔާއެއް ރަށަށް އަރާ ބީރައްޓެއްސަކަށް ވާނެ ހެއްޔެވެ.
މަސްވެރިކަމަކީ މިރަށު މީހުންގެ މައިގަނޑު މަސައްކަތައް ވީއިރު ޑައިވިން ކުރުމަކީ ޒުވާނުންގެ ކަށީގައި ހިފައިފާވާ މަސައްކަތެއްކަން ހުސްވަގުތު ފުރާލަން ގަލިއާނޯއަަށް އަރާލުމުން ކަންފަތައްއިވޭ ވާހަކަތަކުން ޔަގީންވެއެވެ. ގިނަ ރަހްމަތްތެރިން ތަކެއް ލިބުނު މިރަށަކީ ލަނޑާ އާލާކުރުމުގައި ރާއްޖޭގެ އެންމެ މަޝްހޫރުރަށެވެ.
ސުނާމި އެރުމުގެ ކުރިން ކަނދޮޅުދޫ އޮންނަގޮތް ރަހުމަތްތެރިޔާ ސިފަކޮަށްދިނީ އޭނާގެ ފޯނުންނެވެ. ފޮޓޯތަކުން ފެންނަނީ ކުޑަވަރެއްގެ މާލެއެކެވެ. ގެދޮރުން ތޮއްޖެހިފައިއޮތް ބިމެކެވެ. އިމާރާތް ކުރެވިފައިހުރި ގެތަކުގެ ފުރާޅު އެއްގެއާއި އަނެއްގެ ގުޅިފަ އޮތް މަންޒަރެވެ. ހިތްގައިމު މަންޒަރަކަށް އެމަންޒަރު ނުވިއެއްކަމަކު ކަނދޮޅުދޫ ފަސް އެރައްޔިތުންގެ ހިތުން ދުވަހަކުވެސް ނުފިލާނެކަން ކަށަވަރެވެ. ހަފްތާ ބަންދުތަކުގަވެސް ކަނދޮޅުދޫއަށް އަރާލަން ދިއުމަކީ ދުވާފަރުގަ ދިރިއުޅޭ ކަނދޮޅުދޫ ރައްޔިތުންގެ ހިތަށް ފިނިކަން ލިބޭކަމެއްކަމުގައިވެއެވެ.
10 ދުވަސް ފާއިތުވެދިޔައީ ކަނދޮޅުދޫ ރައްޔިތުންގެ މިޒާޖާއި އުޅުމާއި ގުޅުން ހިތްފުރޭވަރަށް ދަސްވެނިމިގެންނެވެ. ތުންތުންމަތިން ގޯސްކަމަށް ކިޔާ ކަނދޮޅުދޫއިން ހަމަ ގޯސް އެކަކުވެސް ނުފެނުނީއެވެ. ދަތުރުވަރިއެއްގައި އަދިވެސް ކަނދޮޅުދޫ ރައްޔިތުންގެގާތަށް ޒިޔާރަތް ކުރުމުގެ ފޮނިއުންމީދުގައި މިދަތުރު ކުރުކޮށްލީމެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.