ކިޔަވައިދޭ އެދުރުން ނުވަތަ މުދައްރިސުންނަކީ އެއްބައެއްގެ ނަޒަރުގައި އެކުވެރީންނެވެ. އަނެއްބައެއްގެ ނަޒަރުގައި ފޫހިވެ ރުޅި އަންނަ ބަޔެކެވެ. މުދައްރިސުން ކިޔަވައިދޭން ދަނީވެސް އެހުރިހާ ކަމެއް އެނގިހުރެގެނެވެ. އެކި މިޒާޖުގެ ކުދިން ދިމާވާނޭކަންވެސް އެނގިހުރެ ފިސާރި ތައްޔާރުވެގެނެވެ. ގިނަ މުދައްރިސުން މިދެންނެވި ގޮތަށް ތައްޔާރުވެގެން ދިޔަ ނަމަވެސް، ބައެއް މުދައްރިސުންގެ ފަރާތުން ކުދިން ރުޅި އަންނަ ކަންކަން ފެނުމަކީވެސް އާންމުކަމެކެވެ. އޭގެ ސަބަބުން އެ މުދައްރިސެއްމަތީން ފޫހިވެއެވެ. އެހެންކަމުން މި ބަލައިލަނީ ދަރިވަރުން ރުޅިއަންނަ 12 ވައްތަރެއްގެ މުދައްރިސުންނަށެވެ. ނުވަތަ ދަރިވަރުން ބައްދަލުވާން ހިތްނޭދޭ މިޒާޖު ހުންނަ ބާރަ މުދައްރިސެއްގެ ވާހަކައެވެ.

* ވަކިއަތަކަށް ޖެހިފައި ތިބޭ މުދައްރިސުން

ގިނަ ކުދިން އެންމެ ރުޅި އަންނަނީ ކުދިންގެ މެދުގައި ތަފާތުކުރާ މުދައްރިސުން ދެކެއެވެ. ފާހަނާއަށް ދިޔުމަށް އެއް ދަރިވަރު އެދުމުން ނުދެވޭނެކަމަށް ބުނެފައި އަނެއް ދަރިވަރު އެދުމުން ފޮނުވުމާއި ފިލާވަޅު ނުހެދުމުން އަދަބު ދޭއިރު ތަފާތުކުރުމަކީ އާންމުކޮށް ސުކޫލުތަކުގައި ކުރާ ކަންކަމެވެ.

* ބަލި ނުވަތަ އަބަދު ވަރުބަލިވެފައި ތިބޭ މުދައްރިސުން

ދަރިވަރުން އަބަދުވެސް ބޭނުންވާނީ ކުދިންނާ ގުޅޭ މަޖާ މިޒާޖުގެ މުދައްރިސެކެވެ. މުދައްރިސް ކުލާހަށް ވަންނައިރު "މަތިމަރުވެފައި" ތިބޭ މީހުންހެން ނުވަތަ ބަލިވެ އުޅެމުން ކިޔަވައިދޭން އައުމުން ދަރިވަރުން ކިޔަވާ ހިތެއްނުވާނެއެވެ. އަބަދު ކެއްސަމުން ނުވަތަ ނޭފަތް ފޮޅަމުން ކިޔަވައިދޭން އުޅުނު ނަމަވެސް ދަރިވަރުންގެ މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ބަލިވެ އުޅެމުންވެސް ކިޔަވައިދޭން މުދައްރިސުންދަނީ އެއް ދުވަސްވެސް ވައްޓާނުލުމުގެ ބޭނުމުގައި ނަމަވެސް، މިބާވަތުގެ މުދައްރިސުންނާ ބައްދަލުވާ ހިތެއް ދަރިވަރުން ބޭނުމެއްނުވާނެއެވެ. ނުވަތަ ކޮންމެވެސް ބުރަ މަސައްކަތެއްގައި އުޅެފައި ކުލާހަށް އަންނައިރު ގައިން ވަރު ގޮސް ހަސްނެތިފައި ތިބޭ މުދައްރިސުންމަތިންވެސް ދަރިވަރުން ވަރަށް ފޫހިވާނެއެވެ.

* ކިޔަވައިދޭން އުޅޭ އެއްޗެއް ނޭނގޭ މުދައްރިސުން

ބައެއް މުދައްރިސުންނަކީ އެއްވެސް ވަރަކަށް ތައްޔާރުނުވެ ކުލާހަށްދާ މުދައްރިސުންނެވެ. އެކަހަލަ މީހުން ދެކެވެސް ދަރިވަރުން ވަރަށް ފޫހިވާނެއެވެ. ދަރިވަރުންނަށް އެއްޗެއް އެނގޭނީ ފުރަތަމަ ކިޔަވައިދޭން ހުރި މީހާއަށް އެނގިގެނެވެ. އެހެންކަމުން މިފަދަ މުދައްރިސަކާ އެއްވެސް ދަރިވަރަކު ބައްދަލުވާ ހިތެއް ނުވާނެއެވެ.

* ވާނުވާ ނޭނގޭ މުދައްރިސުން

ގިނަ ފަހަރަށް މިކަހަލަ މުދައްރިސުންނަށް ނުބައި ކުލާހަކަށްވަދެ ކިޔަވައިދޭން ފަށާއިރުވެސް ނޭނގޭނެއެވެ. ސަލާމް ގޮވައިލަންވެސް ގިނަފަހަރަށް ހަނދާން ނުހުންނާނެއެވެ. މިކިޔަވައިދެނީ ކޮން އެއްޗެއްކަން ނުވަތަ ކޮން މާއްދާއެއްކަންވެސް ގިނަ ފަހަރަށް ނޭނގުމަކީ ގިނަ ކުދިން ފޫހިވާ އެއް ސަބަބެވެ.

* އާވާރާވެފައި ތިބޭ މުދައްރިސުން

މިކަހަލަ މުދައްރިސުން ދިވެހިރާއްޖެއިން ނުފެނިދާނެއެވެ. މިބާވަތަކީ، ރާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމަށްފަހު އެކަމުން މިންޖު ނުވަނީސް ކިޔަވައިދޭން ކުލާހަށްދާ ބާވަތުގެ މުދައްރިސުންނެވެ. ސީދާ އެކަން ނުކުރިނަމަވެސް، ދިވެހިރާއްޖޭގައި އާވާރާވެގެން ކިޔަވައިދޭންދާ މުދައްރިސުން މަދެއްނޫނެވެ. ގޭތެރޭގެ މައްސަލައެއް ނުވަތަ މުދައްރިސުންގެ ޖަގަހަތެރެއިން ޖެހޭ މައްސަލައެއްގެ ތެރޭގައި އުޅެފައި ކުލާހަށް އަންނައިރު ގިނަ ފަހަރަށް ހުންނާނީ މިހެން ވެފައެވެ. ކުދިން ކުރިމަތީ ކޮންމެފަދަ އެއްޗެއްވެސް ކިޔައިދާނެއެވެ.

* މުޑުދާރު މުދައްރިސުން

ކުލާހަށް ވަންނައިރުވެސް ދާހިއްލާފޯވެ ނުވަތަ ސާފުތާހިރުކަމުގެ ކޮޅެއްވެސް ނެތް މުދައްރިސުންގެ މަތީން އެއްފަހަރުން ދަރިވަރުން ފޫހިކޮށްލުވައެވެ. ކުލާސް ކުރިޔަށްދާއިރު ނޭފަތްކޮށްޓުމާއި، ހެދުންތެރެއަށް އަތްލުމާއި އިސްޓާކީނުންނާއި ގައިން ނުބައިވަސްދުވާ ނަމަ ރަނގަޅަށް އަދި ތައްޔާރު ނުވެވެނީއެވެ. އަދި ކިޔަވަން ތިބޭ ކުދިން އެންމެ ފޫހިވާ ވައްތަރަކީވެސް މިއީއެވެ.

* އަބަދު ހޯމްވޯކް ދޭ މުދައްރިސުން

ބައެއް މުދައްރިސުންނަކީ ކޮންމެ ދުވަހަކު ގޭގައި އިތުރު މަސައްކަތްކުރަން ހަވާލު ކުރާ މުދައްރިސުންނެވެ. އަދި ދަރިވަރުން އެންމެ ފޫހިވާނީ ޗުއްޓީއަށް ނުވަތަ ހަފްތާ ބަންދަށް ދާއިރު ބޮލަށް ނުކަތާވަރަށް ގޭގައި ނިންމަން މަސައްކަތްދޭ މުދައްރިސުން މަތިންނެވެ. 

* ކުލާސް ނިމުމުންވެސް ކިޔަވައިދޭން އުޅޭ މުދައްރިސުން

އިތުރު ގަޑިއަށް ނުވަތަ ކުލާސް ނިމުމުންވެސް އައު ކޮށްކޮށްފައި ކިޔަވައިދޭން އުޅޭ މުދައްރިސުންވެސް މަދެއްނޫނެވެ. ބުރޭކް ނުވަތަ ނިމޭ ގަޑި ފަހަނަ އަޅާ ދާއިރުވެސް މިބާވަތުގެ މުދައްރިސުން ހުއްޓައެއް ނުލާނެއެވެ. ދަރިވަރުން ކިތަންމެ ވަރަކަށް ކީނަމަވެސް ހެވެ. މިއީ މުދައްރިސުންދެކެ ދަރިވަރުން ވަރަށް ފޫހިކޮށްލުވާ ކަމެކެވެ.

* ހަރުކަށި މުދައްރިސުން

މިބާވަތުގެ މުދައްރިސުންނަކީ ވަރަށް އާންމު ބައެކެވެ. ފާހަނާއަށް ދާން އެދުނުނަމަވެސް ގިނަފަހަރު ނުފޮނުވާނެއެވެ. ނުވަތަ ޕޭޕަރެއް މާކް ކުރާއިރު މާކްސްއެއް ކަނޑާލެވެން އޮތްގޮތަކުން މާރކްސްވެސް ކަނޑާލާނެއެވެ. ކިޔަވައިދޭއިރުވެސް ހަރުކަށި ގޮތްގަނޑެއް ހުންނާނެއެވެ. ދަރިވަރުންނާ މާބޮޑު ގުޅުމެއް ނޯންނާނެއެވެ.

* ފޫހި މުދައްރިސުން

މިބާވަތް ކަނޑައަޅާނީ ދަރިވަރުންނެވެ. އެކި ކުދިންނަށް ކަމުނުދާނީ އެކި ސިފަ ނުވަތަ މިޒާޖު ހުންނަ މުދައްރިސުންނެވެ. ނަމަވެސް މާ ކުރީގެ ގޮތްތައް ނަކަލުކޮށް ނުވަތަ އިހުގެ ހެދުން އަޅާ އުޅޭ މުދައްރިސުންމަތީން ދަރިވަރުން އާންމުކޮށް ފޫހިކޮށްލުވައެވެ. ނުވަތަ ކިޔަވައިދޭ ވައްޓަފާޅިއަކީ ދަރިވަރުންނާ މާބޮޑު ގުޅުމެއް ނޯންނަ ގޮތްގަނޑެއްނަމަވެސް ދަރިވަރުން ފޫހިކޮށްލުވައެވެ.

ގައުމު ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މީހުންނަކީ މުދައްރިސުންކަމަށް ވީހިނދު ކިޔަވައިދޭން ދިޔުމުގެ ކުރިން މިކަހަލަ ކަންކަމަށް ބަލައިލުން މުހިންމެވެ. ދަރިވަރުންގެ ހިތް ނުރުހޭ ގޮތަށް ކަންތައް ކޮށްގެން ކިޔަވައިދޭ އެއްޗެއްގެ މާބޮޑު ބޭނުމެއް ނޯންނާނެއެވެ. ނަމަވެސް، ގިނަ މުދައްރިސުން އެކި ދިރާސާތައް ކޮށްގެން މިކަހަލަ ކަންކަމަށް ވަރަށް ވިސްނާކަންވެސް އެއީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.