ބިންހެލުންތަކާއި ސުނާމީއަކީ ކުރިން އިންސާނުން އެހާ ގިނައިން އަޑުއަހައި އުޅުނު ވާހަކަތަކެއް ނޫނެވެ. އެެެހެންނަމަވެސް އަދު ދުނިޔޭގައި ކޮންމެ ތިން މިނިޓަކުން އެއް މިނިޓަކުން ބިންހެލުން އަންނަ ގައުމުތައްވެސް އެބަހުއްޓެވެ. އާންމު ގޮތެއްގައި އެހެން އަންނަ ކޮންމެ ބިން ހެލުމަކީ އޭގެއިން ސުނާމީ އުފެދޭ ބިންހެލުންތަކެއްވެސް ނޫނެވެ.
އެފަދައިން އަންނަ ބައެއް ބިން ހެލުންތަކަކީ އަހަރެމެންނަށް އޭގެ އިހުސާާސްއެއްނުވާ ފަދަ ކުޑަ ބިންހެލުންތަކެވެ. އަދި ހަމަ އެހެންމެ ބައެއް ބިން ހެލުންތަަކަކީ އެ، އަންނަ ބާރުގަދަ ކަމުން ދިރިއުޅުމަށް އަޅާފަައިވާ ގެތަށްވެސް ބިމާއި ހަމަކޮށްލާ ވަރުގެ ގަދަފަދަ ބާރުގަދަ ބިންހެލުންތަކެވެ.
އާންމު ގޮތެއްގައި އިންސާނުންނަށް ބިންހެލުމުގެ އަސަރު ފޯރަނީ ރެކްޓަރ މިންގަނޑުން 4 ކިލޯ މީޓަރ ގައި އަންނަ ބިންހެލުންތަކެެވެ. އެ މިންގަނޑު 7 އަކަަށް އަރައިފިނަމަ އެ ކަނޑައެޅިގެންދަނީ ވަރަށް ބާރުގަދަ ބިން ހެލުމެއްގެ ގޮތުގައެވެ.
އެފަދައިން އަންނަ ބޮޑެތި ބިން ހެލުންތައް ވަރުގަދަ ކަމުން ކަޑުގައި ބިޔަ ރާޅުތަކެއް އުފެދިގެން ދެއެވެ. "ސުނާމީ" އޭ ކިޔައި އުޅެނީ އެގޮތަށް އުފެދޭ ބިޔަ ރާޅުތަކަށެވެ. ބައެއްފަަރު ދިޔަވަރު ބޮޑުވެގެން އަރާ ބިޔަ ރާޅުތަކަށްވެސް ސުނާމީ ކިޔާ އުޅެއެވެ. އެހެންނަމަވެސް ހަގީގަތުގައި އެއީ އަދި ސުނާމީއެއް ނޫނެވެ.
އަޅުގަނޑު މި ދަންނަވަނީ ސުނާމީ އަރަނީ ހަމައެކަނި ބިންހެލުންތަކުގައި ކަމަށް ހީ ނުކުރައްވާށެވެ. ސުނާމީ އަރަންވެސް އެކި ހާލަތްތައް ދިމާ ވެއެވެ. އެގޮތުން ބަލާއިރު ބިންގަނޑު ކަޑައިގެން ދިޔުމާއި، އަލިފާން ފަރުބަދަތައް ފަދަ ތަކެތި ގޮވުމުން ކަނޑުގެ އަޑިއަށް އެ އަންނަ ބާރުގަދަ ލޮޅުމުގެ ސަބަބުންވެސް ސުނާމީއަރަން މަގުފަހިވެގެން ދެއެވެ.
ސުނާމީ އުފެދެނީ ކަނޑުގެ އަޑިންނެވެ. އެއަށްފަހު ގަޑިއަކު 750 ކިލޯމީޓަރުގެ ބާރުމިނެއްގައި ދަތުރުކޮށް އައްސޭރި ސަރަޙައްދުތަކަށް ޙަމަލާދެއެވެ. މި ފަދަ ރާޅުތައް އުސްވެގެން 30 އާއި 40 މީޓަރަށް އަރައެވެ. އަދި ގާތްގަނޑަކަށް 100 ހާސް ޓަނު ފެން، އައްސޭރިތަކުގެ ކޮންމެ އަކަ މީޓަރަކަށް ޖަހައެވެ. ނަތީޖާއެއްގެ ގޮތުން ޚުދު ބިންހެލުމުން ލިބޭ ގެއްލުމަށް ވުރެ ބޮޑު ގެއްލުން މި ކަމުގެ ސަބަބުން ލިބެއެވެ.
މިހާތަނަަށް ތާރީޚު ދުށް އެންމެ މުހިއްމު އެއް ޙާދިސާއަކީ ޖަޕާނުގެ ހުންޝޫ ޖަޒީރާގެ އިރުމަތީ އައްސޭރިއަށް އެރި ބޮޑުރާޅެވެ. މި ޙާދިސާ ހިނގާފައިވަނީ 1896 ވަނަ އަހަރު ގެ ޖޫން 5 ގައި ކަނޑުއަޑިއަށް އައި ވަރުގަދަ ބިންހެލުމެއްގެ ސަބަބުންނެވެ. މި ބިންހެލުމުން އުފެދުނު ރާޅުތައް އެއްގަމާ ދިމާއަށް އައީ 30 އަކަށް މީޓަރަށް އުފުލިގެންނެވެ. އަދި ބައެއް އަވަށްތައް ހުރިގޮތަށް ޣަރަޤުވެ، ދިހަ ހާހަށް ވުރެ ގިނަ ގެދޮރު ސުންނާފަތިވެ، 26 ހާސް މީހުން ގެނބުނެވެ. ދެން އެ ރާޅުތައް ޕެސިފިކު ކަނޑުގެ އިރުމައްޗަށް ފެތުރި ހަވާއީގެ ހީލޫ އޭ ކިޔާ ޖަޒީރާއާ ހަމައަށް ފޯރިއެވެ. އެއަށް ފަހު އެމެރިކާގެ އައްސޭރިތަކަށް އަރައި، ފަހަތަށް ރުޖޫޢަވެ ނިޔުޒިލޭންޑާއި އޮސްޓުރޭލިއާ އަށް މިސްރާބުޖެހިއެވެ.
ޖަރުމަނަށް ނިސްބަތްވާ ޖިޔޮލޮޖީ ޢިލްމުވެރިއެއް ކަމަށްވާ، އަލްފްރެޑް ވެގިނަރ އޭނާގެ "ކޮންޓިނެންޓަލް ޑްރިފްޓް" ގެ ނަމުގައި ފޮތެއް ނެރުއްވާފައިވެއެވެ. އެ ފޮތުގައި ވާ ގޮތުން ބިމުގެ ތޮށިގަނޑަކީ އެކުވެ ލާމެހިފައިވާ އެއްޗެއް ނޫނެވެ. ބިން އުފެދިފައިވަނީ ރެނދުތަކަކުން ވަކިވެފައިވާ، ތާއަބަދު ޙަރަކާތްކުރާ ފޮތިތަކެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ފޮތިވަރަކީވެސް އޭގެ ޒާތުގައި އެކަތިގަނޑަކަށް އޮންނަ ވަކި އެއްޗެކެވެ. މި ފޮތިތައް އޮންނަނީ ބިމުގެ މައިގަނޑު ފަށަލަތައްކަމުގައިވާ ފަށަލަތަކުގެ ތެރެއިން ތޮށިގަނޑާ ޖެހިގެން ދެވަނަ ފަށަލަމަތީ ވިރިގެން ދިޔާވެފައިވާފަދަ ޙާލަތެއްގައި ހުރި، ހިލަތަކެއްމަތީ ދެމިދެމިއެވެ.
މި ފޮތިވަރުތައް ތާއަބަދު ޙަރަކާތްކުރުމުގެ ސަބަބުން އެއެއްޗެހި ވަރުދެރަވެ ދެމޭގޮތް ވެއެވެ. އަދި މީގެ ސަބަބުން ފަށްފަށްޖެހުމާއި ރެނދުލުން މި ފޮތިވަރުތަކަށް ކުރިމަތިވެއެވެ. ފަށްޖެހެނީ ކެނޑިނޭޅި މި ފޮތިވަރުތަކަށް ކުރިމަތިވާ ވަރުބަލިކަމާ ހެދިއެވެ. އަނެއްކޮޅުން ގަދަފަދަ ކުއްލި ވަރުބަލިކަމެއްގެ ސަބަބުން ރެނދުލާން މެދުވެރިވެއެވެ.
ބިންހެލުމާ ބެހޭގޮތުން ބެލި ބެލުންތަކުންނާއި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، އެ ފޮތިވަރުތަކުގެ ކައިރިފަށްތަކޭ ބުނެވޭ ރެނދުތަކުގެ ދޭތެރެއިން ފަށަލަތައް ކުރާ ޙަރަކާތާއި ހިލަތައް އެކެތި އަނެކެއްޗާ ކޭތުމުގެ ސަބަބުން އުފެދި އަރާ ހަކަތަ ބިންހެލުންތަކާއި ގުޅުންވެއެވެ.