އަދަކީ ރާއްޖެ އިސްލާމްވިތާ 865 އަހަރު ފުރުނު ދުވަހެވެ. ކުފުރުގެ ގޮތްތައް ދޫކޮށްލާ ހިދާޔަތުގެ އަލިކަން ދެކުނު ދުވަހެވެ. އެންމެހާ ގޯސްކަންތައްތަކެއް ދޫކޮށްލާ ރަނގަޅު ގޮތް ޚިޔާރުކުރި ދުވަހެވެ. ދިވެހީންގެ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސްލަކީވެސް އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބުންކަން ޔަގީނެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި މި ޖަޒީރާ ރާއްޖެ އޮތްނަމަވެސް، އަހަރުމެން ތަބާވާ ދީނުގެ ހަމަތަކާއި އުޞޫލުތަކާ ނުބައްދަލު ބީރައްޓެހި ކަންތައްތަކެއް މިއަދުވެސް ފެންނަ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އޭގެ ތެރެއިންވެސް ތުއްތު ފިރިހެން ކުދީން ޚިތާނުކުރުމުގައި ގެންގުޅޭ ބައެއް ކަންކަމަކީ އެނގި ހުރެ ނަމަވެސް ކުރެވޭ ގޯސް ކަންކަމެވެ.

ޚިތާނުކުރުމަށް ދިވެހީން އިސްލާމްދީނަށް ވެއްދުމޭވެސް ކިޔައެވެ. ސަބަބަކީ ޚިތާނުކުރުމަށްފަހު ދީނުގެ ކަންކަން ކުރުމަށް އެކުދީންނަށް ލާޒިމްވާތީއެވެ. އެހެންނަމަވެސް މިއަދު މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ދޫކޮށްލާ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ނަކަލު ކުރެވެނީ ފަރަންޖީން ގޮތްތަކެވެ.

ޚިތާނުކުރުމަށް ތަން ތައްޔާރުކުރުމުގައި ތަފާތު ކާޓޫނުތަކާއި ކެރެކްޓާރ ތަކުން މުޅި ގެއާއި މަގު ޒީނަތްތެރިކޮށްލައެވެ. އެކި ކުލަކުލައިގެ ކުލަބޮކިތަކުންނާއި ނިވި ދިއްލޭ މާފަތިތަކުން މުޅި ސަރަހައްދު ދިއްލާލައެވެ. މަގުގެ އެއްކޮޅުގައި ހުންނައިރު ޚިތާނުކުރާގެ މާދުރުންވެސް ފެންނާނެއެވެ. ތަން ތައްޔާރުކުރުމުގައިވެސް ފެންނަނީ ވާދަވެރިކަމާއި ދެއްކުންތެރިކަމެވެ. ޙިތާނުކޮށްގެން އުޅޭ އެހެން ގޭގެއަށްވުރެން ފުރިހަމަ ކުރުމުގެ ބޭނުމުގައި ފައިސާ ވެސް ތަޅާ ބުރުވަނީ ބަލައިލުމެއްނެތިއެވެ. އިސްލާމްދީނުގައި ދެއްކުންތެރިކަމާއި އިސްރާފުކުރުން މަނާކުރާއިރު، ދަރީން ދީނަށް އަހުލުވެރިކުރުވުމުގެ ފުރަތަމަ މަރުހަލާގައިވެސް މިދައްކުވައިދެނީ މީގެ ދިމާ އިދިކޮޅެވެ.

ޚިތާނުކުރުމުގެ ކަންކަން ކުރިޔަށްދާއިރު ގޭތެރޭގައި ޤުރުއާން ޖަހާފައި ބެހެއްޓުމަށްފަހު، ޚިތާނުކޮށް ނިމި ކުއްޖާ އެނދުގައި ބާއްވާ ހިސާބުން ބަދަލުވަނީ ލަވައަށެވެ. ބާރުބާރަށް ލަވަޖަހާފައި ތަފާތު ކެއުންތަކަށް އިންސާފުކުރުމަށް ހުޅުވާލެވެއެވެ. ބައެއް ރަށްރަށުގައި ޚިތާނުކުރާ ކުއްޖާ ދެދުވަސްވާއިރު ހިނގާބިނގާވެ އުޅެން ފެށިނަމަވެސް ކުޅިވަރާއި ކެއުމުގެ ކަންކަން ތިން ދުވަހަށް ދެމިގެންދެއެވެ. ބޮޑުބެރު ގުރޫޕުތަކާއި ނަށާ ގުރޫޕުތަކާއި ބޭންޑްތައް ބޮޑު ހަރަދުކޮށްގެން ގެންދެއެވެ. ދެޖިންސް މަސްހުނިވާ ނެށުންތައް ދަރީން ކުރިމަތީގައި ދައްކުވައެވެ. ޚާއްސަކޮށް ހިތާނުކޮށްފައި އޮންނަ ކުއްޖާ ނިދީމާ ކުޅިސަމާ ފެށުނީއެވެ. ހީވާނީ ރާބޮއިގެން އުޅޭ ބަޔަކު އުޅޭހެންނެވެ. މިކުރެވެނީ ކީއްކަންވެސް ނޭނގޭ ހާލުގައެވެ.

ދީނީ ކަމެއްގައި ލާދީނީކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސައްތައިން ސައްތަ މުސްލިމް މި ގައުމުގައި މިކަންކަން މިހާރު މިވަނީ ރަނގަޅު ކަންކަން ކަމުގައި ވިސްނޭވަރަށް އާންމު ވެފައެވެ. އަރަމުން އަންނަ ޖީލަށް މިދެވެނީ ނުބައި މިސާލެއްކަން ގިނަ މީހުންނަށް ނުވިސްނެނީބާއޭ ހިތަށް އަރައެވެ. ނޫނީ ވިސްނުނު ކަމުގައިވިޔަސް އެކަކު ކުރާތީ ކުރަނީބާއޭވެސް ހިތަށް އަރައެވެ. ކޮންމެއަކަސް މިއީ ވިސްނަން ވެއްޖެކަމެކެވެ. ފަރުވާ ކުޑަކޮށް ދޫކޮށްލައިފިނަމަ، ޅަޖީލު ހަލާކުގެ ތެރެއަށް ގެނބިގެން ހިނގައިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.