ސަރުކާރުގެ ދީނީ ވައުދުތައް ފުއްދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ
އެމްއާރްއެމްއިން ބުނެފިއެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި އެމްއާރްއެމްއިން ބުނެފައި ވަނީ، ދިިވެހިރާއްޖެއަކީ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކޮށްދިނުމަށާއި، ދިވެހިންގެ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، އިސްލާމް ދީނުގެ މަތިވެރި އަގީދާ ދަމަހައްޓައިދިނުމަށާއި އަނިޔާވެރިކަމާ ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިގްތިސާދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތައް ސަރުކާރުން ރިއާޔަތްކުރައްވާނެކަަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފައި ވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ ވަޢުދު ފުއްދަވައި، ޤައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްގެންދާކަން ކަށަވަރު ކުރުމާއި އެކު ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް ކުރިޔަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށްދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަންޖެހޭކަންވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަން ތަންފީޒުކޮށް ހަރުދަނާ ކުރުމަށްޓަކައި ވީއެންމެ އަވަހަކަށް ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމުގެ މަސައްކަތްތައް ފައްޓަވައި ދެއްވުމަށްވެސް ކަމާއިބެހޭ ފަރާތްތަކަށް އެމްއާރްއެމްއިން ވަނީ ގޮވާލައިފައެވެ.