އަރަބީންގެ ވިޔަފާރި ގަބީލާތަށް ރާއްޖޭގައި ބަނދަރުކުރަން ފެށުން ވެގެން ދިޔައީ، ކާބަފައިން އޭރު އަޅުކަން ކުރަމުންއައި ބުދުދީން ރާއްޖެއިން ފޮހެވިދިޔުމުގެ އަސްލުފެށުން ކަމުގައެވެ.
12 ވަނަ ގަރުނުގައި ރާއްޖޭގެ ރަސްކަމުގެ ތަހުތުގައި އޭރުއިންނެވި ދޮވެމި ރަސްގެފާނު އިސްލާމްވީކަމަށް ތާރީހުން ފެންނަންއޮތީ 1153 ވަނައަހަރު ކަމަށެވެ. މިއީ މުޅި ރާއްޖެ އިސްލާމް ވުމުގެ މަސްދަރެވެ. ރަސްގެފާނަށް އިސްލާމްދީނަށް ދައުވަތުދީ އިސްލާމްދީނުގެ ކަންކަން ދަސްކޮށްދެއްވީ އަބޫ އަލް ބަރަކާތް ކިޔާ އަރަބި ބޭފުޅެކެވެ. ބުދު ދީން ނެތިގޮސް، އިސްލާމް ދީންނަށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސީބު ލިބުމަށްވުރެ ވަކި ބޮޑު ނިޢުމަތެއް ވޭހެއްޔެވެ.
އިސްލާމް ވުމަށްފަހު ރަސްގެފާނުގެ ނަން ބަދަލުކޮށްފައި ވަނީ ސުލްތާން އަލް އާދިލް ގެނަމަށެވެ. ކާބަފައިންގެ މިންނަތް މަސައްކަތުންނާއި ﷲ ސުބްހާނަހޫ ވަތައާލާގެ އިރާދަފުޅުން އިސްލާމީ ހިދާޔަތު މިޖީލާއި ހަމަައަށް މިއަދު ފޯރުކޮށްދީފައި ވުމަކީ އެކަމަަށްޓަކައި ﷲ ސުބްހާނަހޫ ވަތައާލާއަށާއި ކާބަފައިންނަށް ޝުކުރުވެރިވުން ހައްގު ކަމެކެވެ.
ޒަމާން ތަރައްގީވެ މިދާ ހަލުވި ދުވެލީގައި ދިވެހިން މިއަދު މިވަނީ ޖެހިފައެވެ. އިސްލާމްދީނާއި ދެކޮޅު ރޭވުންތަކުގެ އަޑީގައި ކެނޑިނޭޅި މަސައްކަތްކުރާ ބަޔަކު މިމުޖުތަމައުގައި މަދުން ނަމަވެސް އުޅޭކަމީ ލަދުވެތިވާންޖެހޭ ހިތާމަ ހުރިކަމެކެވެ.
އިސްލާމްދީނާއިމެދު ނަފުރަތު އުފައްދާ ޝައްކު އުފެއްދުމަކީ މިދެންނެވި ފަރާތްތަކުގެ މަސައްކަތްކަމުގައި ހަދައިފިއެވެ. ރާއްޖޭގެ އިސްލާމް ކަމަށް މިއަދު 865 އަހަރު މިއަދު ފުރުނުއިރު މިކަން މިވަނީ ކޮންމެހެން ދައްކަން ޖެހޭ ނުރައްކާތެރި ވާހަކައަކަށް ވެފައެވެ. މިކަމަށް ސިކުނޑިތަށް މިއަދު މިވަނީ އިތުރަށް ހޭލައްވަން މަޖުބޫރު ކުރުވާފައެވެ. ވިސްނާލަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އިސްލާމް ދީނަކީ ﷲ ސުބްހާނަހޫ ވަތައާލާ މުޅި އުއްމަތަށްޓަކައި ބާވާލެއްވި ފުރިހަމަ ދީންކަމެވެ. މިކަމާއި ޝައްކުކުރެވޭނެ އެއްވެސް ޖާގައެއް އެއްވެސް މަހްލޫގަކަށް ނެތްކަމެވެ.
ޖަޒީރާ ނޫހުގެ ފަރާތުން ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިދުވަހުގެ ތަހުނިޔާ އަރިސްކުރަން. ދުއާ އަކީ މިފުރިހަމަ ވެގެންވާ ރިސާލަތުގެ މަތީގައި އަޅަމެން މިގައުމު އިސްލާމްކަންމަތީ ތާއަބަދައް ލެހެއްޓުވުމެވެ.