ޚަބަރު

ކޮރަޕްޝަން ފޮހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީއެއް ނުގެނެވޭނެ: ރައީސް

ކޮރަޕްޝަން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީއެއް ނުގެނެވޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އަދި ރާއްޖެއިން ކޮރަޕްޝަން ފުހެލައި، ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސްކުރައްވައިފައެވެ.

އަދި އެމަނިކުފާނުގެ ހިތާބުގައި މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވައުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ހިތާބުގައި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، ޢާންމުކުރެވެންޖެހޭނެކަމަށާއި، ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހޭނެކަމުގައިވެސް މި ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ހައްގުތައް އަނބުރާ އިއާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި، ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ދެއްވާފައިވެއެވެ.

ކޮރަޕްޝަން ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިއާސީ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ. މި ވައުދު ފުއްދުމައްޓަކައި ރައީސް ވަނީ ކޮރަޕްޝަންގެ މައްސަލަތަށް ތަހުގީގުކުރާ ހާއްސަ ކޮމިޝަނެއް އުފައްދަވާ އެ ކޮމިޝަންއަށް ބޮޑެތެ ބާރުތަކެއް ދެއްވުމަށް ނިންމަވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.

0 %