ދިވެހިންނަކީ ކަމެއް ކުރާނަމަ އެކަމަކަށް ގިނަފަހަރު ދެވިހިފާބައެކެވެ. ކިތަންމެ އާދޭހެއް ކުރިކަމުގައި ވީނަމަވެސް އެކަމަކަށް ފަރުވާލެއް ނުބަހައްޓާނޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

ވެށި ސާފު ކުރުމުގެ އެތައް ހަރަކާތްތަކެއް ފޫހިކަމެއްނެތި ހިންގިދާނެއެވެ. ނަމަވެސް ދިވެހީންގެ ވިސްނުން އިތުރަށް ތަރައްގީ ކޮށްގެންނޫނީ މިވެށި ކުނިބުނިން ސަލާމަތް ވާނެއެކޭ ހިތެއް ނުބުނެއެވެ. މިކަން މިއަދު ޔަގީންކޮށްދެން ބޭނުމީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިންނެވެ.

ދަތުރުވަރިއެއްގައި އެމް.ޓީ.ސީ.ސީ ފެރީ ދޯންޔަކަށް އަރައިހަމަ ޖެހިލީމެވެ. ތެމާލައިފައިވާ ކަނޑުގައި ފެރީގެ ދިގުދަތުރު ނިމުމުގެ ކުރިން އުރުގައިއިން ލޯބިވާ 2 މަހުގެ ދަރިފުޅު ޖަހުވާފައިން ނެޕީ ބަދަލު ކުރަން ޖެހުނެވެ. އެކަންކުރުމަށް ފަހު ނެޕީ އޮޅާލާފަ ބޭއްވީ ދޯނީގެ ފަހަތުކޮޅުގައި މީހަކަށް އުނދަގުނުވާނެ ގޮތައްބަލާފައެވެ. ދޯނި މަތީ ދަތުރުގެ ފޯރިނަގަމުންދިޔަ މީހުންނާއި ކުދިން ކެއިހާ ބިސްކޯދެއްގެ އުރަތަކާ ބުއިހައި ދަޅާއި ފުޅީގެ ހަމަލާ އަމާޒުވެދިޔައީ ތަރުފާލެއްފަދަ އަމާން އޮމާން ކަނޑަށެވެ.

މާފަރި ޒާތަކަށް ދޯނީގެ ކުރީކޮޅުން ހިނގާލާފައި އެހެރަ އަންނަނީ ފެރީގެ ޓިކެޓު ކަނޑާފަޅުވެރިއާއެވެ. އެނާގެ ކަޅި ނެޕީއަށް އަމާޒުވީ މަތީ އެނބުރޭ ބާޒަކަށް ބިންމަތީގަ އޮންނަ ބޮނޑެއް ފެންނަ ބީދައިންނެވެ. ބަހެއްބުނުމުގެ ކުރިން އޭނާ އަމަލު ކޮށްފިއެވެ. ނެޕީ ވެސް ކަނޑު ފެއްތީއެވެ. އަހަރެންގެ އަތްފައިގަ އެނެޕީ އެއްލާލާނެހައި ބާރުނެތީއޭ ހީވީ ތޯއްޗެކެވެ. ނަމަވެސް ބަހެއް ބުނެފިނަމަ ގޯސްވާނީ އަޅުގަނޑުކަން ކަށަވަރެވެ.

ދަތުރުގެ މަންޒިލަށް ވާސިލް ވެވިއްޖެއެވެ. ސިޔާސީ ކެމްޕެއިނަށް ދިދަ ދަމާ އުސޫލުން މަގުމަތީގައި ޕެކެޓާއި ދަޅާއި ފުޅި އޮތީ މަދެއްކޮށެއް ނޫނެވެ. ހިތާމައަކީ މިއީ ބޮއެހުސްކޮށް އެއްލާލުމުން ކާޅުވެސް ބަލާފާސްކޮށްފަ ހުރިތަކެއްޗަށްވުމެވެ. ގެއަށް ވަދެ އަތްފައި ދޮވެލުމަށްފަހު ރަހުމަތްތެރިއަކާއި އެކު ކޮފީއެއް ބުޔުމަަށް އަވަސްވެގަތީމެވެ.

ރީތިކޮށް ފަރުމާކޮށްފަ ހުރި ކެފޭއެކެވެ. ޒާތްޒާތުގެ ހެދިކާތަށްފެނި ކޮފީގެ ބަދަލުގައި ކަޅުސަޔަކަށް އޯޑަރުދީ ހެދިކާއިން ތަށި ފުރާލައި ހޮޓަލުގެ ކަނުގައި ހުރި މޭޒުގެ ގޮނޑިއެއްގައި އިށީނދެއްޖެއީމެއެވެ. ރަހުމަތްތެރިޔާ އާއި ތަފާތު ގިނަ ވާހަކަތަކެއް ދެކެވުނެވެ. ކަންކަމުގެ ވާހަކަ ދެކެވެމުންދަނިކޮށް އެއްލި ކަޅިން ފެނުނީ ޖެހިގެންއިން މޭޒުގައިއިން ބޭފުޅަކު ފާރުބުޑަށް ޗަސްލާފަ ކުޅުޖެހިތަނެވެ. ހީވީ ކަޅުބިލަމަހެއް ކޮށިފިލައިގައި ޖަހައި ކަރު ކަނޑާލިހެންނެވެ. މާފުކުރާށެވެ. ތަނުގެ ރީތިކަމަށް ކުރި ތައުރީފު އަނބުރައި ގެނެސްފީމެވެ.

ސަޔަށްފަހު އެކަނި މާއެކަނި ވައިޖައްސާލައި ބަނޑު ދަމާލުމަށް ފަންނުގައި އޮތް ޖޯއްޔަކަށް ވެރިވީމެވެ. ޖެހޭ އަރާމުވައިގެ ވާހަކަ ދެއްކުމުގެ މާނައެއްނެތެވެ. ލޯމަރަލައިގެންއޮވެވުނީ ކޮންކަމެއްގެ ފިކުރުގައި ކަމެއް ހަގީގަތުގައިވެސް ނޭނގެއެވެ. ނިދިޖެހި ހިމޭންކަމުގެ ތެރެއިން މާތޫލި އަޑަކުން މީހެއްގެ އަޑު އިވޭތީ ލޯހުޅުވާލެވުނީ ހަމަކިރިޔާއެވެ. ފަސްދީ އެދަނީ ބަރޮލެއް ހިފައިގެން ގޮނޑު ދޮށާއި ދިމައަށް ވައިސޫރިއެއްހެންދާ ފަލަވަރެއްގެ 2 އަންހެނުންނެވެ.

އެދެމީހުންގެ މުހުތާދަކީ ކޮބައިތޯ ބަލާލާހިތްވީ ކަށީގައި ހަރުލާފަ ހުރިކަމަކަށްވާތީ ކަމަށްވެސް ވެދާނެއެވެ.

ކަސްރަތަކަށް ވާވަރުގެ އެއްވެސް ކަމެއް ދިވެހި ގިނަ އަންހެނުން ކުރަންބޭނުން ނުވަނީތާ ދޯއެވެ. ކުނިބަރޯ ކުނިގޮނޑާ ހަމައަށް ގެންދަން ހިތްހަމަ ނުޖެހޭތީ ގެއާއި ދިމާއާށް އުކާލީ ތޯއްޗެކެވެ.

އިރުގަނޑަަކަށްފަހު ގެއަށް އަތުވެއްޖެއީމެވެ. މިޖެހުނީ ކަންތަކާތާއެވެ.

ލޯބިވާ އަނބި މީހާގެ އެއް ސުވާލުގެ ސަބަބުން މިލިޔުން ލިޔަން މަޖުބޫރުވީއެވެ.

ސުވާލަކަށްވީ، ފެރީމަތީ ތިބެގެން ކެއި ސަބްމެރިން ލައިގެން ގެނާ ކޮތަޅާ ދަތުރު މަތީގަ ބުއި 2 ޕެކެޓް މިއީ ކީއްކުރަން ގެއައްގެނައި އެއްޗެއްހެެއްޔެވެ.

އަހަރެން ބޯކަހާލީ ބުނާނެ އެއްޗެއް ދުލަށް ނައިސްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.