އިންޑިއާގެ މަޝްހޫރު "މޯޓީ މަހަލް"ގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފިއެވެ.
މިތަން ހުޅުވައިދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެެ. މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަޙްލޫފު ވިދާޅުވީ ދުނިޔޭގެ މިހާ މަޝްހޫރު ކޮލިޓީ ރެސްޓޯރަންޓެއް ރާއްޖޭގައި ހުޅުވިގެންދިއުމަކީ ދިވެހިންނަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއްކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯޓީ މަހަލްގެ މެނޭޖިންގ ޑިރެކްޓަރ މޮނޭޝް ވަނީ ރާއްޖޭގައި އިންޑިއާ ކެއުންތައް މަގުބޫލުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޯޓީ މަހަލްގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވިގެންދިއުމަކީ އެކުންފުންޏަށް ލިބިގެންދާ އުފަލެއްގެ ގޮތުގައި މޮނޭޝް ސިފަކުރެއްވިއެވެ.
މޯޓީ މަހަލްއަކީ އިންޑިއާގެ ކެއުންތަކަށް ޙާއްސަ ރެސްޓޯރަންޓެކެވެ. މިތަނުގެ ޚާއްސަ ކެއުންތަކުގެ ތެރޭގައި ބަޓަރ ޗިކަން، ތަންދޫރި ޗިކަން ހިމެނެއެވެ. މިބާވަތްތަކަކީ މޯޓީ މަހަލްއިން ބާޒާރަށް ނެރުނު 2 އުފެއްދުމެވެ.
މޯޓީ މަހަލްއިން ރާއްޖޭގައި ހުޅުވި މިއައުޓްލެޓް ހުންނަނީ ރަސްފަންނު ޕެވިލިއަންގައެވެ. މިތަން ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 11:00އިން ރޭގަނޑު 23:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ 14:00 އިން 23:00 އަށެވެ.