ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ސާފު ކުރުމުގެ ކެމްޕޭން ފެށުމަށް މިއަދު މާފަންނު  ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިންނަކީ ސާފުތާހިރު ކަމަށް ލޯބިކުރަމުން އައި ބައެއް ކަމަށާއި އެ ރޫހު އަލުން ދިވެހިންގެ މެދުގައި އާލާ ކުރަން ޖެހޭ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދިމާވެފައިވާ ބޮޑު އިޖްތިމާއި މައްސަލައެއް ކަމަށާއި، މި އިޖްތިމާއި މައްސަލަތައް ހައްލު ކުރެވޭނީ ރައްޔިތުންވެސް ވެށި ސާފުކުރުމަށް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"ތަރައްގީގައި ކިތަންމެ ބާރަށް ކުރިއެރިއަސް، ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ، ދިވެހިންގެ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެން، ރާއްޖެއަކީ ސާފުތާހިރުކަމަށް ލޯބިކުރާ، ގޮތްހުރި ބަޔަކު ދިރިއުޅޭ ތަނެއް" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލުމުގެ ނިޒާމްތައް ގާއިމްކުރުން ކަމަށާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސާފުކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ ބޭނުމަކީ އަންނަންއޮތް ޖީލުތަކަށް ރާއްޖޭގެ މުއްސަންދި ވެށި ފުރިހަމަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ. ރާއްޖެ ދެމިއޮންނާނީ ތިމާވެށީގެ ނުރައްކާތަކުން ސަލާމަތްވުމަށް މަސައްކަތް ކޮށްގެންކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސާފު ކުރުމުގެ ގައުމީ ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި މީގެއިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.