ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުޢޫދު ފަނޑިޔާރުގެ އިސްލާޙުކުރެއްވުމާ މެދު ދެއްކެވި ވާހަކައަކާ ގުޅިގެން ދެވަނަ ފަހަރަށް ސްޕްރީމް ކޯޓަށް ހާޒިރުކުރުމުން އެމްޑީޕީއިން އެކަމާ ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

ރާއްޖެޓީވީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްތިއުފާދެއްވަން ޖެހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިއްޔަ އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޙާޒިރުކޮށް ބަޔާން ނަގާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ސުޢޫދު ރާއްޖެޓީވީގެ ޕްރޮގްރާމްގައި ފާޅުކުރައްވާފައިވާ ޚިޔާލުފުޅަކީ ފަނޑިޔާރުގެއިން އިންސާފުނުލިބޭތީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން ވެސް ދައްކަމުން ގެންދާ ވާހަކައެއް ކަމަށެވެ. 

އަދި އެބޭފުޅާ ވާހަކަދައްކަވާފައިވާ ފަނޑިޔާރުގޭގެ މައްސަލަތަކަކީ ސާބިތުވާންހުރި މައްސަލަތަކެއްކަމަށާއި، ޤާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖްރާޢަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް ސުޢޫދުގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ޤާނޫނުއަސާސީގައާއި ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުންކަމަށް އެޕާޓީން ދެކޭ ކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.

ފަނޑިޔާރުގެއާ މެދު ޚިޔާލުފާޅުކުރެއްވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކިފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ ސުޢޫދުގެ އިތުރުން އެތަކެއް ޤާނޫނީ ވަކީލުން ސަސްޕެންޑްކުރައްވާފައެވެ. ޑީޖޭއޭއަށް އިއްޔަ ސުޢޫދު ޙާޒިރުކުރުމުން އޭނާ ވަނީ އެ ވާހަކަތަކަކީ އެއްވެސް ނަތީޖާއެއް ނެރުމަށް ދެއްކި ވާހަކަތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *