މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއެކު ކުރެވިފައިވާ ހުރިހާ މުއާމަލާތެއްވެސް ކޮށްފައިވާނީ ގާނޫނާއި އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުން ފައިސާ ގެއްލުނު މައްސަލާގައި ބެންކުތަކުން ޖަވާބު ދާރީވާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ބީއެމްއެލް އިން ބުނީ އެބެންކުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެމްއެމްޕީއާރްސީއާއެކު ހުރިހާ މުއާމަލާތްތައް ބީއެމްއެލް އިން ހިންގާފައި ވަނީވެސް ގާނޫނީ އިމުގެތެރެއިން ކަމަށާއި އެކަމުގައި ގަވައިދާ ހިލާފަށް އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ބީއެމްއެލް އިން "އަވަސް" އަށް ބުނެފައިވެއެވެ.
"ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ބެންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމައުއަށް ފޯރުކޮށްދީ ގައުމުގެ ކުރިއެރުމަށް،" ކަމަށް ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީ މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ބޭންކު އޮފް މޯލްޑިވްސް އިން ހިއްސާ ކޮށްފައެއް ނުވެއެވެ.