ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތުގެ ކޯލިޝަން އެއްބަސްވުމެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" އިން ހުކުރު ދުވަހު ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެއްބަސް ވުމެއް ނޯންނާނެ ކަމަށް ވިދާޅުވީ ކޯލިޝަންގެ ހަތަރު ލީޑަރުން އެއްބަސްވެފައިވާ އެއްބަސްވުމެއް ނެތީމަ ކަމަށެވެ.

ހަސަން މިހެން ވިދާޅުވިޔަސް އިއްތިހާދުގައި ހިމެނޭ އަނެއް ފަރާތުން ދައްކާ ވާހަކަތަކުން އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވެފައިވާ ކަމަށް އެމްޑީޕީގެ ފިޔަވާ އަނެއް ތިންޕާޓީން އަންނަނީ ބުނަމުންނެވެ.

ހަސަން ވިދާޅުވީ އެހެން ޕާޓީތަކުން އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޭނާ ސޮއި ކުރެއްވި ކަމަށާއި ނަމަވެސް އެއީ ކޯލިޝަން އެއްބަސްވުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތުގެ މަޝްވަރާތައް ކުރި އެވެ. އަދި އަނގަ ބަހުން އެމްޑީޕީއިން ބޭނުންވާ ގޮތް ވެސް ކޮމެޓީއަށް ހުށަހެޅި ކަމަށާއި އެހެން ޕާޓީތަކުންވެސް ކަންތައްކުރީ އެހެން ކަމަށް ހސަން ވިދާޅުވިއެވެ.

"އެކަމަކު އޭގެ ތެރެއިން އެއް ޕާޓީއިން ބޭނުންވި އަޅުގަނޑު ހުށަހެޅި ކަންކަން ލިޔުމުން ދިނުމަށް، އަޅުގަނޑު ދެން އެ ޕާޓީގެ ނަން ނުބުނި ކަމުގައި ވިޔަސް، އެގޮތަށް އެދިވަޑައިގަތީމަ ލިޔުމުން ވެސް އަޅުގަނޑުމެން ދިނިން، އަދި ސޮއިކުރަން ބޭނުންވީމަ، އަނގަ ބަހުން ދެއްކި ވާހަކަ ލިޔުމެއްގައި ސޮއިކޮށްފަ ވާނީ ދީފަ، އެމްޑީޕީގެ ފަރާތުން އަޅުގަނޑު ސޮއި ކުރީ މި ދެންނެވި ލިޔުމުގައި،" ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ކޯލިޝަންގެ ފަރާތުން ނުވަތަ ކޯލިޝަންގެ ނިންމުމަކަށް އެ ނިންމުމެއް ވަނީ ހަތަރު ޕާޓީ އެއްބަސްވުމުންނެވެ.

"މިހާރު މިއޮތް ކޯލިޝަންގެ އެއްބަސްވުމަކަށް ވާނީ އޭގައި ހަތަރު ލީޑަރުންގެ ސޮއި އޮވެގެން، އެ އަދި ލީޑަރުންނަށް ވާކަށް ނުޖެހޭ، އެ ބޭފުޅުންގެ މަންދޫބުން ވިޔަސް، މާޗް މަހު އޮންނާނެ ހަތަރު ލީޑަރުން އެއްބަސްވެފަ އޮންނަ ކޯލިޝަން އެއްބަސްވުމެއް" ހަސަން ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވަކިވަކި ވާދަކުރުމަށްފަހު މަޖިލީހަށް ވަދެ، ކޯލިޝަން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.