7 މާރޗު 1980 އަކީ ވަރަށް އުފާވެރި ރެއެކެވެ. އެރެއަކީ އުޑުމަތި ސާފު މަޑު މައިތިރި ރެއެކެވެ. ތަރިތަކާއި ގުރަހަތައް ހީވީ އުޑު މައްޗަށް އުކާލެވިފައި ވާ ޖަވާހިރު ތަކެއް ހެނެވެ. އެއީ ހަމަ ޔަގީނުންވެސް ހަނދާނުން ފިލައިގެން ނުދާނެ ރެއެކެވެ. އަހަރެންގެ ފޮނި އިންތިޒާރަށް ފުރިހަމަ ނަތީޖާއެއް ލިބިގެން ދިޔަ ރެއެކެވެ. އެރެއާއި މެދު ވިސްނާލިޔަސް އަހަރެންގެ މި ނިކަމެތި ހިތް އަވަސްވެ، އުފަލުން ފުރިގެން ގޮސް، ބަންޑުން ވެގެން، އެފުއް މިފުށަށް ޖެހެއެވެ. އެރޭ ކުރެވުނު އިހުސާސްތަކާއި ޖަޒުބާތުތަައް ސިފަކޮށް ދިނުމަކީ އަހަރެން އެންމެ ކުރާހިތުން ކުރާ އެއް ކަންތަކެވެ.

އެރެއަކީ އަހަރެންގެ އުފާވެރި އުފަން ދުވަހެވެ. އަދި އަހަންނާއި އަހަރެންގެ އަންހެނުން ޒަވާޖީ ހަޔާތަކުން ގުޅި، ދިރިއުޅުން އައު ފެށުމަކަށް ގެނައި ދުވަސްވެސް މެއެވެ. އަހަންނަށް ސާރާ ކަހަލަ އަނތްބެއް ލިބުމަކީ އަހަރެންގެ ނަސީބުގައި، މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ލައްވައިފައިވާ ބޮޑު ނިޢުމަތެކެވެ. އަދި އަހަރެންގެ އުފަން ދުވަހެއްގައި މިހާތަނަށް ކުރި އެންމެ ބޮޑު ވެދުންވެސް މެއެވެ.

އަހަންނާއި ސާރާ ކުޑަ އިރުންސުރެން އުޅެބޮޑުވީ އެކީގައެވެ. އަހަރަމެން ދެމީހުންނަކީވެސް ސަމާސާ ކޮށް ސަކަރާތް ޖަހާ، އެކަކު އަނެކަކަށާއި އެހެން މީހުންނަށް ޖެއްސުން ކުރަން ފޯރި ހުންނަ ދެމީހުންނެވެ. އެންމެ ފުރަތަމަ ހަނދާން ހުންނަން ފެށުނީއްސުރެންވެސް އަހަރަމެން އުޅޭނީ އަބަދުވެސް ކޮންމެވެސް ސަކަރާތް ގަނޑެއްގެތެރޭގަައެވެ. ކަޅު މަރިޔަނބުމެންގޭ ގޯތި ތެރެއަށް ވަދެ އަނބު ގަހުން އަނބު ބިނދެގެން ކެއުމަކީ އަހަރަމެން ކޮންމެ ދުވަހަކު ކޮންމެހެންވެސް ކުރަން މަޖުބޫރު ކަމެކެވެ. އަދި ކޮންމެ ދުވަހަކު އަހަރަމެން މަންމަމެން ގާތުން އެކަމަށް މަޢާފަށްވެސް އެދެމެވެ.

ދުވަސްތަކެއް ފާއިތުވެގެން ގޮސް އަހަރަމެން އަހަރަމެންގެ އެންމެ ނުލަފާ އުމުރަށް އަޅައިފިއެވެ. އެއީ ގިފިލީގައި ދާނި ދަނޑިން ފެންވަރައި އުޅުން ޒަމާނެވެ. އަހަރެން ކޮންމެ ދުވަހަކު ސާރާ ގިފިއްޔަށް ވަންނަ ވަގުތު ބަލާފައި ފުރާޅަށް އަރަމެވެ. އަރަނީ އެގޭ "ބަނބުކެޔޮ ގަހުން ފުރާޅަށް އެޅިފައި ހުންނަ ހިކި ފަތްތައް ނަގާ ސާފު ކޮށްދޭށެވެ." އަދި އޭނާ ފެންވަރައިގެން ނުކުތުމުން  ދާނި ދަނޑި ވަސް ވަރަށް ދުވާ ވާހަކަ ބުނަމެވެ. ހަމަ ޖެއްސުމަށެވެ. އެހެން އުޅެނިކޮށް އެއްދުވަހު ފުރާޅަށް އަރާ އޮއްވާ ސާރާއަށް ފެނިއްޖެއެވެ. ހަޅޭއްލަވަން ފެށި ގޮތަށް މުޅި އަވަށު އެންމެން އެއްކޮލާ، އަހަރެންގެ ކަންކަށި މަތީގައި އަތް ދޮވެލައިފިއެވެ.

ޖެހިގެން އައި ދުވަހު އަހަރެން ގިފިލީގައި ފެންވަރަން ހުއްޓާ އަހަރެންގެ ގަމީހާއި މުންޑުގަނޑު ހިފައިގެން ދުވެ ފިލައިފިއެވެ. އަހަންނަށް ޖެހުނީ ހިއްކަން އަޅާފައި އޮތް ސަނދުވާ ކޮޅަކުން ނިވާކޮށްލައިން ގޯތި ތެރެއަށް ދުއްވައިގަންނާށެވެ. އިރުކޮޅެއް ނުވެ އަހަންނަށް އިވުނީ ޕަކަ ޕަކަ ލައްވާ ހޭ އަޑެވެ. އިތުރު މީހަކު ނޫނެވެ. ސާރާއެވެ. އެއްޗެހި އަނބުރާ ހަވާލުކުރުމަށްފަހު އަހަންނަށް އޭނާގެ އިހުސާސްތައް ކިޔައިދިނެވެ. އަދި އަހަންނާ އިންނަން ބޭނުންވާ ވާހަކަވެސް ބުންޏެވެ. އެއަށް ފަހު މާ ގިނަ ދުވަސް ތަކެއް ނުވެ އަހަރެން ބަފާބެ ގާތުން އިންނަން ވަލީ ހޯދައިފީމެވެ. އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްވެސް އަތުވެއްޖެއެވެ. އަނބި ގަބޫލުވެސް ކޮށްފީމެވެ. އަހަރެންގެ ހަށިގަނޑާއި ފުރާނަވެސް ހިބައިން ދެވިއްޖެއެވެ.

ކުރިއަށް އޮތް ދުވަސްތައް ފާއިތުވެގެން ދިޔައީ އެކަކު އަނެކަށް އޯގާތެރިކަމާއިއެކު، ލޯތްބާއި، އުފަލުގައެވެ. ދަރިންނަށް ކިޔާނެ ނަންތައްވެސް އޮތީ ފާސްވެ ނިމިފައެވެ.

ކައިވެންޏަށް ހަފުތާއެއް ނުވެ އަހަރެން މާލެ އަތުވެއްޖެއީމެވެ. މަސައްކަތެއް ފެށުމުގެ ޚިޔާލުގައެވެ. މައުމޫނުގެ ވެރިކަމުގެ ދަށުގައި އިރާދަ ކުރައްވައިގެން އަހަންނަށް ލާރި ލިބޭނެ މަސައްކަތެއް ޖެހުނެވެ. އެއީ އެއާރޕޯޓު އަޅަން އޮޑި ދޯނި ފަހަރަށް އަކިރި ބަރުކޮށްގެން މާލެއަށް ގެނައުމެވެ. ނަމަވެސް، ކަން ދިމާކުރި ގޮތުން އަހަންނަށް މަސައްކަތަށް ދެވުނު އެންމެ ފުރަތަމަ ދުވަހަކީ އެންމެ ފަހު ދުވަސްވެސްމެއެވެ. ބަލައި ނުލެވި ފަރުވާކުޑަ ކަމާއިއެކު ލޮނު ގަނޑުގެ ތެރެއަށް ފުއްމާލީ އޮޑީގެ ބުރަފަތި މައްޗަށެވެ. ބުރަފަތީގައި ޖެހުނު ގޮތަށް ހޭވެރިކަންވީ ހޮސްޕިޓަލެއްގެ އެނދުމަތީގައެވެ.

އެންމެ ފުރަތަމަވެސް ފެނުނީ އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އަހަރެންގެ ބެންޑޭޖުކުރެވިފައިވާ އަތުގައި ބޯއަޅައިން އޮތް ތަނެވެ. ދެން ބަލައިލީ އަހަރެން ބޭއްވިފައި މިއޮތީ ކޮންތާކުކަމެވެ. ކައިރިއަށް ނަރުސް ކުއްޖެއް އައުމާއިއެކު ދެން އިވުނީ ނުވެސް ދަންނަ ބަހުރުވައަކުން ވާހަކަ ދައްކަން ފެށި އަޑެވެ. އެވަގުތު އަހަރެން ސާރާއާއި ދިމާއަށް ކަޅި ހިންގާލާ އޭނާގެ ބޮލުގައި ފިރުމާލެވޭތޯ ބެލީމެވެ. ނަމަވެސް އަހަރެންގެ މި މަސައްކަތް ދިޔައީ ނާކާމިޔާބު ވެގެންނެވެ. ވަގުތުން ހިތް ބިރުގަންނަން ފަށަފިއެވެ. މީހާ ތުރުތުރު އަޅާ، އޮށް ދާހިއްލަން ފަށައިފިއެވެ. އަޑުގެ ނެތް ތަނަށް ހަޅޭއް ލަވަން ފަށައިފީމެވެ. ހީވީ އަހަރެންގެ އަޑުން މުޅި ތަން ގުގުމާލިހެންނެވެ. ނަމަވެސް އަހަރެން ހަޅޭއްލަވާ އަޑު އިވެނީ އަހަންނަށް އެކަންޏެވެ. އެހިސާބުން އަހަރެން އިނީ ނުކުޅެދިފައިކަން އިހުސާސް ކުރެވުނެވެ. އަހަރެން އޮތީ ކޯމާ އެއްގައެވެ. ހަރަކާތެއް އިޝާރާތެއް ނުކުރެވެއެވެ. ސާރާއަށް ފެންނަމުން ދިޔައީ އަހަރެންގެ ލޮލުން އޮހޮރިގެންދާ ކަރުނަ ތަކެވެ. ހަމަ އެއާއެކު އަހަންނަށް އިހުސާސް ކުރެވެމުން ދިޔައީ ސާރާ ކުރަމުން ދިޔަ ހިތި ހިތާމަތަކެވެ. ނަމަވެސް، ކުރިއަށް އޮތް އަހަރުތަކު ތެރޭގައި އަހަންނަށް ހަމައެކަނި ކުރެވެމުން ދިޔަ އިހުސަސްތަކަކީ ސާރާގެ ހިތް ހެޔޮ ކަމާއި، ލޯތްބާއި އަޅައިލުމެވެ.

ކުއްލިއަކަށް އިވުނު ތޫލި އަޑަކާއި އެކު އަހަރެންގެ މޫނުމަތި އެއްކޮށް އަނދިރިވެއްޖެއެވެ. އިސާހިތަކު ހިތަށް އެރީ އަހަރެންގެ ވަގުތުކޮޅު ހަމަވީއެވެ. ބަލާ އައީ ކަމަށެވެ. ނަމަވެސް، ދެން މާ ގިނަ އިރެއް ނުވެ އަހަންނަށް އަނެއްކާ ފެންނަން ފަށައިފިއެވެ. އަހަރެން ކުރިމަތީގައި ހުރީ ސާރާއެވެ. ސާރާ އަހަރެން ލޯ ހުޅުވާލުމުން ހިނިތުންވެލިއެވެ. އަހަރެންގެ ގައިގައި ހުރިބާރެއްލާފައި ތެދުވެ ސާރާ ގައިގައި އޮޅުލައި ގަތީމެވެ. ކޯތާފަތުގައްޔާއި ނިއްކުރީގައި އަހަރެން ބޮސް ދޭން ފަށައިފީމެވެ. އެހިނދު ސާރާ އަހަންނާއި ދިމާލަށް "ބައްޕާ!" އޭ ކިޔާ ގޮވާލިއެވެ. "މީ މަންމަ އެއް ނޫން މިއީ މީރާ، ބައްޕަގެ ދަރިފުޅު މީރާ" މީރާ އަހަންނަށް ކިޔައި ދިނެވެ. އަހަންނަށް ގަބޫލު ކުރަން ދަތިވާ ވަރަށް މީރާ އޭނާގެ މަންމަ އާއި ވައްތަރެވެ. މަންމަ ކޮބައިތޯ އަހަރެން އޭނާ ގާތު އެހުމާއި އެކު ދެން އިވުނު އަޑުން ބަޑިފަޅައިން ރޮވެން ފެށުނެވެ. އެއީ ސާރާ، މީގެ ފަސް އަހަރު ކުރިން މި ދުނިޔެއާއި އަލްވަދާއު ކިޔައިފިކަން އެނގުމުންނެވެ. އަދި މި ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އަހަންނަށް ލޯތްބާއި އަޅައިލުން ލިބުނީ އަހަރެންގެ ހަމަ އެކަނި ދަރިފުޅު މީރާގެ ފަރާތުން ކަމަށެވެ. އަހަރެން ކޯމާގައި އޮންނަތާ 39 އަހަރު ވީކަމަށްވެސް އަހަންނަށް ޑަކްޓަރ ރަމޭޝްވެސް ފަހުން ކިޔައިދިނެވެ. އުއްމީދު ކަނޑައިލީ ކަމަށްވެސް ބުންޏެވެ. އެހެންކަމަކު، މާތް ﷲގެ އިރާދަފުޅާއިއެކު މިއަދު އަޅުގަނޑު މިހުރީ ހެޔޮހާލުގައެވެ.

ދުނިޔެއަކީ ވަގުތީ ދުނިޔެއެކެވެ. އިމްތިހާނުގެ ވަގުތު ކޮޅެކެވެ. އެކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަފުޅާއި ދެކޮޅަށް މި ދުނިޔޭގައި އެއްވެސް ކަމެއް ނުހިނގާނެއެވެ. އަޅަމެންނަށް ދެއްވާ ނިއުމަތް ތަކަކީ ވެސް އެކަލާނގެ ހަޟްރަތުން ދެއްވަވާ އެއްޗެހިކަންވެސް ހެޔޮހިތުން ގަބޫލު ކުރަން ވާނެއެވެ. މާތް ﷲ އަހަރެންގެ ލޯބިވާ އަންހެނުންނަށް ހެޔޮ ރަޙްމަތް ދެއްވާންދޭ! އާމީން...

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.