މިނިސްޓަރ އޮފް ޔޫތު އެންޑް އެމްޕަވަރމަންޓް އަހުމަދު މަހުލޫފަކީ މިފަހަކަށް އައިސް ފެނުނު އެންމެ ތަފާތު މިނިސްޓަރޭ ބުނުމަކުން ގޯހެއްނެތެވެ. ޒުވާނުންގެ މިނިސްޓަރުގެ ގޮތުގައި މިއަދު ގިނަ ބަޔަކު ބަލައިގަންނަ މަހުލޫފަކީ ކޮންމެ ދާއިރާއަކުންވެސް އެހީއަކަށް އެދިއްޖެނަމަ، އެކަން ކޮށްދެވޭތޯ ބައްލަވާ މިނިސްޓަރެއްކަން ފަހަކަށް އައިސް ފެނުނު މަންޒަރުތަކުން ހެކިދެއެވެ.

"ދާދި ދެންމެ އެންސްޕާގެ ސީއީއޯ އާ ވާހަކަ ދެއްކިން. ނޫހުގައިވާ ނަމްބަރަށް އެންސްޕާއިން ގުޅާފައިވާކަމަށާއި އަދި މިހާރު އެންސްޕާއަށް ފޯމުވެސް ހުށަހަޅާފައިވާކަމަށް ބުނި. އަދި ބަލިމީހާގެ ބައްޔަށް ކުރާ ފަރުވާގެ ހުރިހާ ޚަރަދެއް އެންސްޕާއިން ހަމަ ޖެހޭނެކަމަށްވެސް ބުނި. އަދި އާދިއްތަ ދުވަހު އޮޕަރޭޝަން ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ދިން" ޑޮކްޓަރ މައުރޫފް ހުސައިންގެ ޓުވީޓެއް ރިޓުވީޓް ކުރައްވަމުން މަހުލޫފް ލިޔެފައިވެއެވެ. ޑރ.މައުރޫފް ކުރައްވާފައިވާ ޓްވީޓްގައިވަނީ ސިކުނޑީގައި ޓިއުމަރެއް ހުރި ހދ.ނޮޅިވަރަންފަރު މީހެއްގެ ފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާއިން ކުރަންޖެހޭނެކަމަށް ބުނެފައެވެ.

އެހެން މިނިސްޓަރުންނާއި ޚިލާފު ބައެއް ކަންކަން މަހުލޫފުގެ ފަރާތުންވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، މިނިސްޓަރުކަން ލިބުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މިނިސްޓްރީގެ މަސައްކަތު މުވައްޒަފުންނާއެވެ. އަދި ބައްދަލުވުމަށްފަހު، މިނިސްޓްރީގެ އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ ތަނުގެ ސާފުތާހިރުކަން ބަލަހައްޓާ މީހުންކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރުންނަށް ސަރުކާރުން ކަނޑައެޅި ޕާކްކުރާ ސަރަހައްދާ ބެހޭގޮތުންވެސް މަހުލޫފު ދެއްކެވީ މިސާލެކެވެ. މަހުލޫފަށް ކަނޑައެޅި ޕާކް ކުރާ ސަރަހައްދު އިމާރާތެއްގެ ކުރިމައްޗަށްވުމުން އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ އެކަން ޓުވީޓަކުން މަހުލޫފުގެ ސަމާލުކަމަށް ގެނައެވެ. ޓްވީޓަކުން މަހުލޫފުގެ ސަމާލުކަމަށް ގެނައި އެ މައްސަލައަށް ރައްދު ދެއްވީވެސް ޓްވީޓަކުންނެވެ. އެބޭފުޅާއަށް ސަރުކާރުން ކަނޑައެޅި ޕާކްކުރާ ސަރަހައްދު އާންމުކޮށް ހުޅުވާލުމުން ގިނަ ބައެއްގެ ޝުކުރުގެ ބަސްތައް އޮހިގެންދިޔައެވެ.

ދާދި މިދާކަށްދުވަހު އަނެއްކާވެސް މަހުލޫފްމިވަނީ އައު ކަމެއް ތަޢާރަފްކުރައްވާފައެވެ. ޔޫތު މިނިސްޓްރީގައި މަސައްކަތްކުރާ މުއައްޒަފުންގެ ތުއްތު ދަރިންނަށް މައިންބަފައިން ވަޒީފާގައި އުޅޭ ވަގުތު ވަކި އުޞޫލެއްގެ ދަށުން ޒިޔާރަތް ކުރެވޭނެގޮތް މިވަނީ ފަހިކޮށްދެއްވާފައެވެ. ވަޒީފާގައި ގިނަ ވަގުތު ހޭދަކުރާ މުވައްޒަފުންނަށް އުފާވެރިކަން ގެނައި މިޚަބަރުގެ މުޅި ސޯޝަލް މީޑިއާގައި ފަތު އަޑުކިޔާފައި ފެތުރިގެންދިޔައީ ކަމެއްވެގެނެވެ. މިއިން ޒަމާނަކު އެކަހަލަ އިންތިޒާމެއް މިރާއްޖެއިން ފެނިފައިނުވާތީއެވެ.

އެހެން މިނިސްޓަރުންނާ ޚިލާފަށް ސޯޝަލް މީޑިޔާގައި ހަރަކާތްތެރި މަހުލޫފު ގޭންގްތަކާއި އެއް މޭޒަކަށް ދާނެވާހަކަ ހާމަކުރުމަކީވެސް ތަފާތުކަމެކެވެ. މީގެ ކުރިން އެއްވެސް ސަރުކާރަކުން އެފަދަ ގޮތަކަށް މަސައްކަތް ކޮށްފައި ނުވާއިރު، ގިނަ ބަޔަކު އެކަމަށް ބަސްބުނިތަން ފެނުނެވެ. އުމަރު ނަސީރު ފާޅުގައި ފާޑު ވިދާޅުވިނަމަވެސް، އެކަމަށް ރައްދު ދެއްވީވެސް ޖެހިލުމެއްނެތިއެވެ. އެގޮތުން އުމަރުގެ ބަހަށް އިޝާރާތްކޮށް، ކެމްޕެއިން ތެރޭގައި ރާއްޖޭގައި ގޭންގްތައް ނޫޅޭކަމަށް ޔާމީން ވިދާޅުވުމުންވެސް ގޯސްކަމަށާއި، އުމަރު ޓެގު އެޅުވީމަވެސް ގޯސްކަމަށާއި، މަސްއޮޑިގެއަށް އެސްއޯ ފުލުހުން ވަދެ އެތަން ފުނޑުފުނޑުކޮށްލީމަވެސް ގޯސްކަމަށާއި، ގޭންގް ހަޓްތަކާއި ޖޯލިތައް ނެގީމަވެސް ގޯސްކަމަށާއި، އެންމެފަހުން ވާހަކަ ދައްކައިގެން ހައްލެއް ފެނޭތޯ މަސައްކަތް ކުރީމާވެސް ގޯސްކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވަމުން ގެންދަވަނިކޮށް ކެބިނެޓުން ފުރުޞަތު ލިބިލައްވާ, މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ފެނިފައިވާ މަންޒަރުތަކުން މަދު ބައެއްގެ މަލާމާތް ރައްދުވީނަމަވެސް، ގިނަ ބަޔަކު ދަނީ މަހުލޫފަށް ތަޢުރީފު އޮއްސަމުންނެވެ. ތަފާތު ދައްކަމުންދާތީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.