ލިޔުމުގައިވެސް އަދި ކިޔުމުގައިވެސް ކުށް ބަހެއް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ތަކުރާރުކޮށް ކުށް ބަސްތައް ބޭނުންކޮށްގެން ވާހަކަ ދެއްކުމާއި، ލިޔެކިޔުމުގައި ބޭނުންކުރުމަކީ މައްސަލައެކެވެ. ކުޑަކުޑަ ކަމެކޭ ހީވިޔަސް އެއީ ބޮޑު ކަމެކެވެ. ތަކުރާރުކޮށް އެ ބަސް ނުވަތަ ލަފުޒު ބޭނުންކުރަމުންގޮސް ލަފުޒުގެ އަސްލު އޮޅިދާނެ އެވެ.

ވާހަކަދެއްކުމާއި ލިޔެކިޔުމުގައި މަދުންނަމަވެސް ބޭނުންކުރަމުން އަންނަ، އަޑު އަހައިލަން ފިސާރި އުނދަގޫ ދެ ލަފުޒެއް ކަމަށްވާ ‘ލިޔެފަކާ’ އަދި ‘ބުނެފަކާ’ މިއީ އެފަދަ ލަފުޒު ތަކުގެ ތެރެއިން ދެ ލަފުޒެވެ. ވާހަކަ ދެއްކުމުގައިވެސް، ލިޔުމުގައިވެސް މިއީ، ރަނގަޅުގޮތެއް ނޫނެނެވެ.

ސަބަބަކީ، ‘ލިޔެފައި’ މި ބަސް ނަފީގެ ގޮތުގައި ބޭނުންކުރާއިރު އޮންނާނީ، ލިޔެފަކާ ނޯންނާނެއެއް ނޫނެވެ. އޮންނަން ޖެހޭނީ ‘ލިޔެފައެއް ނޯންނާނެ’، ‘ލިޔެފައެއް ނުވޭ’، ‘ލިޔެފައެއް ނެތް’ މިހެންނެވެ.

‘ބުނެފައި’ މި ބަސްވެސް އެގޮތަށް ބޭނުންކުރާއިރު އޮންނާނީ، ބުނެފަކާ ނޯންނާނެ، މިހެންނެއް ނޫނެވެ. އޮންނާން ޖެހޭނީ، ‘ބުނެފައެއް ނޯންނާނެ’، ‘ބުނެފައެއް ނުވޭ’، ‘ބުނެފައެއް ނެތް’ މިފަދަ ގޮތަކަށެވެ.

މިފަދަ ބައެއް އެހެން ކުށް ބަސްތައް ބޭނުންކުރުން މިވަނީ މިހާރަކަށް އައިސް ވަރަށް ޢާއްމު ކަމަކަށް ވެފައެވެ. 

އިތުރު އެހެން މިސާލަކަށް ބަލާލާނަމަ އަންނަނިވި އިބާރާތްތަކަކީވެސް ފާހަގަކޮށްލެވޭ ޢިބާރާތް ތަކެކެވެ.

ރަނގަޅު ނޫން ގޮތް: އެގޭދޮށުގައި އެކާރު އޮއްވަކާ ނުދެކެން

ރަނގަޅު ގޮތް: އެގޭދޮށުގައި އެކާރު އޮއްވައެއް ނުދެކެކެން.


ރަނގަޅު ނޫން ގޮތް: ތިޔަހެން ލިޔެފައި ހުއްޓަކާ ނުދެކެން

ރަނގަޅު ގޮތް: ތިޔަހެން ލިޔެފައި ހުއްޓައެއް ނުދެކެން.

މަޢުލޫމާތު ނެގީ: ބަހުގެ ހަމަ ފޮތް – ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (24 އޯގަސްޓް 1993)
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.