"ސާފުރާއްޖެ - އަހަރެންގެވެސް ޒިންމާ" ނަމުގައި ސާފުކުރުމުގެ ޤައުމީ ކެމްޕެއިންނެއް ފެށުމަށް ނިންމައިފިއެވެ.
ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާފުކުރުމުގެ ހަރަކާތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 07:30 އިން 10:30 އަށް ކުރިޔަށް ގެންދާނެއެވެ. މާލޭގައި މި ހަރަކާތް ފެށުމުގެ ހަރަކާތް އޮންނާނީ މާފަންނު ސްޓޭޑިއަމްގެ ޓާފް 1 ވަނަ ދަނޑުގައެވެ. މި ހަރަކާތުގައި އާންމު ތަންތަނާއި ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެއަކީ ސާފުތަނެއްކަމުގައި ހެދުމުގެ މަސައްކަތް މިސަރުކާރުގެ ޕްލޭންގައި ހިމަނާފައިވާއިރު، ތިމާވެއްޓާ ގުޅުންހުރި ބަދަލުތައްވެސް ދަނީ ގެންނަމުންނެވެ. އެގޮތުން މިނިސްޓްރީތަކާއި ސަރުކާރުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ހަރަކާތްތަކެއްވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ.