އެޗް.އެމް.ޑީގެ ނޮކިއާ ޓީމަކީ ފެށުނީއްސުރެން އަބަދުވެސް އާންމުން ގަޔާވާފަދަ އީޖާދުތަކެއް ގެންނަމުންދާ ކުންފުންޏެކެވެ. އެކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި އެބޭފުޅުންނަށް ލިބެންޖެހޭ ތައުރީފާއި އަޅައި ބަލާއިރު ލިބޭ ތައުރީފް މަދުވެފައި އޮންނަ ބައެކެވެ. މިގޮތުން މި ޓީމުން ތައާރަފް ކުރި އައު ފޯނަކީވެސް ކުރިން ތައާރަފް ކޮށްފައިވާ ފޯނުތަކަށް ވުރެން އަވަސް ފޯނެކެވެ. އަދި ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ތައާރަފް ކޮށްފައިވާ ނޮކިއާ 7.1 އަށް ވުރެން ވަރުގަދަ ވާނެ ފޯނެއް ކަމަށްވެސް ނޮކިއާގެ ޓީމުން މައުލޫމާތުދެއެވެ. ނޮކިއާގެ މި އާފޯނަށް ވަނީ، 7 ޕްލަސްގެ "ސްނެޕްޑްރެގަން 660" ޗިޕަކުން "ސްނެޕްޑްރެގަން 710" ޗިޕަކަށް ބަދަލު ކޮށްލާފައެވެ.

ޔޫރަޕުގައި ތައާރަފް ކުރަން ހަމަޖެހިފައިވާ އެޗް.އެމް.ޑީ ގެ އައު "ނޮކިއާ 8.1" ތައާރަފް ކުރުން އޮތީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. މި ފޯނުގެ އަގަށް ހަމަޖެހިފައި ވަނީ 379.99 ޕައުންޑް ނުވަތަ 399 ޔޫރޯއެވެ.

ނޮކިއާ 8.1 ގެ ސްކްރީނުގެ ރިސޮލިއުޝަން (2160×1400) އާއެކު "އެޗް ޑީ އާރް 10" ވެސް މި ފޯނުގެ ސްކްރީނަށް އެކަށީގެންވާއިރު މިފޯނުގެ ސްކްރީން ފަރުމާ ކުރެވިފައި ވަނީ "ސެމްސަންގް އެޖް" ފޯނާ ވައްތަރު ކޮށް، އަރިމަތިން ލަންބާލާފައެވެ.

ހަތަރު ޖީބީގެ ރެމް އަކާއިއެކު މިފޯނުގައި 64 ޖީބީ އިންޓާރނަލް މެމޮރީވެސް ހިމެނެއެވެ. އަދި އިތުރަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެސް.ޑީ ކާރޑްގެ ޒަރިއްޔާއިން 400 ޖީބީ އާއި ހަމައަށް މެމޮރީ އިތުރުވެސް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން މި ފޯނުގައި ހިމަނާފައިވާ 3،500 އެމް އޭ އެޗްގެ ބެޓެރީ  18 ވޮޓްގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޗާރޖު ކޮށްލެވެއެވެ. ވަޔަރލެސް ހެޑްސެޓް ބޭނުންވާ ބޭފުޅުންނަށް ބުލޫޓޫތުގެ ޒަރިއްޔާއިން އެކަންވެސް ފުރިހަމަވެގެން ދެއެވެ. ފޯނު ގަންނައިރު ފޯނުގެ "އިންބިލްޓް" (ފޯނާއިއެކުގައި އުފައްދާފައިވާ) އޯއެސް އަކީ އެންޑުރޮއިޑް ޕައި ގެ އޯއެސް ކަމަށްވެސް ނޮކިއާގެ ޓީމުން މައުލޫމާތުދެއެވެ.

މިފޯނުގެ ކެމެރާގެ ރިވިއު އަށް ބަލައިލާއިރު ފަހަތުގައި ދެ ކެމެރާ ހަރު ކުރެވިފައިވެއެވެ. އޭގެ މެއިން ކެމެރާ (މައި ކެމެރާ) އަކީ 12 މެގަ ޕިކްސެލްގެ ކެމެރާއެކެވެ. އަދި ޕޯޓްރެއިޓް ފޮޓޯ ނެގުމަށް ޚާއްސަކޮށް 13 މެގަ ޕިކްސެލް ސެންސަރެއްވެސް ދެވަނަ ކެމެރާ އާއި ގުޅުވާލާފައިވެއެވެ. ކުރިމަތީ ކެމެރާއަކީ 20 މެގަ ޕިކްސެލްގެ ކެމެރާއެކެވެ. ހަމަ އެހެންމެ، ނޮކިއާގެ ކުރީގެ ފޯނުތައް ފަދައިން ފަހަތުންނާއި ކުރިމަތިން އެއްފަހަރާ ފޮޓޯ ނެގިގެންދާނެއެވެ. އަދި ވީޑިއޯ ރިކޯޑިންގް އަށް ބަލާއިރު، ފޯކޭ ވީޑިއޯވެސް ސަޕޯޓް ކުރެއެވެ. އަދި މީގެ އިތުރުން ފޯނުގައި ހިމެނޭ އޮޕްޓިކަލް އިމޭޖް ސްޓޭބަލައިޒޭޝަން، ފޮޓޯ ނެގުމުގައި ހުންނަ ނުސާފުވުކަން ފިލުވައިދެއެވެ.

ނަމަވެސް ނޮކިއާގެ 8 އަށް ވުރެން ނޮކިއާގެ އައު 8.1 ބާރުގަދައެއް ނޫނެވެ. ސަބަބަކީ ނޮކިއާ 8 ގައި އެކުލެވިގެންވަނީ "ސްނެޕްޑްރެގަން 835" ޗިޕެކެވެ. އަދި އައު 8.1 ގައި ހިމެނެނީ "ސްނެޕްޑްރެގަން 710" ޗިޕެކެވެ.

އެޗް.އެމް.ޑީ އިން ބުނާ ގޮތުގައި 2019ގައި ޔޫރަޕަށް ތައާރަފްކުރުމުގެ އިތުރުން ނޮކިއާ 8.1 އޭޝިޔާގެ ޤައުމުތަކަށާއި އަރަބި ޤައުމުތަކަށް ތައާރަފް ކުރެވިގެން ދާނެކަމަށެވެ. މިއާ ޚިލާފަށް ނޮކިއާގެ އައު ފޯނު، އެމެރިކާއަށް ތައާރަފް ނުކުރާ ގޮތަށް އެޗް.އެމް.ޑީ އިން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.