އައްޑޫސިޓީ ހިތަދޫ ލިންކް ރޯޑުގައި ޑިސެމްބަރ 3 ވަނަދުވަހުގެރޭ، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ދުއްވަންއިން ކާރު އެކްސިޑެންޓްވެ ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ހާމަވެއްޖެއެވެ.
މި އެކްސިޑެންޓުގައި އުމުރުން 19 އަހަރުގެ ޒުވާނާ ހައިޝަމް މުހައްމަދު ސޮބްރީ ގެ މޭކަށިގަނޑުގެ ދެތަނަކުން ބިންދައިގެން ގޮސްގެން އައިޖީއެމްއެޗް ގެ އިމަޖެންސީގައި ފަރުވާދެމުން އަންނަކަމަށް ހައިޝަމްގެ އާއިލާއިން ބުނެފައިވެއެވެ.
ހައިޝަމްގެ ބައްޕަ އިބްރާހިމް ސޮބްރީ މައުލޫމާތު ދޭގޮތުގައި އޭނާއަށް މިއެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ރަށުގެ އާމުންގެ ފަރާތުން ކަމަށާއި، އަދި އެކަން އެގުމުން އެސަރަހައްދަށް ދިޔައިރު އައްޑޫސިޓީގެ ފުލުހުން އެ ސީން ރޫޅާލާފައި ވާކަމަށެވެ. އަދި ކާރު ދުއްވަންއިން އަލީ ސޯލިހު ކާރުން ފައިބައިގެން ގޮސް އެތާ ހުޓުމުން، ކިހިނެއްވީހޭ އެހުމުން އަލީ ސޯލިހު ވިދާޅުވީ ކާރުގައި އިންދާ ނިދުނީކަމާއި، އެހެންކަމުން ތިމަންނާ ހުރިހާ ކަމެއްގެ ޒިންމާ ވާނެކަމުގައެވެ. އަދި މިއެކްސިޑެންޓާއި ގުޅިގެން އޭނާއަށް ލިބެންޖެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމުގައިވެސް ހައިޝަމްގެ ބައްޕަ ބުނެފައިވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ހައިޝަމް އަށް ލިބިނު ގެއްލުމަށް ޒިންމާވާނެ އެއްވެސް ފަރާތެއް ނެތުމުން އެކަމާ ކަންބޮނޑުވުން ފާޅުކުރަމުން، އިބްރާހިމް ސޮބުރީ ބުނެފައިވަނީ އަލީ ސޯލިހު ހައިޝަމްގެ ބޭސްފަރުވާގެ އެންމެހައި ކަންކަމަށް ޒިންމާވާނޭކަމަށް ވިދާޅުވެފައި ވީނަމަވެސް އެކްސިޑެންޓަށް 4 ދުވަސް ވެފައިވާއިރުވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމުގައެވެ.
މައުލޫމާތު ލިބޭގޮތުގައި އެމައްސަލައިގައި އައްޑޫސިޓީ ފުލުހިންނަށް ބަޔާނެއް ދިނުމަށްފަހު، ބަޔާނުގައި ސޮއި ކުރެއްވުމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގަންނަވާން އެންގުމުން، ބަޔާނުގައި ސޮއި ނުކުރައްވާ އަލީ ސޯލިހު ވަޑައިގަތީ މާލެއަށެވެ.
އަލީ ސޯލިހު ސްޓޭޓް މިނިސްޓަރު ކަމަށް އަންޔަންކުރައްވާ، މަޤާމުގެ ފަތްކޮޅު ދެއްވެވީ ބުރާސްފަތި ދުވަހުއެވެ.