ފުޅިއަޅައިގެން އެންހިފުމުގެ މަސައްކަތް ކުރި 3 މީހުންގެ ތެރެއިން އެކަކު ނިޔާވެ ދެމީހުންގެ ހާލު ސާރިއަސްވެ ފަރުވާދެމުން އެބަދެއެވެ.

ގދ.ތިނަދޫ ކައިރީގައި އޮންނަ، އައުޓްރިގާ ކޮނަންޓާ ރިސޯޓު ކައިރިއަށް އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަނިކޮށް ނިޔާވެފައިވަނީ 37 އަހަރުގެ ފިރިނެއް ކަމަށްވާ އަމީތު ސައީދުއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، ގދ.ތިނަދޫ ކައިރީގައި އޮންނަ "އައުޓްރިގާ ކޮނަންޓާ" ރިސޯޓު ކައިރިއަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަމުންދިޔަ ތިންމީހަކުގެ ހާލު ސީރިއަސް ވެގެން ގދ.ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމުގައެވެ.

މިހާދިސާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ރިޕޯޓް ކޮށްފައިވަނީ ފަތިހު 5:14 ގައި ކަމާއި، މިކަމުގެ ރިޕޯޓު ލިބުމާއިއެކު ގދ.ތިނަދޫ ސީ އެންބިއުލަންސް އެސަރަހައްދަށް ގޮސް ހާލުދެރަވި ތިންމީހުން ހެދުނު 6:05 ހާއިރު ތިނަދޫއަށް ގެނެވިފައި ވާކަމުގައި އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން ފަރުވާ ދެވެމުންދަނީ، މުބާރިކު އަބްދުﷲ(31) އާއި، އަހްމަދު ޝާހިރު(24) އަށެވެ. މީގެތެރެއިން މުބާރިކުގެ ހާލު ދެރަވެގެން އިތުރުފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.މިދޯނިން އެންހިފުމަށްޓަކައި ފުޅިއަޅައިގެން ހަތަރު މީހުން ފޭބިކަމަށާއި، އަދި މިމީހުން 44 މިޓަރު އަޑީގައި 35 މިނެޓު އުޅެފައި ވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.