ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން ބޮޑެތި ބާރުތަކެއް ދިނުމަށް މަޖިލީހަށް ހުށަހެޅުއްވި ބިލް އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ގާނޫނުއަސާސީން ލިބޭ ބާރުތައް ހަނިވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެއްޖެއެވެ. އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި މި ބިލް ވަނީ މަޖިލީހުން ބަލައިގަނެ، އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ މި ބިލް އިތުރަށް ދިރާސާ ކުރަމުންނެވެ.

ފިލްޒާ އިތުރަށް ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތަކުގެ މައްޗަށް ކޮމިޝަންތަކުގެ ބާރު ހިނގާނެ ކަމަށް ބުނެފައި އޮތުމުން، ކޮމިޝަނުން ކަނޑަނާޅާ ހިނދަކު، ފުލުހުންނާއި އޭސީސީ އަށް މައްސަލަތަކެއް ނުބެލޭނެ ކަމަށެވެ.

އެ ބިލާ މެދު ގާނޫނީ ލަފައަކަށް އެދިފައިވާތީ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ފިލްޒާ ފޮނުވި ސިޓީއެއްގައި އެ ބިލާމެދު ފިލްޒާ ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ފިލްޒާ އިތުރަށް ވިދާޅުވީ, ބިލް ވާން ވާނީ ކޮމިޝަނެއް އުފައްދާ ބިލެއްގެ ބަދަލުގައި މަސްއޫލިއްޔަތު އަދާ ކުރުމަށް ބޭނުންވާ ބާރުތަކާއި އިޖުރާއަތްތައް އެކަށެއެޅޭނެ ބިލެއް ކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައި ފިލްޒާ ވިދާޅުވީ ރާއްޖޭގައި ހިނގާފައި ހުރި މަރުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗައް އެ ކޮމިޝަންގެ ބާރު ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާތީ، ފުލުހުންށާއި އޭސީސީ އަދި ތަހުގީގީ އިދާރާތަަކަށް ދޭ ބާރުތައް ހަނިވާ ކަމަށާއި، އަދި ރައީސްގެ ގަރާރަކުން ވިޔަސް އެ މުއައްސަސާތަކުގެ ބާރު ހަނިވާ ގޮތަށް ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.