ފެންބޮޑުވުމުގެ ހާދިސާއަށް އެހީގެ ގޮތުގައި 2 ކުންފުންޏަކުން ޖުމްލަ 5 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދެމުންއަންނަ އެންމެބޮޑު ކުންފުނި ކަމައްވާ ދިރާގުން ދެލައްކަ ރުފިޔާ، އަދި ފުޅާ ދާއިރާއެއްގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ފަތުރުވެރިކަމުގެ ހިދުމަތް ދެމުންއަންނަ ކުންފުންޏެއް ކަމައްވާ ޔުނިވަރސަލް އިން ތިންލައްކަ ރުފިޔާ ހަދިޔާކުރައްވައިފިއެވެ.
މި ވިއްސާރާގައި 166 އާއިލާ އަކަށް ސިދާގޮތުންް ގެއްލުންްވެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުން މައުލޫމާތު ދެއްވައެވެ. އަދި މި ވިއްސާރައިގައި ދެގެއަކުން މީހުން ހުސްކޮށް އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނުކަމަށް ވެސް މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުންވެސް އާމުރައްޔިތުންގެ ވެހިކަލު ތަކާއި، މުދަލައްވެސް ބޮޑުތި ގެންލުންތަކެއް ލިބިނުކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވި މިންވަރަކީ ފަހުގެ ތާރިހުގައި މާލޭގައި ފެންބޮޑުވެފައި ނުވާ މިންވަރެކެވެ. ހުއްޓާލުމެއްނެތި މެންދުރު 12 ޖަހާކަށްހާއިރުން ފެށިގެން ބޯކޮށް ވާރޭވެހި ވަރަށް ގިނަ މަގުތަކެއްގައި ފެންބޮޑުވިއެވެ. އަދި މިވިއްސާރައިގައި މާލެއަށް 223 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ޑިސާސްޓަރ މެނޭޖްމެންޓުން މައުލޫމާތު ދެއެވެ.