މި ޒަމާނަކީ ދިވެހިންގެ ތެރޭގައި ވަރަށް ޅައިރުވެސް ކުދިން ލޯބީގެ ގޮތުން އެހެން މީހުންނާއި ގުޅިގެން އުޅޭތަން ޢާންމުކޮށް ފެންނަ ޒަމާނެކެވެ. ބިޓެއް ނުހުންނަ މީހަކުނަމަ މީހުން އެމީހަކަށް މަލާމާތްކޮށް އެއްޗެހިވެސް ކިޔާނެއެވެ. ގިނަ މީހުން ދެކޭ ގޮތުގައި ބިޓުން ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެހެން ވެގެން ނުވާނެއެވެ. ޚާއްސަކޮށް ކިޔަވާ ދުވަސްވަރުގައެވެ.

ކިޔަވާ ދުވަސްވަރުގައި ބިޓުން ނެގުމަކީ ހަމައެކަނި އެދުވަސްވަރަކަށް އޭގެ އަސަރު ފޯރުވާނެ ކަމެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ މީހާގެ މުޅި ހަޔާތަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެއެވެ. އެހެނީ ކިޔެވުމަކީ ކޮންމެ މީހެއްގެ މުސްތަގުބަލުގެ ބިންގަލެވެ. ރަނގަޅު ތަޢުލީމަކީ ކޮންމެ މީހެއްގެވެސް ހަޔާތުގެ އަލިމަގު ކޮށާދޭނެ ހަތިޔާރެވެ. އެހެންކަމުން މި ދުވަސްވަރު މީހާގެ މުޅި ސަމާލުކަން ހުންނަން ވާނީ ކިޔެވުމަށެވެ.

ކިޔެވުމަކީ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ޚަރަދުކޮށްގެން ހޭދަކުރާ އަގުހުރި ވަގުތުތަކެކެވެ. އެހެން ކަމުން އެ ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ކޮންމެ މީހަކުވެސް މި ދުވަސްވަރުގައި އެމީހަކަށް ކުރެވެން އޮތް އެންމެ ގަދައަކަށް މަސައްކަތްކުރަން ޖެހޭނެއެވެ.

މި ދުވަސްވަރުގައި ކިޔެވުމަށް ބުރޫއަރާ ހުރިހާ ކަމަކުން ދުރުވުން މުހިންމެވެ. އޭގެ ތެރޭގައި ބިޓުން ނަގައިގެން ކިޔެވުމަށް އަސަރު ފޯރުވާ ވަރަށް އެކަމާ ހެދި އުޅުން ވެސް ހިިމެނެއެވެ. ބައެއް މީހުން ބިޓުން ނަގައިގެން އޭނާއާއި ކޫސަނި މައްސަލަތައް ޖެހިގެން އެކަމާއި ހިތްދަތިވެގެން ޓެސްޓު ދުވަސްވަރުގައި ރޯން ހަދައިގެން އެންމެ ފަހުން އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވި ހަޔާތުގެ އަގުހުރި ވަގުތުތަކާއި ފައިސާތަކެއް ބޭކާރުވެގެން ދާނީއެވެ.

ގެއްލިއްްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. އެހެންކަމުން ހަޔާތުގައި ރަނގަޅު ތައުލީމު އޭގެ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގަތުމަކީ ވަރަށް މުހިންމުކަމެކެވެ. އެފަދަ މުހިންމު ދުވަސްވަރެއް ކޫސަނި ކަމަކާއި ހެދި ބޭކާރު ކޮށްލުމަކީ ވިސްނައިނުލައި މިއަދުގެ ގިނަ ދިވެހިންވެސް ކުރާ ކަމެއްކަމީ ހިތާމަހުރި ކަމެކެވެ.

ތެދު ހަގީގަތަށް ބަލާނަމަ ހަޔާތުގެ ބައިވެރިއަކު ކޮންމެ ވަގުތެއްގައިވެސް ލިބޭނެއެވެ. ކާމިޔާބީއަށް ވާސިލްވެވޭނީ ތިމާ ތިމާއަށް ބެލިވަރަކުންނެވެ. އެހެން މީހަކު ތިމާއަށް ދޭ ދެރައަކާއި ހެދި ތިމާގެ ހަޔާތް ބަރުބާދުވިޔަ ނުވަތަ ބަނަ ވިޔަ ނުދޭށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *