ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރާ މީހުންގެ އެންމެ ބޮޑު އިންސައްތައެއް މިހާރު އުޅެނީ ފަތުރުވެރިކަމުގެ ދާއިރާގައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަދި ރާއްޖޭގެ އިޤުތިޞާދުގެ އެންމެ މުހިއްމު ތަނބަކީވެސް ފަތުރުވެރިކަމުގެ ދާއިރާއެވެ. އެންމެ ގިނަ ބޭރު ފައިސާ އެތެރެވާ އަދި ގައުމުގެ ތަރައްގީގެ ދުވެލި މިނެކިރާ ދާއިރާއަކީ ވެސް ފަތުރުވެރިކަމެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންގެ ޝަކުވާއަކީ، ސްކޫލުތަކުގެ ބޮޑު ޗުއްޓީ ރިސޯޓްތައް ފުރޭ ދުވަސްވަރާ ދިމާވުމެވެ. ރިސޯޓްތަކަށް ފަތުރުވެރީން އެންމެ ގިނައިން އަންނަ ދުވަސްވަރާ ދަރީންގެ ޗުއްޓީ ދިމާވުމުން ހުރި ކަންބޮޑުވުން ތަކެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ފަތުރުވެރިން ގިނައިން އަންނަން ފަށާއިރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްހެން ފުރެއެވެ. އޭގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް އެ ދުވަސްވަރު ޗުއްޓީއަށް ދިޔުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ގިނަ ރިސޯޓްތަކުގައި އެ ދުވަސްވަރު މުވައްޒަފުންނަށް ޗުއްޓީ ދިނުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ވާހަކައަކީ އަބަދު އިވޭ ވާހަކައެކެވެ. ނަތީޖާއަކީ ރަނގަޅު ވަޒީފާއެއްގައި ހުރެފައިވެސް ބައެއް މީހުން ކޮންމެވެސް މުހިއްމުކަމެއް އެ ދުވަސްވަރު އޮންނާތީ ވަޒީފާ ދޫކޮށްލާފައިވެސް ރަށަށް ދިޔުމެވެ. ތަފާތު މުބާރާތްތަކަށް ކެނޑިގެން ދިޔުމަކީ އާންމުކަމެކެވެ.

ދަރިވަރުންގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޗުއްޓީ ނަގައިގެން ބޭސް ފަރުވާއަށް މާލެ ދިޔުމުން ދެން ދިމާވަނީ އެހެން މައްސަލައެކެވެ. ކޮޓަރިއެއް ލިބުމީ އެހާމެ އުނދަގޫ ކަމެކެވެ. ހާއްސަކޮށް އެ ދުވަސްވަރާ ދިމާކޮށް ކުއްޔަށްދޭ ކޮޓަރިތަކުގެ އަގުވެސް ބޮޑުކޮށް ހަދާކަން ފާހަގަ ކޮށްލަން ޖެހެއެވެ. ހިތު ހުރި އަގެއް ކިޔާތަންވެސް ފެނެއެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާއިރު، ދައްކަން ބޭނުންވާ ޑޮކްޓަރުންނެއް ނުތިބެއެވެ. ބޮޑު ބަންދު ދިމާވަނީ ކްރިސްމަސް ދުވަސްވަރާކަމުން ޑޮކްޓަރުންވެސް ޗުއްޓީ ނަގައިގެން ދަނީ ގައުމަށެވެ. އެހެންކަމުން، ހާއްސަ ޑޮކްޓަރަށް ނުދެއްކި އާންމު ޑޮކްޓަރަށް ދައްކާލައިގެން ދާން ޖެހެނީ ރަށަށެވެ.

ބޮޑު ބަންދަކީ ގިނަ ރަށްރަށުގައި ޚިތާނީ ދުވަސްވަރެވެ. އެހެންނަމަވެސް، ގިނަ ބައްޕައިންނަށް ފިރިހެން ދަރިފުޅުގެ އެންމެ މުހިއްމު އެއް ހަފްލާއަށް ނުދެވެއެވެ. އޭގެ ސަބަބުން އިޖުތިމާއީ އެހެން މައްސަލަތަކަށްވެސް ހުށައެޅެއެވެ. އާއިލީ މައްސަލަތައް ޖެހި އާއިލާތައް ރޫޅޭތަންވެސް ފެންނަކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

އާއިލާ އެކުގައި ވަގުތު ހޭދަކޮށްލުމަށާއި ޗުއްޓީ ހޭދަކޮށްލުމަށް ތަންތަނަށް ދަތުރުކޮށްލުމަށް ލިބޭ ދުވަސްވަރަކީވެސް ބޮޑު ޗުއްޓީއެވެ. އެހެންނަމަވެސް، ރިސޯޓްތަކުގެ ޕީކް ދުވަސްވަރާއި ބޮޑު ބަންދު ދިމާވުމުން ގިނަ އާއިލާތައް ދަތުރު ދާއިރު ބައްޕައިން ތިބެން ޖެހެނީ ރިސޯޓްތަކުގައި މަސައްކަތް ކުރާށެވެ. ބައްޕައިންނަށް ޗުއްޓީ ލިބިގެން ރަށަށް ދާއިރު، ދަރީން ދެއިރު ދެދަޅައަށް ދާނީ ސުކޫލަށެވެ. އަނބިމީހާ ފެންނާނީ ނިދަން އެރީމާ އެކަންޏެވެ.

އަހަރުގެ އެހެން އެއްވެސް ދުވަސްވަރަކު ސާވިސް ޗާޖު (ޚިދުމަތުގެ އަގު) މަތި ނުވާވަރަށް މި ދުވަސްވަރު ސާވިސްޗާޖް ލިބޭއިރު، މި ދުވަސްވަރު ޗުއްޓީ ނެގުމުން ވެސްވަނީ ގެއްލުމެވެ. ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ މިޒަމާނުގައި އެންމެ ބޮޑު އެއްޗެއް ގެޔަށް ގެންދަން ލިބެނީ މިދުވަސްވަރު މަސައްކަތްކޮށްގެނެވެ. ރިސޯޓްތަކުގެ ގިނަ ވަޒީފާތަކުގެ މުސާރައަކީ އާންމު ގޮތެއްގައި 3000 ރުފިޔާއަށް ވާއިރު، މުވައްޒަފުންގެ އާމްދަނީ ބިނާވެފައި އޮންނަނީ ޚިދުމަތުގެ އަގުގެ މައްޗަށެވެ. އަދި ބައެއް ރިސޯޓްތަކުގައި މުވައްޒަފުން ޗުއްޓީގައި ހުންނަ ދުވަސްވަރު ޚިދުމަތުގެ އަގު ނުދިނުމަކީވެސް ގިނަ ބައެއްގެ ޝަކުވާއެކެވެ.

އެގޮތުން ރިސޯޓްތަކުގެ އެންމެ ދަށް ސީޒަންގައި (ޖޫން / ޖުލައި) އަށް ބަދަލުކުރެވިދާނެއެވެ. މިކަންވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޖަމިއްޔާ ޓީމްގެ ފަރާތުން އިކޮނޮމިކް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައިވެސް ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ އެހެނިހެން މައްސަލަތައްވެސްވަނީ ހިއްސާކޮށްފައެވެ.

އެހެންކަމުން، ޖޫން ޖުލައި ދުވަސްވަރަށް ބޮޑު ބަންދު ބަދަލު ވެގެން ދިޔުމަކީ، އިޤުތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. އާއިލީ ގުޅުން ވަރުގަދަވެ، ގައުމު ބިނާ ކުރުމުގައި ބޮޑު ބާރަކަށް ވެގެންދާނޭ ކަމެއްކަން ޔަގީނެވެ. އަދި ޖަޒީރާ ރާއްޖޭގެ ފޮނިމީރުކަންވެސް ލިބިގެންދާނޭ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.