ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކުގެ ތެރެއިން މަލަމަތި ރީތިރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ނެއްލައިދޫގެ ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް 2011 ވަނަ އަހަރު ހަދަންފަށައި 2016 ވަނަ އަހަރު ނިންމި ބަނދަރަށް، ރަށް ވަށައިގެން ވޮޑޭ ވެލިގަނޑު ވަދެ، ބަނދަރުގެ އެއް ޖެޓީ އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވީއެވެ. އެހެންނަމަވެސް، މައްސަލައެއް ހައްލެއް ނުލިބި، ބަނދަރުގެ ނެރު ބެދި ލަފާފުރުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ ބިރު މިވަނީ ކުރިމަތިވެފައެވެ.

އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ ނެއްލައިދޫގައި ބަނދަރު ހެދުމުގެ ކުރީން ބޭނުންކުރި ފާލަންވެސް މިހާރުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ގިނަ ބައެއްގެ ހިލޭ އެހީއާއެކު، ރަށު ރައްޔިތުންގެ ބުރަ މަސައްކަތުން ހެދި ފާލަން ބޭނުން ކުރުން ހުއްޓުމަކަށް އައީ ބަނދަރު ހެދިފަހުންނެވެ. އޭގެ ފަހުންވެސް ދެމޫސުން ބައްދަލުވާއިރު، ފާލަން ބޭނުން ކުރަމުން އައި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ފާލަން މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރުވަނީ ފާލަމުގެ ބައެއް ތަނބުތައް ވެއްޓި، ފިލާތައް ފީވެފައެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ބަނދަރުތެރެއަށް ފަސްއަރައި ހިކި މީގެ ކުރިންވެސް މިމައްސަލަ ދިމާވެފައިވާ ކަމަށެވެ. މޫސުމީ ބަދަލުތަކާ ހެދި ވެލިތައް ރަށުގެ އެކި ސަރަހައްދުތަކަށް އެކި ދުވަސްވަރު ޖަމާވާ ކަމަށާއި އަނެއްކާވެސް މޫސުމް ބަދަލުވުމުން އިހު ހުރިގޮތަށް ވެލިތައް ބަދަލުވިޔަސް ކޮންމެވެސް ވަރަކަށް ބަނދަރުގެ ތެރެއަށް ވެލި އެޅި ތިލަވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމް އިތުރަށް ވިދާޅުވީ އެގޮތަށް ކަންތައް ދިމާވެފައިވަނީ ސަރުކާރުން ބަނދަރު ނިންމާފައި ހުޅުވާފައިވަނީ ފައިކައްޓެއްލައި ނުދިނުމުގެ ސަބަބުން ކަމަށާއި ރައްޔިތުންނަށް ފަސޭހަވާގޮތަށް ބަނދަރު ހެދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

ނެއްލައިދޫ ބަނދަރުގެ މައްސަލަ ޙައްލުކުރުމަށް އެކި ފަހަރުމަތިން ސަރުކާރުގެ ވުޒާރާތަކާއި ރަށު ކައުންސިލުން ބައްދަލުކޮށް އަދި މައްސަލައަށް އަވަސް ޙައްލެއް ހޯދައި ދިނުމަށާއި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނޭކަމަށް ރަށު ކައުންސިލުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް، ކައުންސިލުން ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ފަސްގަނޑު ބަނދަރު ތެރެއަށް ވަންނަން މެދުވެރި ވަނީ ބަނދަރު ހެދިފައި އޮތް ގޮތުން ކަމަށާއި ބަނދަރުގެ ދެކުނު ކޮޅު ބޮޑު ސަރަހައްދެއް މިހާރު އޮތީ ތިލަވެ، އެފަރާތުން ކަން އޮތީ އެއްކޮށް ވެލި އަރައި ހިކިފައިކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ބަނދަރު ހަދަމުން ދިޔަ އިރުވެސް ރައްޔިތުން ވަނީ ދެކުނުފަރާތުގައި ބަނދަރު ފައިކައްޓެއް އަދި ނެރުގައިވެސް ފުށުއަރާގޮތަށް ދެފައިކަށި ލައިދިނުމަށް އެދިފައި ކަމަށާއި އެހެން ނޫނީ އިރުވައި މޫސުމުގައި އިރުމަތި ފަރާތުން އަންނަ ބިޔަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ސީދާ ވަންނާނީ ފަޅުތެރެއަށްކަމަށް އޭރުވެސް ބުނަމުންދިޔަކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މިދުވަސްވަރު ބަނދަރުގެ ބޮޑުބައެއް ތިލަވެފައިވުމުގެ ސަބަބުން ބައެއް ދޯނިފަހަރު މިހާރުވެސް އަޅާފައިވަނީ ރަށުގެ އިރުމަތީ ފަރާތުގައެވެ. ލަނޑާ ނެގުމާއި ފަރުމަސްވެރިކަން ކުރާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ބޭނުންކުރާ މިރަށުގެ ބަނދަރުގެ މައްސަލައާއިހުރެ ގިނަ މައްސަލަތަކެއްދަނީ ކުރިމަތިވަމުންނެވެ. އަދި އަތޮޅު ފެރީކަހަލަ ބޮޑެތި އުޅަނދުތައް ބަނދަރަށް ނުވަދެވޭ ގޮތް ވެއްޖެނަމަ، އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނޭކަމުގެ ބިރު މިވަނީ ހީވެފައެވެ. ބޭސް ފަރުވާއަށާއި ރަށަށް ބޭނުންވާ މުދާ ގެނައުމަށާއި، މާލެ ދިޔުމަށް އަތޮޅު ވެރިކަން ކުރާ ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރަން ޖެހެއެވެ.

2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި މި ބަނދަރަކީ 400 ފޫޓާއި 200 ފޫޓްގެ ބަނދަރެވެ. މި ބަނދަރު ހެދުމަށް 25 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.