މިއަދު މަލޭއަށް ބޯކޮށް ވާރޭވެހި އާންމުންގެ މުދަލަށް ގެއްލުންވެފަވާ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓުން ބުނެފިއެވެ. މިގޮތުން ދެ ގެޔަކުން މީހުން ހުސްކުރަން ޖެހުނު ކަމަށާއި އެ ދެ ގޭގެ މީހުންގެ ކަންކަން ސަރުކާރުން މިހާރު ބަލަހައްޓަމުން ގެންދާކަމުގައި ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައި ވާހަކަ ދައްކަވަމުން ޑިޒާސްޓަރ މެނޭޖްމެންޓުގެ އޮފިޝަލުން ވިދާޅުވީ މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށަށްވެސް ބޯކޮށް ވާރޭ ވެހޭތީ އެ ރަށްރަށުގެ ހާލަތު ވެސް ބަލަހައްޓަމުން އަންނަކަމަށެވެ. އަދި ޑިޒާސްޓަރ މެނޭޖްމެންޓުން ވިދާޅުވީ، ކޯޑިނޭޝަން ސެންޓަރެއް އުފައްދައިފައިވާ ކަމަށާއި ސަލާމަތީ ބާރުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ މިއަދު މަލޭއަށް 149 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށާއި، އަދި ޓީވީ މޯލްޑިވްސްގެ ގޯތިތެރޭގައި ފެންބޮޑުވެ މަސައްކަތް ހުއްޓުމަކަށް އައުމުންް އެސްޓޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަދު މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވި މިންވަރަކީ ފަހުގެ ތާރިހުގައި މާލޭގައި ފެންބޮޑުވެފައި ނުވާ މިންވަރެކެވެ. ހުއްޓާލުމެއްނެތި މެންދުރު 12 ޖަހާކަށްހާއިރުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވަރަށް ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މިގޮތުން ފެންބޮޑުވެފައިވަނީ އިސްކަންދަރު މަގާއި، އަމީނީމަގާއި، އަދި މަޖީދީ މަގުގައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. އަދި އިތުރު މަގުތަކުގައިވެސް ފެންބޮޑުވެފައިވާކަމަށާއި ހުޅުލޭ އެއާޕޯޓުގައިވެސް ފެންބޮޑުވެފައިވާކަމުގެ މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.