މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮއްފިއެވެ.
ފުލުހުން ވިދާޅުވީ، ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް މިފުރުސަތުގައި ހަނދާންކޮށްދޭކަމަށާއި، ވަކިން ޚާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރާކަމުގައެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވެސް ފުލުހުން އިލްތިމާސްކުރާކަމަށެވެ.
މިއަދު މެންދުރު 12 ޖަހާކަށްހާއިރުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ވަރަށް ގިނަ މަގުތަކެށްގައިވެސް ވަނީ ފެންބޮޑުވެފައެވެ. މިގޮތުން ފެންބޮޑުވެފައިވަނީ އިސްކަންދަރު މަގާއި، އަމީނީމަގާއި، އަދި މަޖީދީ މަގުގައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. އަދި އިތުރު މަގުތަކުގައިވެސް ފެންބޮޑުވެފައިވާކަމަށާއި ހުޅުލޭ އެއާޕޯޓުގައިވެސް ފެންބޮޑުވެފައިވާކަމުގެ މައުލޫމާތު ލިބެއެވެ.