ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމަށް ތަފާތު ކެމްޕޭނުތައް ހިންގުމަކީ އަބަދުވެސް ފެންނަމުންދާ ކަމެކެވެ. ބެންކޮކުގައި މިދުވަސްކޮޅު ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ބައެއް ފިހާރަތަކުން ފަށައިގެން އުޅޭ ހަރަކާތް އަޅުގަނޑަށް ވަރަށް ޝައުގުވެރި ކަމަކަށް ވެއްޖެއެވެ.

ބެންކޮކުގެ ބައެއް ފިހާރަތައް ކަމަށްވާ "ސެވަން އިލަވަން" އަދި "ފެމެލީ މާޓް" ފަދަ ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ ފިހާރަތަކުން ވިޔަފާރިކުރުމުން ކޮތަޅު ލިބެން ނެތްކަމަށް ވަރަށް މަޢާފާއެކު ބުނަން ފެށުމުން ކުޑަކޮށް ހައިރާންވިއެވެ. ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ބެންކޮކުގެ ފިހާރަތަކުން މިހެން ބުނަމުންދާ ސަބަބު އޮޅުންފިލުވައިލަން ނިންމީ މިހިސާބުންނެވެ. ފިހާރައިގައި އިން ސަޅި އަންހެން ކުއްޖާ ކައިރީ ސުވާލުކޮށްލީމެވެ. އެކުއްޖާއަށް އިނގިރޭސިބަސް އެނގޭ މިންވަރުން ކިޔައިދޭން ފެށިއެވެ.

"ޕްލާސްޓިކް ނޯ ގުޑް އެންވަޔަރަަމެންޓް. ސޯ ވީ ސްޓޮޕް ޕްލާސްޓިކް ބޭގްސް." (ޕްލާސްޓިކަކީ ތިމާވެއްޓަށް ރަނގަޅު އެއްޗެއް ނޫން. އެހެންވެ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އަހަރެމެން ހުއްޓައިލައިފިން.) ބްރޯކަން އިނގިރޭސިން އެކުއްޖާ ކިޔައިދޭން ފެށިއެވެ.

އެކުއްޖާގެ ޖަވާބު އަޑުއަހައިފައި ތިޔަކުރަނީ ރަނގަޅުކަމެކޭ ބުނަމުން އަހަރެން ގަތް ސައިބޯނި ފުޅި ހިފައިގެން ގެއަށް އަންނަމުން މިކަމާމެދު އިތުރަށް ވިސްނަން ފެށުނެނެވެ. ކަމަކީ ކިތަންމެހާވެސް ރަނގަޅު ކަމެކެވެ. ނަމަވެސް ޕްލާސްޓިކް ކޮތަޅު ނުދިނަސް ކޮންމެވެސް އެހެން ވައްތަރެއްގެ ކޮތަޅެއް ދޭނަމައޭ ހިތާހިތާ ކިޔައިލެވުނެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އަނެއްކާވެސް "ފެމެލީ މާޓަށް" ވަދެ ވިޔަފާރި ކޮށްލީމެވެ. ފުދޭވަރަކަށް ގިނަ ތަކެތި ގަތްފަހުން ހަނދާންވީ އެ ފިހާރައިން ކޮތަޅު ނުދޭ ކަމެވެ. ކައުންޓަރަށް ފައިސާ ދައްކައި ނިމުމުން އެކުއްޖާ އަޅުގަނޑަށް ދައްކައިލީ ތައި ބަހުން ލިޔެފައިވާ ގަނޑުކޮޅެކެވެ. 

"ސިންތެޓިކް ޕޭޕަރ ބޭގް، އޮންޅީ ފައިވް ބާތު!" އަކުރުތަކަށް ދަމާ ވާާންކުރަމުން އެއްކަލަ ރީތި އަންހެން ކުއްޖާ ބުންޏެވެ. ވަގުތުން ފަސް ބާތު (ތައިލޭންޑް ފައިސާ) ދިނުމަށްފަހު ކޮތަޅު ގަތީމެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރަމަށް މި ހިންގާ ކެމްޕޭނުން މިފަހަރު މި ފެނުނު ކަންތަކުން އަނެއްކާވެސް އިތުރު ޝައުޤުވެރިކަމެއް އުފެދުނެވެ. މިކަމާމެދު ވިސްނައިލީމެވެ. ރާއްޖޭގައި ވެސް މިއީ ކުރަން ފަށަންވެއްޖެ ކަމެއް ނޫންބާއޭ ހިތަށްއެެރި އެވެ. ކަރުދާހުން ކޮތަޅު ހަދައިގެން ވިއްކަން ވެސް ބެހެއްޓިދާނެ އެވެ. އާއްމުދަނީއަށް އިތުރު އެއްޗެއް ލިބޭގޮތްވެސް ވީއެވެ.

'ބޭނުން ކެނޑިފައި ހުންނަ ނޫސްކަރުދާސް ނުވަތަ މަޖައްލާ ތަކުގެ ކަރުދާހުން ކޮތަޅު ހަދާފައި ބެހެއްޓިދާނެ. ކޮތަޅެއް އެންމެ 25 ލާރިއަށް ވިއްކިޔަސް ގައިމުވެސް ކޮންމެވެސް އެއްޗެއް ލިބުނީތާ. އަނެއްކޮޅުން ތިމާވެށި ހިމާޔަތް ކުރުމަށް ކޮންމެވެސް މިންވަރެއްގެ މަސައްކަތެއްވެސް ކޮށްލެވުނީތާ.' އަހަރެން ހިތާހިތާ މިފަދަ އެއްޗެހިތަކެއް ވިސްނަމުން ފިހާރައިން ނިކުމެއްޖައިމެވެ.

އިތުރަށް ވިސްނައިލުމުންނާއި ފިހާރަ ތެރެއިން ފެންނަމުންދިޔަ މަންޒަރުތަކުން އެނގުނީ، އަތުން އުފުލައިގެން ގެންދެވޭވަރުގެ އެކަތި ނުވަތަ ދޭތި ގަތަސް، ކޮތަޅެއް ބޭނުންހޭ ފިހާރައިގައި އިންނަ ކުއްޖާ ނާހާ ކަމެވެ. އެކުއްޖާ ކޮތަޅެއް ވިއްކަން މަސައްކަތް ކުރަނީ އަތުން ހިފައިގެން ނުގެންދެވޭހައި ގިނަ ސާމާނު ގަތުމުން އެކަނިކަން އެނގުނެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުންުކުރުން މަދުކުރުމަށް ބެންކޮކުގައި މިކުދިން މިހިންގާ ކެމްޕޭނު އަޅެ ސަޅިއެއް ނޫންހެއްޔެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.