މާޅޮސް މަޑުލު ދެކުނުބުރީ ފުޅަދޫއަކީ ދިގުމިނުގައި 1.920 ކމ ފުޅާމިނުގައި 0.250 ކމ ހިމެނޭ ރަށެކެވެ. 370 ވަރަކަށް މީހުންގެ މައްޗަށް އެކުލެވޭ ކުޑަ އާބާދީއެއް ދިރިއުޅެމުންދާ ހިތްގައިމު މަންޒިލެކެވެ. ދިވެހިވަންތަ ހިތްހެޔޮ މީސްކޮޅެއް ދިރިއުޅެމުންދާ ފުޅަދޫއަކީ ފާނައިގެ މަސްވެރިކަމުގެ އިތުރުން ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ނަމޫނާ ރަށެކެވެ.

ނަފާ ހޯދޭނެ މަގުތައް ތަނަވެސް ވެފައިވީއިރު، ފުޅަދޫގެ އަންހެނުންނަކީ ހީވާގި ކެރޭ ބައެއްކަން ގޯތިތެރޭގައި ތަރުތީބުކޮށް އަތުރާލެވިފައިވާ ފަންބޮނޑި ތަކުން ހެކިދޭނެއެވެ. ފަންގިވިނުމަކީ ފުޅަދޫ އަންހެން ކަނބަލުން ފޫހިކަމެއްނެތި ހުސްގަޑި ފުރާލަން ކުރާ ރީތި މަސައްކަތެއްކަން ފާހަގަ ކޮށްލެވެއެވެ.

ގެސްޓް ހައުސް ވިޔަފާރި މިވަނީ ފުޅަދޫއަށް ހާއްސަ ވިޔަފާރިއަކަށް ވެފައެވެ. 6 ގެސްޓުހައުސްއެއްގެ ހިދުމަތް ފުރިހަމަ ގޮތުގައި މިހާރުވެސް ދެމުންދާކަމީ ފަތުރުވެރިންގެ ހިތުގައި ފުޅަދޫއާއި މެދު އޮންނަގުޅުން އިތުރަށް ބަދަހިވަމުން ދާކަމުގެ ހެއްކެކެވެ. ދުނިޔޭގެ އެންމެ ރީތީ 50 ގޮނޑުދޮށުގެ ތެރޭގައި ފުޅަދޫގެ ގޮނޑުދޮށް ހިމެނިފައިވަނީ ހަގީގަތުގަވެސް އެގޮނޑުދޮށުގެ ހިތްގައިމު ކަމުންނެވެ. އެކަމަށްޓަކައި ފުޅަދޫ ރައްޔިތުން ޝުކުރުވެރިވެއެވެ. އަދި މުޅި ދިވެހި އުންމަތް މިކަމަށްޓަކައި ފަހުރުވެރިވެއެވެ.

ސީޒަންތަކުގައި ބޭރު ފަތުރުވެރިންގެ ބަނދަރަކަށް ފުޅަދޫ ހަދާއިރު އަހަރީ ބަންދުތަކުގައި ދިވެހިން މިރަށް ދެކެލަންދާކަން ފާހަގަ ކޮށްލެވެއެވެ. އާންމުގޮތެއްގައި 250-300 އާއިދެމެދުގެ އަދަދަކަށް ފުޅަދޫއަށް ދިވެހިން ބަންދުތަކުގައި ޒިޔާރަތްކުރެއެވެ. މެހެމާންދާރީ އަދާކުރުމަކީ ފުޅަދޫ ރައްޔިތުންގެ ޒިންމާއެއް ކަމުގައި ބަލާ އެކަން އެންމެ ފުރިހަމަ ގޮތުގައި ނިންމާލަނީ ފޫހިކަމެއް ނެތިއެވެ. މިކަން ފާހަގަ ކޮށްލުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކެމެވެ.

ހަގީގަތުގައިވެސް ފުޅަދޫއަކީ ހިތްގައިމު މަންޒިލެކެވެ. އާއިލާ ރަހުމައްތެރިންނާއިއެކު ގޮސްލަން އެފަދަ ދެވަނައެއްނުވާ ފެހިކަންބޮޑު ރަށެކެވެ. ރީތި ދެތުނޑިއާއި ގުޅިފައިވާ ސާފު ނޫވިލާ މުރަކައިގެ ގުދުރަތީ ރީތި ފުރިހަމަ ބަގީޗާއެކެވެ. ހަގީގަތުގައިވެސް ހަމަ ފުޅަދޫ ރީތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.