އިޒްރާއީލުން ފަލަސްތީނުގައި ބަންގިގޮވުން 1 މަސް ތެރޭ 50 ފަހަރު މަނާކުރި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.
އިޒްރާއީލުން ނުހައްގުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓްބޭންކުގައި ހުންނަ އިބްރާހިމީ މިސްކިތުގައި ބަންގިގޮވުން، ނިމިދިއަ ނޮވެމްބަރު މަހުގައި އެކަނިވެސް 50 ފަހަރު މަނާ ކޮށްފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފައިވާކަމަށް އަރަބި ނޫހަކުން ބުނެފިއެވެ.
"ދަ ނިއު އަރަބް" ނޫހުން ބުނީ އިޒްރާއީލުން ބަންގިގޮވުން މަނާ ކޮށްފައިވަނީ ގަދަބާރުން ފޭރިގަނެފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގައި ދިރި އުޅޭ އިޒްރާއީލް ރައްޔިިތުންނަށް ބަންގީގެ އަޑުން އުނދަގޫވާތީކަމަށެވެ.
މީގެ ކުރިން އެ މިސްކިތުގެ ބޮޑު ބައެއް އިޒްރާއީލުން ވަނީ ހިފާފައެވެ. އަދި ފަލަސްތީނުގެ މުސްލިމުންނަށް ނަމާދު ޤާއިމް ކޮށްލުމަށް މިސްކިތުން ކުޑަ ތަންކޮޅެއް ދީފައިވާއިރު އިބްރާހިމީ މިސްކިތަކީ އެތަކެއް ޒަމާންތަކެއް ވަންދެންވެސް މުސްލިމުންގެ ތެރޭގައި ވަރަށް މުޤައްދަސް މިސްކިތެކެވެ.
1994 ވަނަ އަހަރު އިޒްރާއީލުގެ ޔަހޫދީ އެކްސްޓްރީމިސްޓެއް ވަނީ މިމިސްކިތަށް ވަދެ ނަމާދު ޤާއިމް ކުރަންތިބި ފަލަސްތީނުގެ 29 މުސްލިމަކު މަރާލާފައެވެ.
އިޒްރާއީލުގެ ރައްޔިތުންނަށް އުނދަގޫވާކަމަށް ބުނެ ބަންގިގޮވުން މަނާ ކޮށްފައިވާއިރު، އިބްރާހިމީ މިސްކިތުގެ ކައިރީގައި ދިރިއުޅެނީ ގައިގަނޑަކަށް 800 ޔަހޫދީންނެވެ. އަދި މިސަރަހައްދުގައި ދިރި އުޅޭ މުސްލިމުންގެ އަދަދު 30000 އަށް އަރައެވެ.