ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު، މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު، މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ މިރޭ މައްޗަންގޮޅީގައި ކެމްޕެއިން ހަރަކާތްތައް ފެށުމަށް ބޭއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ.

މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާކަން ރައީސް ނަޝީދު އިއުލާން ކުރެއްވިއިރު އެމްޑީޕީގެ ޓިކެޓް ހޯއްދަން މަސައްކަތް ކުރަމުންދާ އާޝިޔަތު އަލައިކާ އަދުނާން ވެސް އެ ދާއިރާއަށް ރަސްމީކޮށް ކެމްޕެއިން ކުރެއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން 1999 ވަނަ އަހަރުވެސް މަޖިލީހުގެ މާލެ މެމްބަރުކަން ކުރައްވާފައެވެ. އެފަހަރު ރައީސް ނަޝީދަށް މަޖިލީހުގެ ގޮނޑި ގެއްލުނީ ވެލާނާގެއިން ލިއެކިއުންތަކެށް ގެއްލުނު މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވި ހުކުމެއް އިއްވުމުގެ ސަބަބުންނެވެ. މަޖިލީހުގައި އޭރު މާލެ ތަމްސީލު ކުރަނީ ދެ މެމްބަރުންނެވެ. ރައީސް ނަޝީދާއި އެކު ދެން މާލެ މެމްބަރުކަން އޭރު ކުރެއްވީ އެންދެރިމާގޭ އިލިޔާސް އިބްރާހީމް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.