މި ޒަމާނަކީ އެންމެންވެސް މޭކަޕަށް ލޯބިކުރާ ޒަމާނަކަށް ވާއިރު މިހާރު މޭކަޕް ތަކުގެ ތެރެއިން އެންމެ "ޓްރެންޑީ" ސްޓައިލަކީ "ނެޗުރަލް މޭކަޕް" އެވެ. ނަމަވެސް ގިނަ ފަހަރު ވާ ގޮތަކީ އެއްގޮތަކަށްވެސް މޭކަޕް ނުކުރާ ކަމަށް ދެއްކެން ހަދައިގެން މޭކަޕް ކުރަން އުޅުމުގެ ތެރޭގައި މީހާގެ މޫނުގައި ސަމްސަލަކުން ކަހާލެވޭ ވަރަށް ފައުންޑޭޝަން ލެވި، ކުރަން ހިޔާލު ކުރި ގޮތާއި މުޅިން ހިލާފަށް، ޗަރުކޭސް ދައްކަން އުޅޭ ޖޯކަރެއް ހެން މޫނު ހުދުވެ ބަލާލަން ހުތުރު ވާ ވަރަށް މޫނުގައި މޭކަޕް ކުރެވުމެވެ.

ނެޗުރަލް ގޮތެއް މޫނުމަތިން ދައްކުވަން ބޭނުންނަމަ އެއް ގޮތަކީ މޫނުގައި ލާ ފައުންޑޭޝަނާއި އެކު މޮއިސްޓުރައިޒާ އެއް ހާކާލުމެވެ. މިގޮތައް ކަން ކުރުމުން މޫނުގައި ފައުންޑޭޝަން ގަނޑު ގަނޑަށް ބޯވެފައެއް ނުހުންނާނެއެވެ. މޫނުން ފެނިގެންދާނީ ރީތި ޒާތެއްގެ ވިދުމެކެވެ.

ދެވަނަ ކަމަކީ ލޯކައިރީގައި ލާ ކޮންސީލަރ މަދުކޮށްލުމެވެ. ލޯކައިރި ކަޅުވެފައި ހުރުން ފަދަ ކަންކަން ފޮރުވުމަށްޓަކައި ގިނައިން ކޮންސީލް ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ނަތީޖާ އަކަށް ވަނީ ލޯ ކައިރީގައި އުނގުޅާ ކޮންސީލަރ، ކުނޑި ގޮތައް، ރަނގަޅަށް އެއް ނުވެ ހުރުމެވެ. ބަލާ މީހަކަށް އަހަރެމެން އަމިއްލަ މީހާއަށް ފާހަގަ ކުރެވޭ ވަރަކަށް އައިބެއް ނުފެންނާނެއެވެ.

ދެން އޮތް ކަމަކީ މޭކަޕް ކުރާ ސާމާނުގައި ލިޔެފައި ހުންނަ ގޮތަށް އެ އެއްޗެއް ބޭނުންކުރުމަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނުމެވެ. މިސާލަކަށް ލޮލުގެ މަތީގައި އައިޝެޑޯ އެއްގެ ބަދަލުގައި ކުޑަ ބްރޯންޒިންގ ޕައުޑަރ ކޮޅެއް އުނގުޅާލެވިދާނެއެވެ. އެގޮތައް ހެދުމުން ލޯމަތީގައި މާ ގޮތް ބޮޑު ކަމަކަށް ނުދައްކާނެއެވެ. ބައެއް ލިޕްސްޓިކަކީވެސް ލޯމަތީގައި އުނގުޅަލުމުން ރީތި ކަމަށް ދައްކުވައިދޭ ލިޕްސްޓިކެވެ.

ދިގު އެސްފިޔަ އަކީ އެންމެންވެސް ބޭނުންވާ އެއްޗެކެވެ. ތިމާއަކީ ދިގު އެސްފިޔަ ތަކެއްގެ ވެރިއަކަށް ނުވި ކަމުގައި ވިޔަސް އެސްފިޔަ ޖަހައިގެންވެސް އެކަމަށް ހައްލެއް ހޯދައެވެ. ނަމަވެސް ނެޗުރަލް މޭކަޕެއް ކުރާނަމަ ދިގު އެސްފިޔަ ޖަހައި، ލޯ ނުހުޅުވޭ ވަރަށް އެސްފިޔަތަކުގައި މަސްކަރަ އުނގުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އޭރަށް މާ ގޮތް ބޮޑު ކަމުގައި ދައްކާނެއެވެ. ފުދޭވަރަށް މަސްކަރަ އުނގުޅުމަށްފަހު ކަފަ ބުރެއްގައި ކުޑަ މޭކަޕް ރިމޫވާ ފޮދެއް ލުމަށްފަހު އެސްފިޔަތަކުގައި އިތުރަށް އުނގުޅިފައިހުންނަ މަސްކަރަތައް ފިލުވާލުމުން ރީތިވާނެއެވެ.

ލޮލުގައި އަނދުން އެޅުމަކީ ލޮލުގެ އަލިކަން އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް މިފަހަރު އެހާ ގަދަޔަށް އަނދުން ނާޅާ އެހަށް މަޑުކޮށްލާށެވެ. ޑޮމިނިކްގެ ފަސްވަނަ އުކުޅެއް ކަމުގައި ވަނީ ކަޅު އަދި މުށި ކުލައިގެ އައިލައިނާއަކުން ލޮލުގެ މަތީ ފަށަލައާއި ތިރީ ފަށަލަ ފަވާލުމެވެ. އަދި މިހިސާބުން ނިމުނީއެއް ނޫނެވެ. ރަނގަޅަށް ދެފަރާތް ފަވާލުމަށްފަހު ލޮލަށް ބާރުލާފައި ލޯމަރާލާށެވެ. މިހެން ހެދުމުން އެސްފިޔަ ތަކުގެ ބުޑަށް އައިލައިނާގެ އަސަރު ހުންނާނީ ކޮށްފައެވެ. އެހެންކަމުން ލޮލުގައި އަނދުން އަޅާފައި ހުރުމަށްވުރެ ގުދުރަތުން ކަޅު ކަޅިރަވައެއް ލިބިފައިހުރި ކަމަށް ދައްކާނައެވެ. އަދި ފަހު ކަމަކަށް ލޮލުގައި އުނގުޅިފައި ހުރި އައިލައިނާ ކަފަބުރަކުން ސާފު ކޮށްލާށެވެ.

ނޯ މޭކަޕް- މޭކަޕް ލުކެއްގައި ބްލަޝް އަކީ އެހާ މުހިންމު އެއްޗެއް ނޫނެވެ. ވީހާވެސް ކުޑަ މިންވަރަކަށް ބްލަޝް ކުރުމަށްފަހު އޭގެ މަތިން ފައުންޑޭޝަން ބްރަޝް ހާކާލީމަ ރަނގަޅުވާނެ އެވެ. ގަދަ ފިޔާތޮށި ފަދަ ކުލައެއް ބޭނުން ކޮށްފި ނަމަ ހަޑިވެދާނެއެވެ. އެހެންކަމުން ވީހާވެސް މަޑު ފިޔާތޮށި ކުލައެއް ނުވަތަ މުށި ކުލައެއް ބޭނުން ކުރާށެވެ.

މިދޭތެރެއަކުން މަޝްހޫރު ވެގެންދިޔަ "ޓޭން" ގެ އަސަރު މޫނުން ދެއްކުވުމަށް ބައެއް ކަނބަލުން އެ ކަނބަލުންގެ މުޅި މޫނު ފުރެންދެން ބްރޯންޒިންގ ޕައުޑަރ އުނގުޅައެވެ. ނަމަވެސް މިކަމުގައިވެސް ރަނގަޅު ގޮތަކީ ކޯތާފަތް މަތީ ކުޑަކޮށް ބްރޯންޒިންގ ޕައުޑަރ އުނގުޅާލުމެވެ. ގިނަ ބޭފުޅުންނަށް އެނގޭނެ ގޮތައް ބުނާނަމަ "ޗީކް ބޯން" ގެ ދަށުގައި އުނގުޅާލުމުން ރަނގަޅުވާނެއެވެ.

ފަހު އުކުޅަކީ ލިޕްސްޓިކް ޖައްސާއިރު މެޓް ލިޕްސްޓިކް އަކުން ފުއްދާ ނިންމާ ނުލުމެވެ. މެޓް ލިޕްސްޓިކް ޖެއްސުމަށްފަހު އޭގެ މަތިން ކުޑަ ލިޕް ބާމް ކޮޅެއް ނުވަތަ ވެސްލިން ކޮޅެއް އުނގުޅާލާށެވެ. އެންމެ ރަނގަޅުގޮތަކީ ވީހާވެސް މަޑު ކުލައެއްގެ ލިޕްސްޓިކެއް ޖެއްސުމަށްފަހު ލިޕް ގްލޮސް ކޮޅެއް އުނގުޅާލުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.