މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުންނާއި ބަންޑާރަ ނައިބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހައުސިންގް މިނިސްޓަރު އައިމިނަތު އާތިފާ ޝުކޫރާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އަދި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއަށާއި، ބަންޑާރަ ނައިބުކަމަށް އިބްރާހިމް ރިއްފަތަށް ރުހުން ލިބިވަޑައިގަތީ، ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.
ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް ޔުމްނާ މައުމޫނަށާއި ހޯމް މިނިސްޓަރުގެ މަގާމަށް އިމްރާން އަބްދުﷲ އަށް ރުހުން ލިބިވަޑައިގަތީ 68 ވޯޓުންނެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ވޯޓުންނެވެ.
އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. އަހްމަދު ޒާހިރު އަލީއަށާއި އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމަށް ފައްޔާޒް އިސްމާއީލަށް ރުހުން ލިބިވަޑައިގަތީ 71 މެމްބަރުންގެ ވޯޓުންނެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް އަލީ ވަހީދަށް 69 ވޯޓް ލިބިވަޑައިގެންނެވިއިރު ބާކީ ތިއްބެވި ހުރިހާ ވަޒީރުންނަށް ލިބިވަޑައިގަތީ 70 ވޯޓެވެ.