ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން ކުރައްވާފައިިވާ ފަރާތްތަކަށް ވީއައިޕީގެ ހިދުމަތް ދިނުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދިޔައިރު، ވެލިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޓީގެ ނައިބު ރައީސް ޔާމީން ރަޝީދު މެންބަރުންނަށް އިނާޔަތް ލިބޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
މުސްތަފާގެ އިސްލާހު އަނބުރާ ގެންގޮސްފައިވާއިރު، ޔާމިން ރަޝީދު ވަނީ މަޖިލިސް މެންބަރުކަމުން ވަކިވާ ހިސާބުން ފެށިގެން މާލީ އިނާޔަތް ލިބޭ ގޮތަށް އިސްލާހެއް އިއްޔެ ހުށަހަޅާފަ އެވެ. މިހާރު އޮންނަ ގޮތުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރަށްފަހު އެވެ.
"އަޅުގަނޑުގެ މަސްލަހަތު އޮތް ބިމެއް ނަގައިފި، އަޅުގަނޑުގެ 5،000 ޓަނުގެ ބޯޓެއް ނަގައިފި، ދެން ކޮން އެއްޗެއްތޯ އިތުރަށް ބޭނުން ވާނީ, މީގެ ކުރީ ސަރުކާރުތަކުން ކުރި ކަމަކީ އަޅުގަނޑު ކޮށްފައި ހުރި މަސައްކަތްތައް ނަހަމަ ގޮތުގައި ނިގުޅައިގަންނަނީ،" މުޞްތަފާ ވިދާޅުވިއެވެ.
މުސްތަފާ ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއާޕޯޓުގެ ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް، މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
މުސްތަފާގެ އިސްލާހު އަނބުރާ ގެންގޮސްފައިވާއިރު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހެޅި ބިލް އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. އެ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާށެވެ. ގާނޫނު މިހާރު އޮތްގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖެހެނީ މެންބަރުންނަށް އެކަނި ކަމަށްވާއިރު އާއިލާގެ ބޭފުޅުންނަށް ބޭސްފަރުވާ ހަމަޖެހޭނެ އުސޫލެއް މިހާރު ނޯންނަ ކަމަށެވެ.
އެ އިސްލާހުގަައި މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ވެސް އިނާޔަތެއް ލިބިދޭންޖެހޭ ކަމަށް ހިމަނާފައިވެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް އިމްތިޔާޒުގެ ގާނޫނު އިސްލާހު ކުރުމަށް އެ ބިލްގައި ހުށަހަޅައިފައިވާއިރު މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަހުން ފެށިގެން އިނާޔަތް ލިބޭނެ ގޮތް ހަަމަޖައްސަން ވެސް ލަތީފްގެ އިސްލާހުގައި ބުނެ އެވެ.
ނަމަވެސް މިއަދު ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން އިނާޔަތްތަކާއި ހިމާޔަތް ބޭނުން ނުވާ ކަމަށާއި އެއްވެސް އެހީތެރިކަމެއް ވެސް ސަރުކާރުގެ ފަރާތުން ބޭނުންނުވާ ކަމަށެވެ.