ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އުފެއްދި އިދިކޮޅު ކޯލިޝަންއިން 2018 ވަނަ އަހަރުގެ ރިއާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރުމަށްފަހު ވެރިކަމާ ހަވާލުވީ ވަރަށް ވެސް ބޮޑެތި އުއްމީދުތަކަކާއެކީއެވެ. ވަރުގަދަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެން ވަރަށް ހިތްހަމަޖެހުންތަކާއި އެކުގައެވެ. ބޮޑު ހަތަރު ޕާޓީގެ މައްޗަށް އެކުލެވޭ މި ކޯލިޝަންގައި ހިމެނެނީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމް އެވެ. ރިއާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަން އިން ވެރިކަމާއި ހަވާލުވި ފަހުން އަދި މާކަ ގިނަ ދުވަސްތަކެއްނުވެއެވެ. ރިއާސީ އިންތިހާބުގައި އެއްލައްކަ ތިރީސް ފަސްހާސް ވޯޓް ހޯދި އެ ކޯލިޝަންގެ މޫނުމަތިން ބޮޑު ބިޔަ ރެނދެއް ފާޅުވާން އުޅޭހެން ހީވާން ފާށައިފިއެވެ.

ކޯލިޝަންގެ ކާމިޔާބީއަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވި ވަޒީރުންގެ ކެބިނެޓަށްވެސް މީސްމީޑިއާ ތެރޭގައި ޖެހީ ޖޯކެވެ. ކޯލިޝަންއަށް ތާއީދުކުރި އެތަށްބައެއް ދެބަސްވާން ފެށިއެވެ. އަރާރުން އުފެދުނީ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ޖޭޕީގެ ރައީސް، މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް މިނިސްޓަރުކަން ތަބަކަކަށް ލައިފައި އެރުވި ހިސާބުންނެވެ. މިނިސްޓަރު ނަހުލާގެ ޤާބިލުކަމާއި މެދު މީސްމީޑިއާގައި އުފެދުނު ސުވާލުތައް އަޅުގަނޑުގެ ކަނާތު ކަންފަތުގައި ބީހިލިއިރު ވާތު ކަންފަތަށް ވެރިވީ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެވުނު ޝެއިޙް އިމްރާން، ޖިނާއީ ހުކުމެއްގައި ހުރުމުން ވަޒީރެއްގެ މަގާމަށް އައްޔަން ކުރުމަށް ގާނޫނު އަސާސީ ހުއްދަ ނުދޭ ވާހަކައެވެ. ނަމަވެސް މި ދެ މައްސަލައިގެ އަޑު ފަނޑުވެގެން ދިޔައީ މިނިސްޓަރު އައިޝަތު ނަހުލާގެ ފަރާތުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ފެނުނު ހީވާގި މަސައްކަތާ ޝެއިޙް އިމްރާން އަށް ކުރެވުނު ޖިނާއީ ކުށުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުުރުމުންނެވެ.

ސަރުކާރުގެ ތެރޭގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށް ކޯލިޝަން އިން ބުނަމުން، ވަޒީރުންނަށް ސަނާ ކިޔަމުން ދަނިކޮށް ދެން ފެންމަތިވީ މުޅިން ތަފާތު ވާހަކައެކެވެ. އެއީ ކޯލިޝަންގެ ބޮޑު އެއް ޕާޓީ، ޖޭޕީ ރައީސް އަދި މަޖިލީހުގެވެސް ރައީސް ގާސިމް އިބްރާހީމް ވެރިކަމަށް ދަހިވެތިވެގެން އުޅޭވާހަކައެވެ. މި ވާހަކައިގެ އަޑު އިތުރަށް ގަދަވެގެން ދިޔައީ ގާސިމް އިބްރާހީމް ވެރިކަމަށް ކުރިމަތިލުމަށް އޮތް ހުރަސް، މަޖިލީހުން ބާތިލް ކުރަން ވިސްނި ހިސާބުންނެވެ. އެއީ އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ގެ ސަރުކާރުން ނިންމި ނިންމުން ބާތިލް ކުރަން މަސައްކަތް ފެށި ހިސާބުންނެވެ.

ގާނޫނު އަސާސީގެ މާއްދާތަށް ބާތިލްކޮށް ބިލްތައް ބަދަލުކުރަން އަދި އަވަސް ކަމަށް ބުނެ ކޯލިޝަން ތަމްސީލް ކުރާ ބައެއް ޕާޓިތަކުގެ މެމްބަރުން ރައިވަރު ކިޔަން ފެށީއެވެ. ރައިވަރު ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ހަމަ އަސްލަށްވެސް ކޯލިޝަން ގައި ރެނދު އަޅަން އުޅޭހެން ހީވާން ފަށައިފި އެވެ.

ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ހުރިހާ ދާއިރާ އަކަށް ކުރިމަތިލާން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރުމުން ކޯލިޝަންއަށް ލޮޅުމެއް އަރައިގެން ދިޔަތަން ފެނުނެވެ. ކޯލިޝަން ތަމްސީލް ކުރާ ޕާޓީތަކުން މިއީ އެއްބަސް ވުމާ ހިލާފު ކަމެކޭ ބުނުމުން ރައްދުގައި އެއްބަސް ވުމެއް ހެދިފައި ނެތޭ އެމްޑީޕީއިން ބުނަމުންގެންދިޔައެވެ. މީސްމީޑިއާގައި ދައުރުވަމުން ދަނީ ކޯލިޝަން އެއްބަސް ވުމެއް ނޫން ކަމަށް އަޑު ހަރުކޮށް ބުނަމުން ދިޔައެވެ. ކޭކެއް ފަދައިން މަޖިލީސް އިންތިޚާބު ބައިބަޔަށް ފަޅާލައިފައި ޕާޓީތަކަށް ވެދުމަށް އެރުވުމަށް ފަރުމާކުރެވިފައިވާ މި އެއްބަސްވުމާއި ހެދި ދެބަސް ވުމުގެ އަޑުތަށް ގަދަވެގެންދާ މަންޒަރު ބަލަން އިދިކޮޅުން ހެވިފައި ތިބިއިރު ކޯލިޝަންއަށް އަރަމުންދާ ލޮޅުން އިތުރުވެގެންދާތަން ފެނެއެވެ. މި ބޮޑު ބިޔަ ހަތަރު ޕާޓީއަށް އެކުގައި ތިބެވިދާނެބާވައެވެ.

ކޯލިޝަން ސަލާމަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއްލައްކަ ތިރީސް ފަސްހާސް ވޯޓް ލިބުނީ ކޯލިޝަނަށެވެ. ވަކި ޕާޓީ އަކަށް ނޫނެވެ. ރައްޔިތުން ވޯޓު ދިނީ އެކުގައި މަޝްވަރާގެ މަތިން މަސައްކަތް ކުރާނެ ކަމުގެ އުއްމީދުގައެވެ. އެކުގައި މަސައްކަތް ކުރުމުން ނަތީޖާ ފޮނިވެ ވަރުގަދަ ވާނެކަމުގެ އުއްމީދުގައެވެ. ވަކިވެގަނެއްޖެ ކޮންމެ މީހަކީ ބަލިކަށިވެ އެކަނިވެރިވާ މީހެކެވެ. މިކަން ދިވެހިރާއްޖޭގެ މާ ދުރުނޫން ތާރީހުންވެސް ހެކިދޭނެ އެވެ.

ކޮންމެއަކަސް މަލަމަތިން ރީތި ކޮށްލުމުން ނިމުނީއަކީ ނޫނެވެ. ކާގޭގައި ކިތަންމެ ބައިވަރު ވައްތަރެއްގެ ކާއެއްޗެހި އަތުރާލާފައި ހުއްޓަސް، ބަދިގޭގައި ރަހަ އެއްވަރު ކުރާނޭ ސާމާނު ނެތިއްޔާ ކާ އެއްޗެހީގައި މީރު ރަހައެއް ނުދޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.