ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވިފައި އަދި ކުރެވެމުންދާ ތުހުމަތު ތަކަށް އެކަށޭނެ ތަހުގީގެއް ނުކުރެވި ލަސްވަމުން ދަނީ ކީއްވެތޯ؟ މިއީ ވަރަށް ގިނަ ރައްޔިތުންގެ  ހިތްތަކުގައި އުފެދިފައިވާ ޖަވާބު ނުލިބިވާ ސުވާލެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވި އިއްތިހާދުން ނިކުންނެވި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ވާދަކޮށް ރައީސް ޔާމީން ނާކާމިޔާބީއާއި ކުރިމަތި ވެފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރައީސް ޞާލިހްގެ ވެރިކަމަށް މިއަދަށް 15 ދުވަސް ވެފައިވާއިރު ކުރީގެ ރައީސް ޔާމީނާއި މެދު ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަށް އަދުގެ ސަރުކާރުން އެއްވެސް ބަހެއް ބުނި އަޑެއް އަދި ނީވެއެވެ. އެއްމިލިއަން ޑޮލަރު އިސްލާމިކް ބޭންކު ގައިވާ ރައީސް ޔާމީނުގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލަ އޭ.ސީ.ސީ އިން ވެސްވަނީ ތަހުގީގު ކޮށްފައެވެ. އަދި އެމް.އެމް.ޕީ.އާރު.ސީ އިން ރާއްޖޭގެ ބައެއް ރަށްތަކާއި ފަޅުތައް ވިއްކި މައްސަލައިގެ އެންމެ އަޑީގައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ގާނޫނު އަސާސީއާއި ހިލާފަށް ކުއްލިހާލަތު އިއުލާނު ކުރި މައްސަލައާއި އަދި މީގެ އިތުރުންވެސް ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލައިގާ ޖަވަބުދާރީ ނުވި މައްސަލަ ތަހުގީގު ނުކުރެވި ލަސްވަމުންދާކަމީ، ސަރުކާރަށް އާމުންގެ މެދުގައި އޮތް އިތުބާރަށް ހީނަރުކަން ގެނުވި ކަމެކެވެ.

ރައީސް ޔާމީން މުލަކު ދާއިރާއަށް ކުރިމަތިލަށްވާނެ ކަމުގެ އަޑުތަކެއް ފެތުރެމުންދާ މިދަނޑިވަޅަކީ މަޖިލީސް އިންތިޚާބު އެހެން އިންތިޚާބުތަކާއި ހިލާފަށް ފޯރި ހިފާނެ އިންތިޚާބަކަށް ވެގެންދާނެކަމަށް ޔަގީންކުރެވެއެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު ރައްޔިތުންގެ ކުރިމަށްޗަށް ރައީސް ޔާމީން ފުރަތަމަ ފަހަރަށް ރައްޔިތުންގެ ކުރިމައްޗަށް ރޭގައި ނިކުންނެވިއެވެއެވެ. ރޭގެ އެބައްދަލުވުމަކީ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މެމްބަރުންނާއި ޕާޓީގެ ޓިކެޓް ހަވާލު ކުރުމަށް ބޭއްވުނު ޖަލްސާ އެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މެދު އެތަކެއް ތުހުމަތުތަކެެއް ކުރެވިފައި ވީނަމަވެސް، ތަހުގީގު ނުކުރެވި ލަސްވެގެން ދިއުމަކީ ބޮޑު ސުވާލެކެވެ. އިންސާފު ހޯދައި ދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި ވީހިނދު މިކަންކަން ތަހުގީގު ނުކުރެވެންވީ ސަބަބަކީ ކޮބައިތޯއެވެ.؟ ވެރިޔަކަށް ވީތީ "ކުށް" ކުށަށް ނުވަނީތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.