ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ ސަރުކާރުން އެކިއެކި ސަބަބުތަކާއިހުރެ ވަޒީފާއިން ވަކި ކުރެވިފައިވާ ފަރާތްތަކުން އެ މައްސަލަތައް ހުށައަޅަން ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން ކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ސަބަބުންނާއި އިދިކޮޅު ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ނުހައްގުން ވަޒީފާއިން ވަކި ކުރެވިފައިވާ ފަރާތްތަކުން އެފަދަ މައްސަލަތައް ހުށަހެޅުމަށް ހާއްސަ ފޯމެއް ރައީސް އޮފީހުންވަނީ މިއަދު ތަޢާރަފް ކޮށްފައެވެ. އަދި ފޯމު ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުހުލަތެއްވަނީ ކަނޑައަޅާ އާންމުކޮށްފައެވެ. މިފަދަ އިންތިޒާމެއް ހަމަ ޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރު އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިކުރެވިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުންކަމަށް ރައީސް އޮފީހުން ހާމަ ކުރެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައިއިރު، ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކުރެވި، އަދި ބައެއް މީހުންނަށް ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅިކަމުގެ ޝަކުވާތައް އާންމުވިއެވެ. އަދި މިހާރު ވެރިކަން ކުރާ ކޯލިޝަން ކެމްޕެއިން ތެރޭގައި އެންމެ ގަދައަށް ދެއްކި އެއްވާހަކައަކީ ކޯލިޝަންގެ ވެރިކަމެއްގައި ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށާއި އެމީހަކު ބޭނުން ފިކުރަކަށް ތާއީދު ކުރެއްވޭނޭ ކަމުގެ ވާހަކަތަކެވެ.

މިފަދަ މައްސަލަތައް ބެލުމަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހް ހާއްސަ ޓީމެއް ހަދާފައިވާއިރު މައްސަލަ ހުށައަޅާ ފޯމު ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.