އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ކަނޑައެޅުނު ޤާނޫނު އުވާލުމުގެ ބިލް ރައީސުލް ޖުމުހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ރައީސްކަން ނުކުރެވޭގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހު ގެނެވުނީ ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނުގެ ސަރުކާރިން އެގޮތް ބޭނުންފުޅު ވެގެންނެވެ. އެއާއެކު ރައީސްކަމަށް ކުރިމަތި ލެވޭ އރންމެ ހަގު އުމުރަކީ 30 އަހަރު ކަމުގައިވެސް ކަނޑައެޅިގެން ދިއައެވެ.
ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެގެން ދިއުމާއިއެކު އެއިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހެޅި، ފާސްވެގެން ދިޔައެވެ.
މިބިލު މިއަދު ތަސްދީގު ކުރެވިގެން ދިއުމާއި އެކު އިހު އޮތްގޮތަށް 65 ފުރިފައިވާ ފަރާތްތަކަށްވެސް ރައީސްކަން ކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރަށް، ރައީސް ކަމަށް ކުރިމަތި ލެވޭ އެންމެ ހަގު އުމުރަކީ 35 އަހަރު ކަމުގައި ހަމަޖެހިގެން ދިޔައީއެވެ.
އޭރު މިއިސްލާހު މިގޮތަށް ފާސްކުރެވުނީ ޖުމުހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބުރާހިމް އާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު އާއި ދެބޭފުޅުން ރައީސްކަމަށް ކުރިމަތިލިޔަ ނުދިނުމުގެ ގޮތުން ކަމަށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއްވިއެވެ.