ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ކާރެއް ރައީސް ޔާމިންގެ ދައުރުގައި އާންމު ފަރާތެއްގެ ނަން މަތީ ރަޖިސްޓްރީކުރި މައްސަލައެއް އޭސީސީ (އެންޓި ކޮރަޕްޝަން ކޮމިޝަން) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާތީވެ އެއްވެސް އިތުރު ތަފްސީލެއް ދެވެންނެތް ކަމަށެވެ.
ސައުދީ އިން ހަދިޔާކޮށްފައިވަނީ "މާސިޑީޒް ބެންޒް އެސް 600 ބުލެޓް ޕުރޫފް" ކާރެކެވެ. 4.3 މިލިއަން ރުފިޔާގެ އަގުހުރި މި ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށާއި އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ރަސްމީ ބޭނުންތަށް ފުއްދުމަށެވެ.
"ޖަޒީރާ ނިއުސް" އަށް ހަބަރު ލިބިފައިވާ ގޮތުގައި އޭސީސީ އިން ބަލަމުން ގެންދަނީ ސައުދީ ސަރުކާރުން ހަދިޔާކުރި މި ކާރު ، ކުރީގެ ރައީސް ޔާމިންގެ ޗީފް އޮފް ސްޓާފްއަކަށް އޭރު ހުންނެވި އަހުމަދު މުސްތަފާގެ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރި މައްސަލައެކެވެ.