ރައީސް އުފެއްދެވި ކޮމިޝަންއަށް ބާރުދޭ ބިލާ ދެކޮޅަށް ޕީޕީއެމް މެންބަރުން ރިޔާސަތު މޭޒު ދޮށަށް އެއްވެ އަޑުގަދަ ކުރަން ފަށައިފިއެވެ.
ބިލަށް ވޯޓަށް އެހުމަށް މިއަދު 1:30 ގައި މަޖިލިސް ފެށުމާއެކު ޕީޕީއެމް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށް އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބުނެ އަޑުގަދަ ކޮށް ބިލަށް ވޯޓަށް އަހުމަށް ހުރަސް އަޅާފައެވެ.
ޕީޕީއެމް މެންބަރުން އަޑުގަދަ ކުރަމުން ގެންދަވަނިކޮށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލުގައި ގާނޫނާ ހިލާފު ކަމެއް އޮތްނަމަ އެ ބިލުގެ މަސައްކަތް ކުރިޔަށް ނުގެންދަވާނެ ކަމަށާއި އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، އިހުތިޖާޖު ކުރުން ހުއްޓާލުމަށް ނަސޭޙަތްތެރި ވުމުންވެސް ޕީޕީއެމް މެންބަރުން މަޖިލީހުގެ ރައީސްގެ އެނގެވުމަށް ބީރު ކަންފަތެއް ދިނުމަށްފަހު އިހުތިޖާޖު ކުރިޔަށް ގެންދަމުން އެބަދެއެވެ.