ފަލަސްތީނުގައި ކުޑަ ފިރިހެންކުއްޖަކު ހައްޔަރުކޮށް ފަހަތަށް ބިޑި އަޅުވާ ކަނުބަދެފައި ބަހައްޓައި އެކުއްޖާ ފަޔަށް އިޒްރޭލު ސިފައިން ބަޑި ޖެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފަލަސްތީނުގެ ބައިތުލަހަމް ކައިރީ އޮންނަ އަވަށެއްގައި، އެ އަވަށުގެ ރައްޔިތުންނާއި ސިފައިންނާ ދެމެދު ހިނގި ހަމަ ނުޖެހުމެއްގެ ތެރެއިން ނަގާފައިވާ ވީޑިޔޯއެއްގައި ފެންނަ ގޮތުން އުމުރުން 15 އަހަރުގެ އުސާމާ އަލްބަދާންގެ ފަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހަ އެވެ. އަދި އެ މީހުން ބަޑި ޖަހާފައިވަނީ އުސާމާ ފަހަތަށް ބިޑި އަޅުވާ ކަނުބަނދެފައި ހުއްޓައި ދުއްވައިގަތުމުން ނެވެ. އަލްބަދާން ދުއްވައިގަތް ވަގުތު އޭނަ ގާތުގައި އިޒްރޭލުގެ ސިފައިންގެ ހަތަރު މީހަކު ވެސް ތިބެ އެވެ.
އުސާމާގެ ފަޔަށް ބަޑިޖަހައިފައިވަނީ އެ ހަތަރު މީހުން ގެ ތެރެއިން ދެމީހުންނެވެ. އަދި އޭގެ ތެރެއިން އެކަކުވަނީ އަވަހަށް އުސާމާގެ ފަޔަށް ފަސްޓް އެއިޑްދޭން މަސައްކަތް ކޮށްފައެވެ. އުސާމާއަށް އިޒްރޭލް ސިފައިންގެ މީހާ ފަރުވާ ދެމުން ދިޔައިރު އެހީތެރިވާން އެތަނަށް އެއްވި މީހުންނާއި ދިމާލަށް ބަޑި ދިއްކޮށް އިޒްރޭލް ސިފައިންގެ މީހާ ބުނަމުން ދިޔައީ "ކައިރިވީ މީހެއްގެ ބޮލަށް ބަޑި ޖަހާނެ" ކަމަށެވެ.
އޭނާއަށް ޖަވާބުދޭން "ތިމަންނާމެން ބޭނުމީ އޭނައަށް ފަރުވާ ދޭށޭ" ބުނުމުން އިޒްރޭލް ސިފައިންގެ މީހާ ބުނެފައި ވަނީ "އަހަރެންގެ އަމިއްލައަށް އޭނާއަށް ފަރުވާ ދޭނަން" ކަމަށެވެ. އިޒްރޭލް ސިފައިން އުސާމާ ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި ގާބުރިއެއް ހޫރައިލި ކަމަށް ތުހުމަތުކޮށްފަ އެވެ.
އެހެންނަމަވެސް އުސާމާވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން އުސާމާ އެބާވަތުގެ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އޭނަ ހައްޔަރު ކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް އުސާމާގެ ބައްޕަވެސް ވަނީ ބުނެފައެވެ.އުސާމާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު ކްލިނިކަށް ގެންގޮސަފައި ވާއިރު އޭނަ ވަނީ ހައްޔަރުން ދޫކޮށްލާފަ އެވެ.