ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމި ނިންމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ކޮމަންވެލްތުގައި ބައިވެރިވުމަށް ކެބިނެޓުން ނިންމި ކަމުގައިވިއަސް ކޮމަންވެލްތުގައި ރާއްޖެ އަށް ބައިވެރިވެވޭނީ މަޖިލީހުން ފާސްކޮށްގެންކަމަށް ވުމާއިެ އެ ނިންމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް ފޮނުވީ މިއަދު މަޖިލީހުގައި ބޭއްވުނު ޖަލަސާއެއްގައެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރާކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 2016 ވަނަ އަހަރު ކޮމަންވެލްތުގެ މެމްބަރުކަމުން ދިވެހިރާއްޖެ ވަކިކޮށްފައެވެ.
ނަމަވެސް އަލަށް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުރުތަމަ 100 ދުވަހުގެ ޝިއާރުގެ ދަށުން އަލުން ކޮމަންވެލްތާ ގުޅުމަށް ނިންމައި އެކަމަށް މަސައްކަތް ފައްޓަވައިފައެވެ.