ދިވެހި ގިނަ ޒުވާނުންގެ މެދުގައި މިހާރު ވައިގައި ހިފާފައިވާ އެއް ކަމަކީ، ތަފާތު އޮންލައިން ގޭމުކުޅުމެވެ. އޭގެ ތެރެއިންވެސް ޕަބުޖީއަކީ، ފުރާވަރުގެ ކުދީންގެ އިތުރުން ގިނަ ޒުވާނުންވެސް ދެވި ހިފާފައިވާ ގޭމެކެވެ.

ތަންތާނގައި ކޯޅިކޯޅިއަށް ތިބެ ގޭމުގެ އަވާގައި ޖެހިފައި ތިބޭ ޒުވާނުން މަދެއް ނޫނެވެ. އަދި ދަންވަރު ހޭލާ ގޭމު ކުޅެންތިބޭ ކުދީންވެސް ވަކިން މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ބައެއް ގައުމުތަކުގައި އެގޭމު މަނާކުރާ ވާހަކަ ޚަބަރުތަކުގައި ޖެހުމުން އެކަން މި ދިވެހިރާއްޖޭގައިވެސް މަނާކުރަން ބައެއް ފަރާތްތަކުން މީސްމީޑިޔާގައި ދަނީ ގޮވާލަމުންނެވެ. ބައެއް އޮންލައިން ނޫސްތަކުންނާއި މަޝްހޫރު ޕޭޖުތަކުން ފެންނަ ނުފެންނަ ވޯޓުލުމަށް ހުޅުވާލާފައިވާތަން ވެސް ފެނެއެވެ. އެހެންނަމަވެސް، މިހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދެނީ ސުވާލެކެވެ. މަނާ ނުކުރެވިގެން މިއުޅެނީ ޕަބުޖީތޯއެވެ؟ ނޫނީ ތަފާތު ކުށްތައް ތޯއެވެ؟

ވައްކަން ކުރާ މީހުން ފާޅުގައި ވައްކަން ކުރަނީއެވެ. ކަންމަތީ ފިހާރަތަކުން ފެށިގެން، ގޭބިސީތަކުންނާއި ސަރުކާރުގެ އެކި ވުޒާރާތަކާ ހިސާބަށް މި ވަބާވަނީ ފެތުރިފައެވެ. މިކަން ކުރާ މީހުން ހޯދާ އެމީހުންނަށް އަދަބު ދެވެނީ ހާލަކުން ފަހަރަކުއެވެ. ޘާބިތުވިނަމަވެސް، ކޮންމެވެސް ގޮތަކުން އެމީހަކު އެކަމަކުން މިންޖުވެ އަނެއްކާވެސް ކުށުގެ ވެށްޓަށް ދޫވެގެންދެއެވެ. ޕަބުޖީއަށްވުރެ އެފަދަ މީހުން ކުރާ ކުށަށް ހައްޤު އަދަބު ދިނިއްޔާ މާރަނގަޅެއް ނޫންތޯއެވެ؟

އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރިގަންނަ މީހުންގެ އުނދަގޫ މިއަދު މާބޮޑެވެ. ބޭންކް އޮފް މޯލްޑިވްސް އާއި ތަފާތު ކުންފުނިތަކުގެ ނަމުގައި މީސްމީހުންނަށް ގުޅައިގެން ފޭރޭ މީހުންގެ ނުބައި އަމަލު ހުއްޓުވާނޭ ފޯމިއުލާއެއް އަދި އަދަށްދާންދެންވެސް އެއްވެސް ބަޔަކަށް ހޯދިފައެއް ނުވެއެވެ. އެހެންކަމުން، ޕަބުޖީއަށްވުރެ، އެފަދަ މީހުން ހޯދައި އެމީހުންގެ އަމަލުތައް ހުއްޓުވައި ހައްޤު އަދަބު ދިނުން މާރަނގަޅު ނޫންތޯއެވެ؟

ދީނާ ޚިލާފު ޕޭޖުތައް ހަދައިގެން އިސްލާމްދީނަށް ފުރައްސާރަކުރާ ދިވެހީންގެ އަމަލުތައް ހުއްޓުވޭނޭ ގޮތެއްވެސް މިވަނީ ނުހޯދިފައެވެ. ސުމާރެއްނެތް ގޮތަށް ގިނަ ގޭގޭގައި އިންޓަނެޓް ބޭނުންކުރެވޭ ގޮތަށް ދޫކޮށްލެވިފައިވާއިރު، ކުޑަ ކުދިންނަށް ފަސޭހައިން ފެންނަ ގޮތަށް އެ ޅަ ސިކުނޑިތަކަށް ގަބޫލުކުރެވޭ ގޮތްގޮތަށް ތަފާތު އެހެން ދީންތައް ފަތުރާއިރު ކަމާބެހޭ އިދާރާތައްވަނީ މިކަންކަން ހުއްޓުވުމަށް ނުކުޅެދިފައެވެ. ޕަބުޖީއަށްވުރެ ގައިމު މިކަން މާނުރައްކާ ނޫންތޯއެވެ؟

މައިމީހާގެ އުނގުން ކިރިޔާ ވީއްލޭއިރު ސްމާޓްފޯނެއް ގެންގުޅެން ފަށާ އަދުގެ ދުނިޔޭގައި، ދީން ހުއްދަނުކުރާ ތަކެތި ފެންނަ ވެބްސައިޓުތައް އެހުރީ ހާމައަށެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ކުޑަކުދީންނާއި ޒުވާނުން އެ ވެބްސައިޓުތަކުގެ މަސްތުގައިވަނީ ޖެހިފައެވެ. ފޮޓޯއެއް ފެނުނީމާ އެމީހާގެ ވަނަވަރު ގުރުއާނުގެ އެންމެ ކުރު ސޫރަތް ހިތުން ނުކިޔޭހައި ފަރިތަކޮށް ކިޔާލުމަކީ މިކަން ފެތުރިފައިވާ މިންވަރު އަންގައިދޭ ކަމެކެވެ. މިކަން ހުއްޓުވޭނޭ ގޮތެއް އަދި ހުއްޓުވަން މަސައްކަތް ކުރާ ބަޔަކު ނެތެވެ. އަދިވެސް ހުއްޓުވަންވީ ޕަބުޖީ އެކަނިތޯއެވެ؟

ނެތި މޮށުމާއި ޣީބަ ބުނުމަކީ، ދުނިޔެ ފެށުނީންސުރެ ހިނގާ ކަންކަމެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިކަން އޮތީ މިހެންނެވެ. ހިތު ހުރިހާ އެއްޗެއް މީސްމީޑިޔާގައި ލިޔަނީއެވެ. ސައިޓުތަކުގައިވެސް ލިޔެ ޝާއިޢު ކުރަނީއެވެ. ޕޯޑިއަމްތަކުގައި އަދި މިކަން މާފުޅާކޮށް ކުރެއެވެ. ހުއްޓުވޭނޭ ގޮތެއް ނެތެވެ. މިކަން ކުރަން މަނާ ކުރާނެ ބައެއް ނެތެވެ. ދެންވެސް ހުއްޓުވަންވީ ޕަބުޖީ އެކަނިތޯއެވެ؟

ރަނގަޅެވެ. ޕަބުޖީއަށް ދެވި ހިފުމަކީ ގޯހެކެވެ. އެކަމުގެ އަވައިގައި ޖެހި އެތައް ރުފިޔާއެއް ހޭދަކުރުމަކީ ބޮޑު އިސްރާފެކެވެ. ގިނަ ވަގުތު އެކަމުގައި ހޭދަ ކުރުމަކީ އިޖުތިމާޢީ ގުޅުމަށް އަސަރު ކުރާނެ ކަމެކެވެ. ނަމަވެސް، އެއީ ހައްދުން ނެއްޓުނީމައެވެ. އެހެނޭ ކިޔާފައި މުޅި ގޭމް މަނާކުރީމާ އެކަން ހަމައެކަނި ފޫހި ފިލުވާލުމަށްކުރާ މީހުނަށް އެދެވެނީ ހަމަ އަނިޔާއެކެވެ. ބަޔަކު ކުރާ ކަމަކުން އެންމެނަށް އެކަމުގެ އަސަރުކޮށްގެން ނުވާނެއެވެ. ޕަބުޖީއަށްވުރެން ޖިނާޢީ އެހެން ކުށްތައް ހުއްޓުވިއްޔާ މާރަނގަޅުވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.