ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަގީރުންގެ އަދަދު އިތުރުވުމާއި، ބަނޑުހައި ހޫނުކަން ތަހައްމަލުކުރާ މީހުންގެ ނިސްބަތް ކަންބޮޑުވާ ދަރަޖައަކަށް އަންނަނީ އިތުރު ވަމުންނެވެ. ދުނިޔޭގެ ދެކުނު ތަނޑިން ފެށިގެން އުތުރަށް، އަދި އިރުން ހުޅަނގަށް ބެލިކަމުގައިވިޔަސް ޙަޤީޤަގަތަކީމިއެވެ. އެފްރިކާ ބައްރުގެ ގައުމުތަކާއި މެދު އިރުމަތީގެ ޤައުމުތަކުގެ ނިކަމެތި ރައްޔިތުން ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންދާ މަންޒަރުތަކަކީ ކޮންމެ ދުވަހަކުވެސް ފެންނަ ކަންކަމެވެ. ނަމަވެސް ހިތާމައަކީ އެއްބަޔަކު އެހާލުގައި އުޅޭއިރު، އެއަށްވުރެ ތަނަވަސް ފުދުންތެރިން ފަރާތުން ފެންނަ ހިތާމަވެރި މަންޒަރުތަކެވެ.

އެއްބަޔަކު ބަނޑު މުއްތިކުރާނެވަރު ނެތިފައެވެ. ނުވަތަ ބޯލާނެ ފެންފޮދެއް ނެތިފައެވެ. ނަމަވެސް ހިތާމައަކީ  މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ފުދުންތެރިކަން ލިބިފައިވާ މީހުން ކާބޯތަކެތި އިސްރާފު ކުރުމަކީ އެމީހުންގެ ލައިފް ސްޓައިލެއް ކަމުގައި ދެކެމުން އަންނަ އައުމެވެ. 

ހުޅަނގުގެ އިއްތިހާދުން ކުރި ދިރާސާއެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި އަހަރަކު ބޮލަކަށް 214 ކިލޯގެ ކާބޯތަކެތި އުކާލައެވެ. މި ދިރާސާގައި ފާހަގަ ކުރެވިފައިވާ ގޮތުން ސުވިޑެންގައި އެކަނިވެސް އަހަރެއްގެ މައްޗަށް އެއްމިލިއަން ޓަނުގެ ކާބޯތަކެތި އުކާލައެވެ. މި މިންގަނޑުތަކަށް ބަލައިގެން ހުޅަނގުގެ އިއްތިހާދުން ވަނީ 2025 ވަނަ އަހަރުގެ ކުރިން ކާބޯތަކެތި އިސްރާފު ކުރާމިންވަރު ދަށްކުރުމުގެ މަސައްކަތްތަކެއް ފަށައިފައެވެ.

ސުވިޑެންގެ ތިމާވެށްޓާބެހޭ އެޖެންސީން ބުނެފައިވަނީ، އުކާލާ ކާބޯތަކެތީގެ 20 އިންސައްތަ ރީ-ސައިކަލް ކުރެވުނުކަމުގައި ވިއަސް އަހަރެއްގެ މައްޗަށް 28 ބިލިއަން ސްވިޑެން ކްރޯނާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ އަދަދަކީ އެތައް ފަގީރުންނަކަށް އެހީތެރިވެވިދާނެ ފައިސާއެވެ. ކާބޯތަކެތި އިސްރާފު ކުރަމުންދާއިރު ބަނޑުހައިހޫނު ކަންމަތީގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މަރުވަމުންދާކަން ހަނދާންކޮށް އެމީހުންގެ ހައްގުގައިވެސް އިސްރާފު ކުރުން ހުއްޓާލަންޖެހެއެވެ.

ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ގުދުރަތީ މޭވާ ފަދަ ތަކެތީގެ ތެރެއިން ކޮންމެ ތިން ޕެކެޓަކުން އެއް ޕަކެޓު އެއްލައިލަނީ މުއްދަތު ހަމަވެގެން ކަމަށް ސްވިޑެންގެ ލުންޑް ޔުނިވަރސިޓީން ކުރި ދިރާސާއަކުންވަނީ ފެނިފައެވެ.

"އަޅުގަނޑުމެން އެންމެން އަބަދު ވެސް ބަލަމުން ގެންދަނީ ކާތަކެތީގައި ޖަހާފައިވާ މުއްދަތު ހަމަވާތާރީޚަށް. އެ ތާރީޚު ހަމަވުމުން އެއްލާލަނީ. އެހެން ނަމަވެސް އެ ތާރީޚު ޖަހާފައި އެވަނީ އެ އެއްޗެއް ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބަހައްޓައިފިނަމަ މުއްދަތުހަމަވާނެ ކަމަށް ބެލެވޭ ތާރީޚު. އެހެންކަމުން ހަމައެކަނި ތާރީޚަށް ބެލުމަށްފަހު ތަކެތި އުކާލުމަކުން ވެސް ކަމަކު ނުދާނެ،" ތައްޔާރީ ކާނާއާ ބެހޭ ގޮތުން އެ ޔުނިވާރސިޓީގެ ޕްރޮފެސަރ ފޯރ ޕެކިން ލޮޖިސްޓިކްސް ފްރެޑްރިކް ނެލްސަން ވިދާޅުވެފައިވެއެވެ.

ނެލްސަން އާއި އޭނާގެ ޓީމުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، "ޑައިނަމިކް ލޭބަލިން" ގެ ނަމުގައި މިހާރު ލޭބަލްކުރާ މިންވަރަށްވުރެ ހަރުދަނާ ލޭބަލް ކުރުމުގެ ނިޒާމެއް ތައާރަފް ކުރުމަށެވެ.

"ޑައިނަމިކް ލޭބަލިންގެ ސަބަބުން ކާތަކެތީގެ މުއްދަތު ހަމަވާ ތާރީޚު ޖެހުމުގައި މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ. އަދި މުއްދަތު އޮޅުވާލުމަށް ހުރަސް އެޅޭނެ،" ނެލްސަން ވިދާޅުވެފައިވެއެވެ.

ޑައިނަމިކް ލޭބަލިންގައި ކާތަކެތި ބަންދުކޮށްފައި ހުންނާނީ އެތަކެތި އަބަދުވެސް ސެންސަރެއްގެ އެހީގައި މޮނީޓަރ ކުރެވޭގޮތަށެވެ. މިގޮތަށް މޮނިޓަރ ކުރުމުން، ކާތަކެތި ކުނިވާނީ ކިހައި މިންވަރަކަށްކަން ދެނެގަނެވިދާނެ އެވެ.

"ގިނަފަހަރު އުކާލެވެނީ ކުނި ނުވާތަކެތި. ޑައިނަމިކް ލޭބަލުގެ ސަަބަބުން ކާތަކެތީގައި ބެކްޓީރިއާ އުފެދޭ މިންވަރު ދެނެގަނެ އެތަކެތި ހުންނަނީ އެކަށީގެންވާ ފިނިހޫނު މިނެއްގައިތޯ ސަޕްލައިކޮށްދޭ ފަރާތްތަކަށް ވެސް ދެނެގަނެވޭނެ. އަދި ކަސްޓަމަރުން (މިސާލަކަށް ސޮސެޖެއް) ގަންނައިރު އޭތި އޮތީ ކުނިވެފައިތޯ ނުވަތަ ނޫންތޯ ކަންބޮޑުވާކަށް ނުޖެހޭނެ،" ޑައިނަމިކް ލޭބަލާއި ގުޅޭގޮތުން ނެލްސަން ވިދާޅުވެފައިވެއެވެ.

މިފަދަ ދިރާސާއެއް ރާއްޖޭގައި ކުރެވިފައިނުވި ނަމަވެސް، ދިވެހިންގެ އާންމު ދިރިއުޅުމުގައި ކާބޯތަކެތި އިސްރާފު ކުރުމަކީ ހަގީގަތެކެވެ. ބައެއް ދިވެހިންގެ ގައިގައި އެ ލައިފްސްޓައިލްވެސް މިވަނީ އަށަގަނެފައެވެ. އިސްރާފު ކުރުމަކީ އިސްލާމް ދީނުގައި ވެސް ނަހީ ކުރައްވައިފައިވާ ކަމެކެވެ. އެހެންކަމުން އިސްރާފުކުރުމުން އެއްކިބާވާން އެބަޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.